ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކުރަން ޖެހޭ ކަމަކީ ޓެކްސް ބުޑުކުރުން ނޫން ކަމަށާއި ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި އާޒިމް ވިދާޅުވީ ކޮވިޑަށް ފަހު އެންމެ ހަލުވި ކަމާއިއެކު ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހިމެނޭކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ކޮވިޑަށް ފަހު އަންދާޒާ ކުރި ވަރަށްވުރެ މައްޗަށް ދައުލަތަށް އާމްދަނީ ލިބިފައިވާކަން ވެސް މިނިސްޓަރ ފާހަގަ ކުރައްވާ ކަމަށާއި ދަރަނި ދެއްކުމަށް ވެސް ރާއްޖެއަށް އެއްވެސް ދައްޗެއް ނެތް ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ޓެކްސް ބޮޑު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރަނީ، ރިކަރަންޓު ހަރަދުތަކަށް ފައިސާ ބޭނުންވާތީކަަމަށް ތުހުމަތު ކުރައްވައި އާޒިމް ވިދަޅުވީ އެކަން އެތެރޭގެ ހަރަދުތައް މެނޭޖުކޮށްގެން ވެސް ހައްލު ކުރެވޭނެ ކަމަށެވެ. ހާއްސަކޮށް ސަރުކާރު ހިއްސާވާ އެތައް ބޭކާރު ކުންފުނިތަކެއް ހިންގަމުން ދަނީ އެއްވެސް ފައިދާއެއް ނެތިކަމަށާއި މިއީ އުވާލަން ޖެހިފައިވާ ކުންފުނިތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.
ބިލު ދިރާސާ ކުރިޔަށް ގެންދާއިރު ކޮމިޓީއަށް މިނިސްޓަރު ހާޒިރު ކުރުން މުހިންމުކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެ އިތުރުން ޓެކްސް ބޮޑު ކުރުމުން ވިޔަފާރިތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ވިޔަފާރިވެރިންނާއި ކޮމިޓީން ބައްދަލު ކުރުމަށް އާޒިމް ހުށަހެޅުއްވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މިހާރު މުޅި ދުނިޔޭގެ އިގްތިސާދު އޮތް ހާލަތާ އަދި ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް އުފެލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑު ކުރުން ރަނގަޅެއް ނޫނެވެ. އަދި ރައްޔިތުން ދައްކަން ޖެހޭ ޓެކްސް އެއް ބޮޑުކުރުމަށް އޭނާގެ ތާއީދެއް ނުލިބޭނެކަމަށް ވެސް ވިދާޅުވި އެވެ.
ޓެކްސް ބޮޑު ކުރުމަށް ނިންމައި، ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުން ފެށިގެން ބިލު ގާނޫނަކަށް ވެސް ތަސްދީގު ކުރަން ފެށުމެވެ. ނަމަވެސް އެކަމަށް ދެކޮޅު ހައްދަވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދާއި އަރިސް މެމްބަރުންނެވެ. އެމަނިކުފާނު ވެސް ހިމެނޭހެން، މެމަބަރުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސަރުކާރުން ކުރަމުން ދާ ބޭކާރު އެތެރޭގެ ހަރަދުތައް ކުޑަކުރުމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ. މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

