ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް، އެފްއޭއެމްއަށް: ބަޔާންތައް ނެރޭނެ ކަމެއް ނެތް، އަވަހަށް ކަރަންޓު ބިލުތައް ދައްކަވާ!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފާއި، އެފްއޭއެމްގެ ރައީސް ބައްސާމް/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއަށް އެފްއޭއެމްއިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދެއްކުމުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން އެފްއޭއެމްއިން ބަޔާން ނުނެރި އަވަހަށް ބިލް ދެއްކުމަށް ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

އެފްއޭއެމް ހައުސްގެ ކަރަންޓު ކަނޑާލައި، މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން މިއަދު ބުނީ އެ އެސޯސިއޭޝަނުން ކުންފުންޏަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމަށް ތަކުރާރުކޮށް އެކި ފަހަރު މަތީން އަންގައި ފުރުސަތުތަކެއް ދިންނަމަވެސް އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. އެހެން ބައެއް އިމަރާތްތަކުގެ ބިލުތައް ވެސް ނުދައްކާ ހުރުމުގެ ސަބަބުން، ފައިސާ ނުދައްކާ ނަމަ އެ އޮފީސްތަކުގެ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާނެކަމުގެ އިންޒާރު ދީ ސްޓެލްކޯއިން ޓުވީޓެއް ވެސް ކުރި އެވެ.

ކަރަކަރަންޓު ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން އެންގުމާ ގުޅިގެން އެފްއޭއެމް އިން ބަޔާނެއް އާއްމުކޮށް ބުނީ، ވޭތުވެދިޔަ މުއްދަތުގައި ތެރޭގައި އެފްއޭއެމް ހައުސް ތަފާތުއެކި ބޭނުންތަކަށް ބޭނުންކޮށްފައި ވާއިރު އެހެން ބަޔަކު ބޭނުންކުރި ކަރަންޓަށް އެ އެސޯސިއޭޝަން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

މައްސަލައިގައި ނުރުހުންފާޅުކޮށް، އެފްއޭއެމްއިން ބުނެފައި ވަނީ އާއްމުކޮށް އެކަން އަންގައި ޓުވީޓު ކުރީ އެ އެސޯސިއޭޝަނުގެ ނަން ބަދުނާމު ކުރުމުގެ ބޭނުމުގައިކަމަށެވެ.

ސަރުކާރުގެ އެކި އިދާރާތްތަކާއި، އަދި ބައެއް މުވައްސަސާ އަދި ކުންފުނިތަކުން ކަރަންޓު ބިލު ނުދައްކާ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް ޝަރީފް އެފްއޭއެމްގެ ބަޔާނަށް ރައްދު ދެއްވީ ކ. އަދި ވ. އަތޮޅުގެ ރައްތަކުގެ މަގުބައްތި މަރާމާތުކުރުމާއި ބެލެހެެއްޓުމުގެ މަސައްކަތާއި ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައެވެ. ކުންފުންޏާއި ސިޓީ ކައުންސިލާއި ދާދި ފަހުން ދެމެދު ޖެހުނު މައްސަލައަށް ވެސް ޝަރީފް މިއަދު ރައްދު ދެއްވައި ވާހަކަ ދެއްކެވި އެވެ.

ކަރަންޓު ބިލުތަކުގެ މައްސަލައިގައި ޝަރީފް ވިދާޅުވީ، ކުންފުނިން ކަރަންޓު ކަނޑާލުމާއި އިހުލާސްތެރިކަމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ކަރަންޓު ބިލުތަކަށް އިދާރާތަކުން ދައްކަން ޖެހޭ ފައިސާ ކުންފުންޏަށް ލިބުން ކޮންމެހެން ވެސް މުހިންމުކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ބޭނުންވަނީ ކަރަންޓު ފީގެ ގޮތުގައި ނަގާ ފައިސާއިން ކަރަންޓުގެ ހިދުމަތަށް އިންވެސްޓު ކުރަންކަމަށެވެ.

