ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު “ސްލޯ” ކަން ސާބިތުކޮށް ދެނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މެމްބަރުން!

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ސްލޯކަމަށް ބުނާތީ އަޑުއަހަމެވެ.

ހަމަ ހަގީގަތުގައިވެސް ސްލޯތޯ ހިތާހިތުން އުފައްދާ ސުވާލުގެ ހެކި ދައްކައިދެނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުންނެވެ. މަޖިލީހަށް ދައުލަތުގެ ވަޒީރަކު ހާޒިރުކޮށް، ސުވާލުކުރުމުގެ ފުރުސަތުދެއްވުމާއިއެކު، މެންބަރުން ކުރައްވާ ސުވާލުގެ ފެށުމަށް އަދި މައިގަނޑު ނުކުތާއަކަށް ވެގެންދާނީ ރައީސް ސާލިހު 2018 ގައި ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ވައުދާއި އެއްގޮތަށް ކޮންމެސް މަސައްކަތެއް ނުކުރެވި އޮތް ވާހަކައެވެ.

ވެރިކަމަށް 4 އަހަރު ވެގެން ދިޔައިރުވެސް ރަށު ބަނދަރު ތަރައްގީ ނުކޮށްދީ އޮތްވާހަކައެވެ. ވެރިކަން ނިމެން އަހަރަކަށްވީއިރުވެސް ގޭ ދޮށު މަސް ފެކްޓްރީ އަޅައި ނުދެވުން ވާހަކައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބޯ މަތިވީ އިރުވެސް ރަށު ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅުކޮށް ނުދެވުނުކަމުގެ ވާހަކައެވެ. 5 އަހަރުގެ ދައުރު ނިމި، އަނެއް ފަސް އަހަރު ހޯދުމަށް މަސައްކަތްކުރައްވާއިރު، އަދިވެސް ބާނާ މަހަށް ހަމަ އަގު ނުލިބި އޮތްތާ އަގުވެސް ނުލިބުނު ވާހަކައެވެ.

މަޖިލީހުގެ ތަޅުމުގައި ހުންނެވީ މާލީ ވަޒީރު އިބްރާހީމް އަމީރު ނަމަ މެންބަރުން އައްސަވަނީ ދައުލަތުން ގެއްލިފައިވާ ފައިސާ އަބުރާ ދައުލަތަށް ހޯދުމަށް ވެވަޑައިގެން ވައުދާއި އެއްގޮތަށް ދައުލަތަށް އެންމެ ބައި ރުފިޔާ ފޮއްޗެއްވެސް ލިބިވަޑައިގެންފައިވޭތޯ އެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ގެއްލިފައިވާ އެއްވެސް ފައިސާއެއް ހޯދިއްޖެތޯ އެވެ. ގައުމު ނޭވާހޮޅިއަށް އެޅިފައި އޮއްވާ ކުރި ވައްކަމުގެ ސަބަބުން ވެންޓިލޭޓަރު ނުލިބުނުތާ، އޭގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާ ލިބިއްޖެތޯއެވެ.

ނޫނީ މި ސަރުކާރުން އެކަމަކަށްޓަކައި ފަހުރުވެރިވާ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ގާނޫނުގެ 69 މާއްދާގައިވާ ގޮތުގެ މަތިން ގައުމީ އިދާރާތްތަކުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކައުންސިލްތަކާއި ހިންގުން ހަވާލުކުރަންޖެހޭ މަޝްރޫއުތަކުގެ ފައިސާ ކައުންސިލްތަކާއި ހަވާލުނުކުރައްވަނީ ކީއްވެގެންތޯއެވެ.

