ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދު ޖަހާތީ، ރައީސް ޔާމީންގެ ނުރުހުން: މިކަމަށް ނިމުމެއް އަންނަން ޖެހޭ!

އިހަވަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ, ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ބަންދުން ދޫކޮށްލާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ތިލަދުންމައްޗަށް ކުރައްވާ ދަތުރުގެ ތެރެއިން ރޭ ހއ އިހަވަންދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ. ރައީސް ޔާމީން ވަނީ ޝަރުއީ ދާއިރާއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ، މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ވާނުވާ ޖަހާފައި ބޭތިއްބުމުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގައި ބަންދުކުރާ މީހުންގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށްފަހު ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމަކުން މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް އެހެނިހެން އާދައިގެ މައްސަލަތަކުގައި ވާނުވާ ބަންދުގައި ބޭތިއްބުމަކީ ގޯހެއްކަމަށް ވިދާޅުވެ، ރައީސް ޔާމީން ފާހަގަކުރެއްވީ ސުލްހަވެރިކަމާ އެކު އެއްވެ، ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް، ކޯޓުތަކުން ބަންދުގެ މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށެވެ.

ކީއްތޯ ކުރަނީ؟ 45 ދުވަސްވަންދެން މުއްދަތު ޖަހާލަ ޖަހާލާ. މުހައްމަދު އިސްމާއިލް. އެހެރީ 45 ދުވަސްވަންދެން މުއްދަތު ޖަހާފަ. ހަމަ ޖަހަމުންޖަހަމުން ގެންދަންވީ. މިއީ އިންސާފުތޯ؟ 45 ދުވަސް ވާއިރު ދައުލަތުން މީހަކާއި ދޭތެރޭގަ ތުހުމަތެއް އޮތިއްޔާ ދައުލަތުން ޖެހޭނީ އޭނަގެ މައްޗަށް ދައުވާ އުފުލަން. އެހެންވީމަ މި ކުޅިގަނޑަށް އެބަޖެހޭ ދެއްތޮ ނިމުމެއް އަންނަން.

މިއީ ރައްޔިތުންގެ ހައްގަކަށް އަރައިގަނުންކަމަށް ފާހަގަކުރައްވާ، ރައީސް ޔާމީން ވިދާޅުވީ މިކަމަށް ނިމުމެއް އަންނަންޖެހޭކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިކަންކަމަށް ހައްލު ހޯދާނަންކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުވެއްޖެނަމަ ވާނުވާ ޖަހާފައި ތިބި މީހުން 10 ދުވަހުގެ ތެރޭގައި ދޫކޮށްލާނަންކަމަށް ވިދާޅުވިއެވެ.

ކުށް ސާބިތުނުވާ މީހުން ހައްޔަރުގައި ގެންގުޅުމުގެ ބޭނުމެއް ނެތްކަމަށާއި، މިކަމުގައި ފަނޑިޔާރުންގެވެސް އިހުމާލު އެބައޮތްކަމަށް ވިދާޅުވެ، ރައީސް ޔާމީން ފާހަގަކުރެއްވީ ފުލުހުންނަށް އެކަށީގެންވާ މިންވަރަށް ތަހުގީގުތައް އަވަސްކޮށް ކުރިއަށް ނުގެންދެވޭނަމަ އެކަމަށް ފަނޑިޔާރުންވެސް ގޮތް ނިންމަންޖެހޭނެކަމަށެވެ. މައްސަލަތަކުގެ ނާޖާއިޒު ފައިދާ ފުލުހުން ނެގުމުން، ފަނޑީޔާރުންނަށް އެއަށް ތަބާވެ ގޮތް ނިންމުމުގެ އިހުތިޔާރު ލިބިގެންނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބޮޑެތި ތުހުމަތުތަކެއް ހުރެގެން، ފުލުހުންނަށް ބޮޑެތި ކަންތައްތަކެއް ސާބިތުކޮށްދެވޭވަރުގެ ތުހުމަތު ހުރެއްޖަމުގައިވަނީނަމަ އެންމެ ރަނގަޅު ފުރަތަމަ 10 ދުވަސް ޖަހާބަ. ދެން ނާދޭ އިތުރަށް މުއްދަތު ޖަހަން ފަނޑިޔާރުން ވިދާޅުވާންވާނެ ދެން މިތަނަށް ނާންނާށޭ. އެ 10 ދުވަހުގެ ތެރޭގައި ފުލުހުންނަށް އޭނަ އާއި ދެކޮޅަށް މައްސަލަ ފައިލްކޮށްދެވެންވާނެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިތުބާރު ކުރެވެނީ ހަމައެކަނި ސުޕްރީމް ކޯޓަށް އެކަނިކަމަށާއި، ހައި ކޯޓާއި ދަށު ކޯޓުތަކުގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށެވެ.މި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް އަބަދުވެސް ތުހުމަތުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވިދާޅުވީ، ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: