ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިމީހާގެ ޑްރަގްސް ވިޔަފާރި ފައިސާ ބޭނުންކުރިކަމަށް ބުނެ ކުރި މަނީލޯންޑްރިންގެ ދައުވާ ބޭރުކޮށްލައިފި

ފިރިމީހާ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރި ރާމިޒާ އަލީގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ފައިސާ، އެކައުންޓަށް ޖަމާކުރުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ އޭގެއިން މަންފާ ހޯދިކަމަށް ބުނެ އޭނާގެ އަނބިމީހާގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިން ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ، ލަކީލާސްޓް ރާމިޒާ އަލީގެ މައްޗަށެވެ. އަދި މިއީ މިފަދަ ކުށެއްގައި މީހެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ރާމިޒާގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ރަންގަލް ހަސަން ލޫތުއަށް މައްސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތަށް ޖެނުއަރީ 12، 2021 ގައި ހައްޔަރުކޮށް މަނީލޯންޑްރިން އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. ގެސްޓު ހައުސްއެއް ބަލާ ފާސްކޮށް، ލޫތު ހައްޔަރު ކުރީ ގިނަ އަދަދެއްގެ ފައިސާ އާއި އެކު އެވެ. އަދި ގެސްޓް ހައުސްއިން ލޫތާއި އެކު ހައްޔަރު ކުރި މީހުންނާއި ގުޅުން ހުންނަ ތަނެއް ބަލާ ފާސްކުރިއިރު އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އެތަނުން ތަހުގީގަށް ހޯދި އެވެ.

މައްސަލައިގައި ހިމެނޭ ލޫތު މާލޭގައި ދިރިއުޅުނު ނަމަވެސް ރާމިޒާ އަކީ ތިނަދޫގައި ގުރުއާން ކިޔަވައިދޭ މީހެކެވެ. އޭނާ މާލެ އައީ ލޫތު ހައްޔަރު ކުރުމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތު ކުރެވޭ ލޫތު، އޭނާއަށް ލިބުނު ފައިސާ ރާމިޒާގެ އެކައުންޓަށް ޖަމާކުރުމުން އޭނާ އެ ފައިސާ ބޭނުންކުރިކަމަށް ނުވަތަ މަންފާ ނެގިކަމަށް ބުނާ މައްސަލައި ހައްޔަރުކޮށް އަޑުއެހުންތައް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ރާމިޒާގެ މައްޗަށް ކުރި ދައުވާތައް ކޯޓުން ބޭރުކޮށްލާފައި ވަނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅަމަކަށް ގޮތެއް ނިންމަމުންނެވެ. އެގޮތުން ރާމިޒާގެ ފަރާތުން މައްސަލައިގައި ބުނެފައި ވަނީ ދައުލަތުން އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް އޭނާއާއި ގުޅޭ ގޮތް ބުނެދީފައި ނުވާކަމަށާއި، މައްސަލަ އޭނާއާއި ގުޅެނީ ކިހިނެއްކަން ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ހެކިތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ބުނެ، ހެކިތައް ބަލައިނުގަތުމަށް ހުށަހެޅި އެވެ. ރައްދުގައި ދައުލަތުން ބުނީ، ހެކިތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ރާމިޒާއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ބަލައިނުގަތުމަށް ހުށަހަޅާފައިވާ ހެކިތަކަކީ އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކެއްކަމަށް ދައުލަތުން ބުންޏެވެ.

ޝަރީއަތުގެ މަރުހަލާ ކުރިޔަށް ދިޔައިރު ރާމިޒާގެ ފަރާތުން އޭނާގެ ވަކީލު އަލީ ޝާހު ވަނީ މިއީ ފުރިހަމަ ނުވާ އޮޅުންބޮޅުން އަރާ ދައުވާއެއްކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުން ރާމިޒާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު އޭނާ ކުށް ކުރި ގޮތާއި ކުށް ކުރި ވަގުތު ބުނެދެވިފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާ ކުށެއް ކުރަން އުޅުނުކަމުގެ ނިޔަތެއް އޮތް ތޯ ނޫންތޯ ދައުލަތަށް ބުނެދެވިފައި ނުވާކަމަށް ޝާހު ވިދާޅުވި އެވެ. ރާމިޒާގެ އެކައުންޓަށް ލޫތު ފައިސާތަކެއް ޖަމާކުރިކަން ދައުލަތަށް އެނގޭއިރު، އަދި އެއީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާކަމަށް ބުނާއިރު އެކަމުގައި ދައުލަތުން ރާމިޒާއަށް އެއްވެސް އިރުޝާދެއް ނުދޭކަން ވަކީލު ފާހަގަކުރެއްވި އެވެ.

ޝާހު ވިދާޅުވެފައި ވަނީ ރާމިޒާއަކީ ގުރުއާން ކިޔަވަދިނުމުގެ އިތުރުން، ރާއްޖެއިން ބޭރުން ގަސް ގެނެސް އޭގެއިން ވިޔަފާރި ކުރާ މީހެކެވެ. އެހެން ކަމުން އޭނާގެ އެކައުންޓުގައި ފައިސާ ހުންނާނެކަން ޝާހު ފާހަގަ ކުރެއްވި އެވެ.

މި މައްސަލަ ބޭރުކޮށްލަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މަނީ ލޯންޑްރިންގެ އަމަލެއް ކުރިކަން ސާބިތު ކުރެވޭވަރުގެ ހެކިތައް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ މައުޟޫއީ ގޮތުން ދައުވާ ކުރިޔަށް ގެންދެވެން ނެތްކަމަށް ގާޒީ ނިންމެވީ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެކަަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: