ދިވެހި ދައުލަތުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ދެވޭނެ ގޮތް ހެދުމަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަޑަށްވުރެ މައްޗަސް ރާއްޖޭގެ ދަރަނި ގޮސްފައިވާކަން އޭނާ ހަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ދައުލަތުގެ ދަރަނި ދެއްކޭނެ ފިޔަވަޅުތައް އެޅުމަށާއި އަދި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ ގޮތް ހެދުމަށް ވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ދުނިޔޭގެ އިގްސާދަށް އަންނަ ލޮޅުންތަކާއިއެކު ރާއްޖޭގެ އިގްތިސާދަށް ވެސް އެ ލޮޅުން އަންނަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސަލާމަތުގެ އަށްސޭރިއަކަށް ދަތުރު ކުރަމުންދާ ކަމަށާއި ނަމަވެސް އިގްތިސާދު ރަނގަޅު ކުރުމަށާ، ދަރަނި ދެއްކުމަށް އަލަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ގިނަކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ބައެއް މެމްބަރުން ވާހަކަ ދައްކަވާތީ އެކަމަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ ޔޫރޮޕްގެ ގައުމުތަކުގައި ވެސް ޓެކްސް ނަގަނީ 25 ޕަސެންޓާއި 30 ޕަސެންޓާއި ދޭތެރޭގައި ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުގެ ތެރެއިން އިންޑިއާގައި ވެސް ނަގާ ޖީއެސްޓީގެ އެވްރެޖް ސްޓޭންޑެޑް ރޭޓަކީ 28 ޕަސެންޓް ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ނަގާ ޓެކްސްގެ ރޭޓް ދަށް ކަމަށެވެ.
ޓެކްސް ބޮޑުކުރުމުން ތަކެތީގެ އަގު މައްޗަށް ގޮސް އޭގެ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ދައުލަތުން ނަގާ ކޮންމެ ޓެކްސްއަކީ އޭގެ ސަބަބުން ރައްޔިތުންނަށް އޭގެ ސީދާ އަސަރު ކުރާނެ ޓެކްސްތަކެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބައެއް ޓެކްސްތަކުގެ ސަބަބުން ވިޔަފާރިތަކަސް ލިބޭ ފައިދާ ކުޑާވާނެކަން އޭނާ ވެސް ގަބޫލު ކުރާ ކަމަށާއި އަދި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ވިޔަފާރިވެރިންނަށްކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ހާލަތު އޮތްގޮތުން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ތާއިދުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.
މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.
މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