ޖަވާބު ވަރަށް ވެސް ކުރެވެ. ދަތިތަކާއި އެކު ވެސް މަސައްކަތް ކުރަމުންދާކަމަށާއި، ނަތީޖާ ނެރޭނެ ކަމަށެވެ. ނަމަވެސް އެ ބުނާ ނަތީޖާއަކާއި ހަމައަށް ވާސިލުވުމަށް ކުރި މަސައްކަތުގެ މާބޮޑު ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ. ދައްކާ ބަހަނާއަކީ ކުރީ ސަރުކާރެވެ. ހާވާފައި އޮތް ހަޑިއަކުން އަދިވެސް އަރައިނުގަނެވޭކަމަށް ވިދާޅުވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަބަދުވެސް ފާހަގަ ކުރައްވާ ނުކުތާއަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ތައުލީމީ ދާއިރާގައި ނުވެ ހުރި އެތައްކަމެއް މި ސަރުކާރުން ވެރިކަމަށް އައިސް ކޮށްފައިވާކަމަށެވެ. ނަމަވެސް މިނިސްޓަރު ވެސް މަޖިލީހަށް ހާޒިރު ކުރުމާއި އެކު ކުރާ ސުވާލަކީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒު ނުކުރެވޭ ސަބަބާއި މެދު ކުރާ ސުވާލެވެ. ތިން އަހަރު ނުވަތަ، ހަތަރު އަހަރު ވެގެން ދިޔައިރު މެނިފެސްޓޯއެއްގައި ލިޔެފައިވާ ވައުދުތަކެއް ނުފުއްދޭ ސަބަބާއި މެދު އިދިކޮޅުން ކުރާ ސުވާލުތަކަށް ވުރެ، އެމްޑީޕީގެ މެމްބަރުން ކުރާ ސުވާލެވެ. ސުކޫލުތައް ތަރައްގީކުރުމަށްޓަކައި ބަޖެޓު ކުރި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ނުވާތީ، އެއީ ކީއްވެގެންތޯ އަހާ ކުރެވޭ ސުވާލުތައް ވެސް ގިނަ އެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ތައުލީމީ ނިޒާމެވެ. މަލްޓި ޕާޕޯސް ހޯލު ކޮބައިތޯ އައްސަވާ ކުރައްވާ ސުވާލުން، މެމްބަރުން ކުރަނީ ފުލުފުލުންނެވެ.

މި ސުވާލުތަކަށް ދޭނެ ޖަވާބަކީ، ތަންފީޒު ކުރުން ލަސްވީ ނަމަވެސް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި ޓެންޑަރިން ބަހަނާތަކާއި، މިނިސްޓްރީން ކުރަން ޖެހޭ ހަރަދުތަކާއި، ކުރެހުންތައް ނިމިފައިވާކަމަށް ވެސް ގިނަ ފަހަރަށް ވިދާޅުވާނެ އެވެ. ނަމަވެސް ކޮވިޑު ނުވަތަ ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މަސައްކަތްތެރިން ގެނައުމަށް ލަސްވަނީކަމަށް ވިދާޅުވުން އެއީ އާއްމު ވާހަކައެކެވެ.

ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާތީ ނުވަތަ ސްލޯވެގެން ސުވާލެއްކުރައްވައިފި ނަމަ، ފެންނަނީ ސަރުކާރުގެ ދިފާއުގައި މިނިސްޓަރަށް ދެއްކޭ ނުދެއްކޭ ވާހަކަ އޮޅޭ މަންޒަރެވެ. ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫންކަމަށް ނުވަތަ ވައުދުތައް ވަނީ ކުރުމުގެ ނިޔަތުގައި ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެ ހުރިހާ ތަފްސީލު ތަކަށް ބެލުމަށް ފަހުގައި ނޫން ކަމަށް ވިދާޅުވާނެއެވެ. އެހެންކަމުން ބައެއް މަޝްރޫއުތައް ވަރަށް ދިގުލައިގެންދާ ކަމަށާއި އަދި މަޝްރޫއުގެ ގޮންޖެހުން ތައްވެސް އެނގެނީ ތަފްސީލާ ހިސާބަށް ދިއުމުން ކަމަށް ފާހަގަކުރައްވާއިރު، މިއީ ސަރުކާރުގެ ސްލޯކަން ނޫނީ އިތުރު ކޮންކަމެއް ހެއްޔެވެ؟

