އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާގެ ސަރުކާރަށާއި، ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމުކަންވެސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށްކަމަށާއި، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާކަމުގައި ވިދާޅުވިއެވެ.
ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ވާހަކަފުގައި ޗައިނާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންގޮސްފައިވާ ބައެއް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫޢާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރިކަމަށް ރައީސް ވިދާޅުވިއެވެ.

