ވޯޓު އޮޅުވާުނުލެވޭނެ ނިޒާމަކީ ”ބްލޮކްޗެއިން“ ވޯޓިން ސިސްޓަމް ރާއްޖެ ގެނައިސްގެންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮޑެތި ހަރަދުތަކެއްކޮށް ބާއްވާ ބައި އިލެކްޝަންތަކަށް އާންމުންގެ ތާއީދު ނެތްކަމަށް ފާހަގަކޮށް އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ”ސަންގު ޓީވީ“ ގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، އެއީ ރައްޔިތުންނަށް ވޯޓުގެ ސައްހަކަމާއިމެދު އިތުބާރު ނެތުމުންކަމަށެވެ. ރައްޔިތުން ވޯޓު ލާން ދަނީ އުއްމީދެއްގައިކަމަށާއި، ނަމަވެސް އޭގެ ނަތީޖާ ހާސިލު ނުވާނަމަ ރައްޔިތުންގެ އެ ޝައުގުވެރިކަން ނުހުންނާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މިހާރު ކުރިއަށް އޮތްތާވެސް ވޯޓުލާން މަދުވާނެ، އެއީ އުއްމީދެއްގަ ރައްޔިތުން އެމްޑީޕީއަށް މި ދިނީ އަގުލަބިއްޔަތުވެސް، އެކަމު މި ދިން އިރުގަ މީގެ ތެރެއިން ނަތީޖާ ނުނެރެވޭކަމަށް ވަންޏާ އަދި ހާއްސަކޮށް އެބަ ފެނޭ ވޯޓު ލާން ނިކުނަ އިރުގަ އޮޅުވާލައިގެން ވަގު ހަދައިގެން ކަންކަން ކުރާތައްވެސް އެބަފެނޭ
ރާއްޖޭގައި ވޯޓުލުމުގެ ނިޒާމު އޮތީ ދެ ފެށް ފެންނަ ގޮތެއްގައެއްނޫންކަމަށާއި، އަދި ފާޅުގައި ވޯޓު ފޮއްޓަށް ނުފޫޒު ފޯރުވާކަން ރައްޔިތުންނަށް އެގޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ކުރީގަ ވޯޓު ފޮށީގަ ބަނޑު އަޅާ ވާހަކަ މި ދައްކަނީ، މިހާރު ކުންފުނިތަކުން ނެރެ ވޯޓުތައް ކަހާލާތައް އެބަ ފެނޭ. ދަތް ގަނޑު ޖައްސާފަ، ކޮޅު ވެއްޓި ޖައްސާފަ، ވޯޓުތައް ކަހާލާތަން
ހުސްވާ ގޮނޑިތަކަށް މީހުން އައްޔަނުކުރަންޖެހި ހަރަދު ބޮޑުވަނީނަމަ، ހަރަދު ކުޑަ އިތުބާރު ހުރި ގޮތް ގޮތް އެބަހުރިކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ، ”ބްލޮކްޗެއިން“ ނިޒާމެއް ރާއްޖެ ނެގައިސްފިނަމަ ވޯޓު ލާން ޒުވާނުންވެސް ނިކުންނާނެކަމަށެވެ.
މި ނިޒާމުގައި މެދުވެރިއަކު ނުހުންނާނެކަމަށާއި، މެދުވެރިއަކު މެދުވެރިވެގެން ހިގާ ނިޒާމުތަކުގައި އޮޅުވާލުމުގެ ފުރުސަތު ލިބިގެންދާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ކިރިޕްޓޯ ކަރަންސީ އަދި ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާއަކީ ”ބްލޮކްޗެއިން“ ގެ ކަރަންސީ ބައިކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ އިލެކްޓްރިކަލް ސިސްޓަމެއް ނޫންކަމަށާއި، އެއަށްވުރެ މާ ވަރުގަދަވާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މިއީ ހަމައެކަނި ކިރިޕްޓޯ ކަރަންސީއޭ މި ކިޔާ ބިޓްކޮއިން އޭ އަޅުގަނޑުމެން މިކިއަނީ އެއީ ކަރަންސީ ބައި އޭގެ. އޭގެ ލޮޖިސްޓިކް ޓްރާންސްޕޯޓާއި މީޗިސް ބްލޮކް ޗެއިންގެ ތެރެއިން ދާނީ
ދުނިޔޭގެ އެންމެ އިތުބާރު ހުރި ”ބްލޮކްޗެއިން“ ގެ ސިސްތަމަށް ރާއްޖޭގެ ވޯޓިން ނިޒާމު ބަދަލުވުން މުހިންމުކަމަށާއި، އަދި ހާއްސަކޮށް ކައުންސިލްތަކުގެ ވޯޓުގައި މި ނިޒާމު މުހިންމުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ޓްރޭޑްކޮށް، މުސްތަގުބަލުގައި ވިޔަފާރިކުރާނީވެސް މި ނިޒާމުންކަމަށް ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ މި ނިޒާމަށް ބަދަލުވުމުން ލާމަރުކޮށް ހުންނާނެކަމަށެވެ.
90 ގެ އަހަރުތަކަށް ފަހުގައި އުފަންވި ޒުވާނުން ވޯޓުލާން ނިކުންނާނީ މި ނިޒާމުގެ ދަށުންކަމަށް ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ، މިއަދުގެ ޒުވާނުންނަށް ސިޔާސީ މީހުން އެގޭކަމަށެވެ. ވޯޓު ހޯދުމަށްޓަކައި ދައްކާ ވާހަކަތަކަށްފަހު އަމަލުތައް ހުންނަ ގޮތް އިގޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ވޯޓު ލާން ނުނިކުންނަ ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑޫ ހަރަދުކޮށް ބާއްވާ އިންތިހާބުތަކުގައި ރައްޔިތުން ވޯޓު ލކާން ނުނިކުތުމެވެ. އެތައް ހާސް މީހުންނެއްގެ ތެރެއިން ކިތައްމެ މަދު ބަޔަކު ވޯޓުލާން ނިކުތް ނަމަވެސް ވޯޓު ލާ މީހުންގެ އަދަދަށް ވޯޓު ކަރުދާސް ޗާޕު ކުރަންޖެހޭކަމަށް ފާހަގަކޮށް އީސީ އިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