ވައުދެއްވުމުގެ ކުރިން، އެކަމުގެ ހުރި ގޮންޖެހުންތައް ދެނެ ނުގަނެ ދިގުލައިގެން ގޮސް 4 އަހަރުވެގެންދާއިރުވެސް ގޮންޖެހުންތައް ދެނެ ނުގަނޭވޭހާ ސަރުކާރު ސްލޯއީ ހެއްޔެވެ؟

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެންމެ ފަހުން ހާޒިރުކުރެވުނު މަޖިލީހުގެ ޖަލްސާގައި ސުވާލުކުރުމުގެ އިތުރު ފުރުސަތުދެއްވުމުން، ސުވާލުކުރެއްވި ސުޕަ މެޖޯރިޓީ އެމްޑީޕީ މެންބަރުންގެ ސުވާލުތައް ފެއްޓެވީވެސް ސްޕީޑާއިމެދު ހިތްހަމަނުޖެހޭކަމަށް ވިދާޅުވެއެވެ. ތަފާސްހިސާބުތައް ކިތައްމެ އަގަ ފުޅާކޮށް ދެއްވި ނަމަވެސް މަންޒަރު އޮތީ ފެންނާށެވެ. ވައުދާއި އެއްގޮތަށް އެއާޕޯޓުތައް އެޅި، ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބުނު ނަމަވެސް ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގައި ހަމަ ސްލޯއީއެވެ. އަވަސްކަމާއިއެކު މުޅި މައްސަލަ އެކީ ހައްލެއްނުވެއެވެ. ހައްލު ކުރި މައްސަލައިގެ ތެރެއިން މައްސަލައެއް ފެންމަތިވުމުން އަވަސް ހައްލެއްހޯދޭ ވަރަށްވުރެ ސަރުކާރު ސްލޯއެވެ. ވިދާޅުވަނީ މަޝްވަރާކުރެވިފައިވާކަމަށެވެ. މަސައްކަތް ކުރެވެމުންދާކަމަށެވެ. އެއް މަރުހަލާ ނިމި އަނެއް މަރުހަލާ ފަށައިގެން މުޅި މަސައްކަތް އެކުގައި ނިންމަން އަހަރު ދެ އަހަރު ނެގީމައި މިއީ ސްލޯކަން ނޫން ދެން އިތުރު ކޮންކަމެއް ހެއްޔެވެ؟

މަޖިލީހުގެ ތަޅުމުގައި ފާހަގަނުކުރާ އަދި ކިތައްކަންތައް ސަރުކާރަށް ނުވެ އޮންނާނެތޯއެވެ.

ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދައިދެއްވާނަންކަމަށް ވައުދުވެވަޑައިގެންނެވި އެތައް ވައުދެކެވެ. ޖުޑިޝަލް ސާވީސް ކޮމިޝަން އިސްލާހު ކޮށްދެއްވުންފަދަ އެތައް ބައެއްގެ ހައްގުތަކާއި ގުޅިފައިވާ ކިތައް ކަންތައްތައް ނުވެ އެބަ އޮތްތޯއެވެ. ދެން ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފުންކުރެއްވި ބަނދަރުތައް ދެއްވާ ކޮންމެ ސްޕީޗެއްގައި ފާހަގަކުރެއްވިއެއްކަމަކު، ފެންނަން އޮތް މަންޒަރު ތަފާތުވާނެ ހެއްޔެވެ؟

އެޖެންޑާ 19 ގައިވާ ގޮތަށް ސަރުކާރުން ވައުުދު ނުފުއްދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ނުފުއްދި ހުރި ވައުދުތައް ފާހަގަކުރައްވަނީ ހަމަ އެމްޑީޕީގެ މެމްބަރުންނެވެ. ޖަޒީރާ މެނިފެސްޓޯގެ ދަށުން، ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން 2023 އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު އެބައޮތްކަންވެސް ފާހަގަކުރައްވަނީ ހަމަ އެމްޑީޕީގެ މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: