ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ ”އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022“ ފަށައިފިއެވެ.
”އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022″، އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވާނެއެވެ.
މި ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހަތްތެރިކަން“ އެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެސްއޯއީތަކާއި ގުޅުންހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސްއޮއީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންތައްތަކާއި ގުޅޭ ގޮތުން ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އަދި މި މަޝްވަރާތަކުގެ އެހީގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަކީވެސް މި ކޮންފަރެންސް ކުރިއަށް ގެންދިއުމުގެ އެއް މަގްސަދެވެ.
މި ކޮންފަރެންސްގައި ހެޔޮ ހިންގުމުގެ ނިޒާމުގެ ތެރެއިން އެސްއޯއީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކްތައް ނައްތާލުމަށްކުރެވޭ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެއެވެ.
އޭގެ އިތުރުން މި ކޮންފަރެސްގެ ތެރޭގައި މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލާ، ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މަޝްވަރާތައްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެސް ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމުގައިވާއިރު، އެމަނިކުފާނުވެސް ކޮރަޕްޝަން ނައްތާލުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ، އެކަންކަން ހައްލުކުރުމުގެ މަގުން މި ސަރުކާރުން ކުރާ މަޝްވަރާތައްވެސް ހިއްސާކުރައްވާފައެވެ.