ރައްޔިތުންނަށް ދޭ ހިދުމަތް ތަރުތީބު ކުރަނީ ކަރަންޓް ބިލުން ލިބޭ ފައިސާ އަށް ބިނާކޮށް ކަމަށާއި އެއްވެސް ފަރާތަކުން ކަރަންޓު ފީ ނުދައްކާނަމަ ސްޓެލްކޯ އަށް އެކަމުން ބުރޫ އަރާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން ހައްލުކޮށްދޭނީ ހިދުމަތް ހޯދާ ކަސްޓަމަރުން  ކަރަންޓު ބިލް ދައްކައިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކަރަންޓް ބިލް ނުދައްކަވާ ކަމަށްވަންޏާ ކޮންތާކުންތޯ އަޅުގަނޑުމެން ލާރިގެންނާނީ؟ ދައުލަތުން އެހުރިހާ ލާރިއެއް ނުދެވޭނެ.

ރައްޔިތުން ދޭ ލާރިން ރައްޔިތުންގެ ހިދުމަތް ފެންވަރު ރަނގަޅުކުރުމަށްޓަކައި އިންވެސްޓްކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެފްއޭ އެމް އިން 6.5 މިލިއަން ރުފިޔާ ދައްކަން އޮތުމުން ސްޓެލްކޯ އިން ކަރަންޓް ކަނޑާލީ އިހްލާސްތެރި ނިޔަތެއް ނެތިގެންނޭ ނުބުނެވޭނެ. އަޅުގަނޑު ދަންނަވާނީ 6.5 މިލިއަން ރުފިޔާ އަރަންދެކަށް ކޮންނިޔަތެއް އޮވެގެންތޯ ތިބީ؟ އަވަހަށް ފައިސާ ދައްކަވާ. އަޅުގަނޑު ދަންނަވާލާނީ އެފްއޭއެމް އަށް ބަޔާންތައް ނެރުއްވާނެ ކަމެއްނެތޭ، އަޅުގަނޑުމެން ތިބޭފުޅުންނަށް ރައްދުދީ ބަޔާންތައް ނެރޭކަށް ބޭނުމެއް ނެތް. އަވަހަށް އަޅުގަނޑުމެންނަށް ދައްކަންޖެހޭ ބިލްތައް ދައްކަވާ.

ޝަރީފް ވަނީ އެހާ ދުވަސް ވަންދެން ކަރަންޓު ފީ ނުދައްކާ ތިބީ ކޮން ނިޔަތެއްގައި ތޯ އެފްއެމްއާއ ސުވާލު ކުރައްވާފައެވެ

އެފްއޭއެމްއިން ބުނީ ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމައަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލުކުރެވިފައި ވަނީ ނުބައިކޮށް ކަމަށް އެ ފަރާތުން އިއުތިރާފް ވެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެ ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހައްލު ނުވެފައިވާ ކަމަށާއި އެކަމުގައި އެފްއޭއެމް އިން ސްޓެލްކޯގެ މައްޗަށް ގާނޫނީ ގޮތުން އެއްވެސް ދައުވާއެއް އުފުލާފައި ނުވަނީ އެ ފަރާތުގެ އެދުމުގެ މަތިން މަޝްވަރާގެ މަތިން އެ މައްސަލަ ހައްލުކުރުމުގެ އުންމީދުގައި ކަމަށެވެ.

އެފްއޭއެމްގެ ކަރަންޓުގެ ހިދުމަތް މެދުކަނޑާލި އިރު، އެ އެސޯސިއޭޝަނުގެ އިމާރާތް ބާވުމުގެ ސަބަބުން ޗާނދަނީ މަގުގެ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ދެން ތަނުގެ އެހެނިހެން މަސައްކަތް ކުރިޔަށް ދަނީ، ގަލޮޅު ދަނޑުގެ ބައެއް އޮފީސްތަކުގަ އެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އެފްއޭއެމްއިން، މެނޭޖަރުންނާއި ކޯޗުން އަަދި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އަދި ގައުމީ ޓީމު މޮޅުވި މެޗަކުން، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ދާދިފަހުން އެ މައްސަލަ ވެސް މީޑިއާތަކުގައި ފެންމަތިވި އެވެ.

އަހަރު ނިމުމަކާއި ގާތްވީއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުވައްސަސާތަކުން ކަރަންޓު ބިލުތައް ނުދައްކާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ދާދި ފަހުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނުދައްކާ ހުރި ކަރަންޓު ބިލުތައް 80 މިލިއަނަށް އަރާކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: