އދގެ ”އޮފީސް އޮން ޑްރަގްސް އެންޑް ކަރައިމް“ އިން ރާއްޖައެއަށް ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމުގައި އެހީ ފޯރުވަން ފަށައިފިއެވެ.
އދ އިން ހާމަކޮށްފައިވާގޮތުން ގްލޯބަލް ޓެރަރިޒަމް އިންޑެކްސްއިން ދެކުނު އޭޝިއާ ސަރަހައްދުގައި ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން ބޮޑެތި އަސަރުތައް ކޮށްފައިވާކަން އެނގިގެންދާނެކަމެވެ. އަދި ފާއިތުވި އަހަަރުތަކުގެ ތެރޭގައި ހަރުކަށި ފިކުރު އިތުރަށް ފުޅާވެދިއުމާއި، ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާތައް ދިނުމާއި ހަނގުރާމައިގެ މައިދާނެއްގައި އުޅުމަށްފަހު އަނބުރާ ގައުމުތަކަށް ދާ މީހުންގެ މައްސަލަތައްވެސް އިތުރުވެފައިވާކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އދ އިން ބުނެފައިވާގޮތުން، މި މައްސަލަތައް އިތުރުވަމުންދިއުމުގެ ސަބަބުން ގައުމުތަކުގައި މިފަދަ ކަންކަމުން ދިފާއުވުމުގެ ގާބިލުކަން އުފެއްދުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. އދ އިންވަނީ އެ ޖަމިއްޔާގެ ބައްދަލުވުންތަކުގައި އެފަދަ ކަންކަމާއި ދެކޮޅަށް ގައުމުތަކުގެ ސަރުކާރުން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާފައެވެ. އަދި ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރަދަނާކޮށް، ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އަދަބު ދީ ބޭނުންޖެހޭ ފަރާތްތަކަށް ރިހެބިލިޓޭޝަންގެ ހިދުމަތާއި އަނބުރާ މުޖުތަމައަށް އަށަގެންނެވުމުގެ މަސައްކަތްތައް ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވެއެވެ.
އެ ޖަމިއްޔާއިންވަނީ ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އެހީ ފޯރުވުމުގެ ގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއިއެކު މަސައކަތްތަކެއް ފަށާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބަލާ އިސް ފަރާތްތައް ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް މި އަހަރުގެ ފެބްރުއަރީ މަހުގެ 13-15 ވަނަ ދުވަހަށް މާލޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި 30 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
އދގެ ”އޮފީސް އޮން ޑްރަގްސް އެންޑް ކަރައިމް“ އިން ބުނެފައިވާގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަމްރީނުގެ ބައިވެރިންނަށް ވާނީ އެންމެ ފަހުގެ ވަސީލަތްތަކާއި މިންގަނޑުތައް ދަސްކޮށްދީފައިކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގައި މީހާގެ ޖިންސާއި އުމުރު ފަދަ ކަންކަމަށް ބެލުމަށާއި އޮންލައިންކޮށް ހިންގަމުންދާ ކުށްތަކުގެ މައްޗަށްވެސް ތަމްރީނުތަކުގައި އަލިއަޅުވާފައިވެއެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުން ތަމްރީނުތަކުގެ ބައިވެރިންނަށް އަމަލީ ތަޖުރިބާތައްވެސް ލިބިފައިވާނެއެވެ. އަދި ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިމަތިވާ މައްސަލަތަކަށްވެސް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކޮށްފައިވާނެކަމަށާއި މި މަސައްކަތްތައް ކުރެވިފައިވަނީ ޔޫރަޕިއަން ޔުނިއަނުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ”ސަޕޯޓް ޓު އެޑްރެސިންގް ދަ ރިސްކް އޮފް ޓެރަރިޒަމް އެންޑް ޓު އިންކްރީޒިންގް ސެކިއުރިޓީ އިން ދަ މޯލްޑިވްސް“ މަޝްރޫޢޫގެ ދަށުންކަމަށް ބުނެފައިވެއެވެ.

