ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑު ކުރާތީ ފާޑުކިއުން: ސަރުކާރުން ބުނީ މިއީ އެންމެ ދެ އިންސައްތައެއްގެ ވާހަކަކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ފާޑުކިއުންތައް އަމާޒުވީ ނަމަވެސް އިގްތިސާދު މެނޭޖު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށް ސަރުކާރުން ބުނެފި އެވެ.

2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ދުނިޔޭގެ ގައުމުތަކުން އިގްތިސާދީ ކާރިސާތަކާއި ކުރިމަތިލާން ޖެހުނެވެ. އަދި ބަލިން އަރައިގަނެވި މާ ގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ ވިޔަފާރި އާއި ކާބޯތަކެތީގެ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އައެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން މަޝްރޫއުތަކާއި، އެހެން ބޭނުންތަކަށް ނަގާފައި ހުރި ލޯނުތަކުގެ ސަބަބުން ދަރަނީގެ އަދަދު ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. އަދި ކޮވިޑުގެ ތެރޭގައި ފައިސާ ޗާޕު ކުރުމާއި، މިނިމަން ވޭޖު ތައާރަފު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ރާއްޖޭގެ ރިޒާވް ދަށްވެފައިވާކަމާއި، ދަރަނީގެ ހާލަތު ގޯސްކަމަށް ބައިނަލްއަޣުވާމީ މާލީ އިދާރާތްތަކުން ދިން އިންޒާރުތަކަށް ބެލުމެއް ނެތި ސަރުކާރުން އެ ރިޕޯޓުތައް ބަލައިގަތުމަށް ދެކޮޅު ހެދުމަށް ފަހު މުދަލުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރުމާއި، ޓީޖީއެސްޓީ ބޮޑު ކުރަން އިއުލާނު ކުރުމުން ފާޑުކިއުންތައް އަމާޒުވި އެވެ.

އެތެރޭގެ ހަރަދުތައް ކުޑަ ކުރުމަށް ގޮވާލައި، ސަރުލާރުގެ މައިޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާތީ އަމިއްލަ ޕާޓީގެ މެމްބަރުންނާއި ދެކޮޅަށް ސަރުކާރުން ޓެކްސް ބޮޑުކުރުމަށް މިހާ ބޮޑަށް މަސައްކަތް ކުރަނީ ކޮން ސަބަބާކާއި ހުރެ ތޯ އާއި އަދި އިގްތިސާދީ ހާލަތު ރަނގަޅު ނަމަ ޓެކްސް ބޮޑު ކުރަން ނިންމި ސަބަބަކީ ކޮބައިތޯ “ސަންގު” އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން ދަނީ އިގްތިސާދު މެނޭޖު ކުރަމުން ކަމަށެވެ. އަދި ކުރިޔަށް އިތް ތަނުގައި ވެސް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އައިސް، ތަކެތީގެ އަގަށް ވެސް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ސަރުކާރުގެ ހަރަދުތައް ހިންގުމުގައި އެފަދަ ކަންތަކަށް ރިއާޔަތް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރު ވެސް އެތައް ބިލިއަން ރުފިޔާއެއް މިއޮތީ ހަރަދު ކުރެވިފައި.. ކުރިޔަށް އޮތްތަނުގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓުތައް ރޭވިފައި މިއޮތީ.. މި ޕްރޮޖެކްޓުތައް ސަރުކާރުން ރައްޔިތުންނަށް ވީ ވައުދާއި އެއްގޮތަށް މަސައްކަތް ކުރަމުންދާއިރު އިގްތިސާދު މެނޭޖު ކުރަމުންދާއިރު ޓެކްސް ރެޖީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން އެބަޖެހޭ.. އެ ބަދަލުތައް ސަރުކާރުން މި ގެންނަނީ..” މިއުވާން

ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކެއް ހޯދުމަށް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ޓެކްސް ކުޑަ ކުރުމުގެ ސަބަބުން ވެގެން ދިޔަ ގޮތް އެފަދަ ކަންތައް ހޯދާ ބެލުމުން އެނގިގެން ދާނެކަމަށް މިއުވާން ވިދާޅުވި އެވެ.

އެހެންކަމުން ޓެކްސް ބޮޑު ކުރުމަކީ އެއީ އިގްތިސާދު މެނޭޖު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މިއުވާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިގްތިސާދު މެނޭޖު ނުކުރެއްވިއްޖެ ނަމަ އޭގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މި ދައްކަނީ ޖީއެސްޓީއަށް ވެސް ދެ ޕަސަންޓުގެ އިތުރުވުމެއްގެ ވާހަކަ… އެއާއި އެކު އިގްތިސާދު ރަނގަޅުވެ، އިގްތިސާދު މެނޭޖު ކުރެވުނީމަ ވަޒީފާގެ ފުރުސަތު ވެސް އިތުރުވެގެން ދާނެ.. އެހެންވީމަ ލިބޭ އެއްޗެއް ވެސް އިތުރުވެ، ލިބެމުން ދާނެ”

ޓެކްސް ބޮޑު ކުރުމަށް ނިންމައި، ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުން ފެށިގެން ބިލު ގާނޫނަކަށް ވެސް ތަސްދީގު ކުރަން ފެށުމެވެ. ނަމަވެސް އެކަމަށް ދެކޮޅު ހައްދަވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދާއި އަރިސް މެމްބަރުންނެވެ. އެމަނިކުފާނު ވެސް ހިމެނޭހެން، މެމަބަރުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސަރުކާރުން ކުރަމުން ދާ ބޭކާރު އެތެރޭގެ ހަރަދުތައް ކުޑަކުރުމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ. މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުން އޮތް މި ބިލަށް، ތްރީލައިން ވިޕެއް ވެސް ވަނީ ނެރެފަ އެވެ. އަދި ވިޕާއި ހިލާފުވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ. ނަމަވެސް ބިލަށް ދެކޮޅު ހަދާ އެމްޑީޕީ މެމްބަރުން ވަނީ ފިޔަވަޅު އެޅިޔަސް ބިލަށް ވޯޓު ނުދޭނެކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: