ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދު ވަނީ ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެވިފައި ނެތީމަ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވަނީ ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތީމައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވައިފައި ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް މަދުވުން ހިމެނޭ ކަމަށެވެ. އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން ހުށައެޅުއްވި، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށްވެސް އެކަން ފާހަގަކުރެވޭ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރު މި އަންނަނީ ކުރަމުން. އެ ދިރާސާގައި ފާހަގަކުރި އެއްކަމަކީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުކަން. އަނެއްކަމަކީ މުޅި ދައުލަތުގެ ނިޒާމުތައް ހަމަޖެހިފައިވާ އޮތްގޮތުން ހަމައެކަނި އޮފީސް މޭޒުތަކުގައި ތިބެގެން އަދާކުރާ ކަހަލަ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވެފައި ތިބުން

އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ޙައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ. އަދި އެ ދިރާސާއިން ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުކަންވެސް ފާހަގަވެފައިވާކަމަށާއި، އޭގެ އެތައް ސަބަބުތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތުމާއި އެންމެ ޒަރޫރީ ހިދުމަތްވެސް ރަށްރަށުގައި ނެތުމަކީ އޭގެ ސަބަބުތައްކަމަށާއި، އަދި އެކަހެރިކޮށް ހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ގާއިމުވެފައި ނެތުންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ ވަޒީފާތައއް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަޒީފާ އަދާކުރާ ޒުވާނުން އިތުރުވުމުގެ ސަބަބުން މުޖުތަމައަށް ވެސް ފައިދާތަކެއް ކުރާނެކަމަށާއި، އެގޮތުން މިހާރު ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި މުޖްތަމައުން ޒުވާނުން ހަވާސާވުން ހުއްޓުވުމާއި ކުށުގެ ވެއްޓާ ދުރުކޮށްދީ, މާލީ ގޮތުން އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ނަމަވެސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބެލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: