މި ޒަމާނުގައި ހަމަލާތައް އަމާޒު ކުރަނީ ކަނޑިބަޑިން ނޫންކަމަށާއި، އެކަން ކުރަނީ ވިސްނުމާއި ފިކުރުންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެހެން ގައުމުތަކާއި އެކު، ހަރުދަނާ ގުޅުމެއް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަކީ، ގައުމު ދިފާއު ކުރުމަށްވެސް މުހިންމު ކަމެއް ކަމަށް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ގައުމިއްޔަތު އާލަކޮށް، ގައުމުގެ ތެރޭގައި ސުލްހަ ދެމެހެއްޓުމަކީ، ކޮންމެ މީހަކުގެވެސް މުހިންމު ދައުރެއް އޮންނަ ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށްޓަކައި، ގާނޫނުތަކާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖުތަމައުގެ މަސްލަހަތަށް އިސްކަންދިނުން މުހިންމުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްތިއުމާރީ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އުތީމު ތިން ބެިންނާއި، ދެ ހާއްޖީންގެ އިތުރުން ދަނޑަހެލު އަދި ބޮޑު ތަކުރުފާނު އަދާ ކުރެއްވި ދައުރައް އަލި އަޅުވައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިހާރު ހަމަލާތައް އަމާޒު ކުރަނީ ކަނޑި ބަޑިފަދަ ތަކެތިން ނޫންކަމަށެވެ. އަދި އެކަން ކުރަނީ ވިސްނުމާއި ފިކުރުންކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، އެހެން ކަމުން ފިކުރީ ހަނގުރާމައިން ދިފާއުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި ގައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި އަންނަނިވި ޖީލުތަކުގެ ހިތްތަކުގައި އެ ޝުއޫރުތައް އާލާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވަނީ، ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް، އެތަކެތި ހަވާލު ކުރައްވާ، ނިޝާން މުލީގޭ ޝަރުފުގެ އިއްޒަތް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ދެއްވާފައެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމު އަދި ރައީސް ސާލިހުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

