ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތް ކުރަނީ މަޖިލީހުގެ ގަދަރާ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ވަޒީރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަދަރާ، ކަރާމަތަށާ، އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތުތަކެއް ރައީސް ސާލިޙްގެ ސަރުކާރުގެ ވަޒީރުންނަށް ކުރެއްވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓާއިއެކު މިއަހަރަށް ދައުލަތުން ފާސްކޮށްފައިވާ ބަޖެޓު އިތުރުވާނެ ކަމަށް ލަފާކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅުމާއި ގުޅިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް  ބަޖެޓު ހުށަހެޅިއިރު، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރަށް ފާސްކުރި 36 ބިލިއަން ރުފިޔާގެ އިތުރަށް 5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހުންނާނީ 42 ބިލިއަނުގައި ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ތެރެއިން ސްޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަކީ ކުވެެނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މަޖިލީޙުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މަޖިލީހުގެ ހުއްދަ ނުނަގައި ބަޖެޓު އިތުރު ނުކުރެވޭނެ ކަމަށާއި އަދި ފާސްކޮށްދީފައިވާ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާނަމަ ސްޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ގޮތް މާލިއްޔަތު ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުށާއިއެކު މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓު އިތުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންދާޒާ ކުރައްވައި ސްޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވީ ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާއި ވެސް ހިލާފަށް ކަމަށެވެ. އަދި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ސަރުކާރަށް ތާއިދު ކުރާ މެމްބަރުން އިތުރުވެއްޖެކަމަށް ސަރުކާރުން ދެކި ކަންފަސޭހަކޮށް ވަޒީރުންް ކަންކަން ކުރުމަކީ މަޖިލީޙުގެ ގަދަރާއި ކަރާމާތަށާއި އަދި އިއްޒަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރެސީއަށް ވެސް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކަންކަމުގައި ގޮތް ނިންމާނީ މަޖިލީހުގެ މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކަމަށާއި ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރުމަކީ އެމަނިކުފާން ތާއިދު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަންދާޒާ ކުރައްވައި މަޖިލީހަށް ސްޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވިއިރު މަޖިލީހުން މިއަހަރަށް ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް ސާފްނުވާ ކަމަށެވެ. އަދި އިތުރަށް ހަރަދުކޮށްފައިވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދުތައް އިތުރުކޮށްގެން ނުވާނެކަން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި  މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން އެދި ހުށަހަޅާނަމަ އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާ ބޭނުންވާ ދުވަހުގެ 1 މަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަހަރުގެ ބާކީ އޮތްތަނުގައި ދައުލަތުން 5.8 ބިލިއަން ރުފިޔާ ހަރަދުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ހަރަދުވެފައިވަނީ ކިހާވަރެއްކަންވެސް  ސާފުވާން ނެތްކަން ފާހަގަ ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: