ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާގެ މަޝްރޫއު ބަޖެޓުގައި ނެތުން: އޮޅުނީ ހެއްޔެވެ؟ ނޫނީ ބޭނުން ނުވީ ހެއްޔެވެ؟

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން 2021 ވަނަ އަހަރު ކުރި މުޒާހަރާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅިއިރު، މުޅި ބަޖެޓުގައި ހަމައެކަނި މަދުވީ އެތައް ގޮތަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަހުދާއި ވައުދުވެ، ޔަގީންކަން ދެއްވި މަޝްރޫއަކަށް ނުވަތަ މަސައްކަތަކަށް ހިނގާނެ ހަރަދުތަކުގެ މައުލޫމާތެވެ. އެއްވެސް ސަރުކާރަކަށް ހައްލު ހޯދައިނުދެވުނު ކަމަށް ބުނާ އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ކިޔެވުމަށް ބޭނުންވާނެ އިމާރާތް ބިނާކުރުމަށް ބޭނުންވާ ފައިސާއެވެ. 168 މިލިއަނަށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ބޭނުންވާނެ ފައިސާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާއިރު، 1000 އާ ގާތްކުރާ އަދަދެއްގެ ދަރިވަރުންގެ ތައުލީމީ ހަޔާތާއި ގުޅިފައިވާ މައްސަލައެއް ހައްލުކުރުމަށް ބޭނުންވާނެ ފައިސާ އޭގެ ތެރޭގައި ހިމެނިފައި ނެތުން މިއީ، އިދާރީ އޮޅުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ނަމަވެސް ގަބޫލުކުރަން ހަމަ ދަތީއެވެ. ގިނަ ބަޔަކު ވަނީ ހަމައެކަނި އެންމެ ކަމެއް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި އުނިވުން އެއީ އިއްތިފާގެއް ނޫން ކަމަށް ބުނެފައެވެ.

އަރަބިއްޔާގެ މައްސަލައިގައި ސަރުކާރުތަކުގެ އިހުމާލު އެބައޮތް ކަމަށް، މިކަމުގެ ސަބަބުން ތަކުލީފު އުފަލަން ޖެހިފައިވާ މީހުން ގަބޫލުކުރެއެވެ. އެއީ ހަގީގަތެވެ. އަރަބިއްޔާގެ ދަރިވަރުންނަށާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހިތްދަތި ދުވަސްތައް ކުރިމަތިމިވީ ހަމަ ސަރުކާރުތަކުގެ އިހުމާލުންނެވެ. އެކަން މާޒީގެ ތެރެއިން އެއޮތީ ފެންނާށެވެ. މިއަދުވެސް ފެނިގެން މިދަނީ މާޒީ ތަކުރާރުވާން އުޅޭފަދަ މަންޒަރުތަކެކެވެ.

އަރަބިއްޔާ ސްކޫލް ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.

އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތިވާ އެތައް ސަބަބުތަކެކެވެ.

ސަރުކާރަށް ބެލެނިވެރިންގެ ޝަކުވާ އެކަށޭނެ ގޮތެއްގައި އިވިފައި ނެތުން މިއީ ފާހަގަކުރެވޭނެ ކަމެކެވެ. އިވުނެއް ކަމަކު އެކަށީގެންވާ ހައްލެއް އެތައް އަހަރެއް ވެގެންދިޔައިރުވެސް ގެނެވިފައި ނެތުންވެސް މިއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތިވާ ސަބަބެކެވެ.

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ގަބޫލުކުރާ ގޮތުގައި އެހެން ސުކޫލުތަކާއި، އަރަބިއްޔާ ސުކޫލާ ދެމެދު ތަފާތުކުރުންތަކެއް ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކުން ގެންގުޅެއެވެ. އޭގެ ސަބަބުން ދަރިވަރުންގެ ހައްގުތަކެއް ގެއްލިއްޖެ ކަމަށް ބެލެނިވެރިން ގަބޫލުކުރެއެވެ.

އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް އިހުމާލުވެއްޖެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ޖަވާބަކީ، ހައްލު ހޯދާނަމޭ، ހައްލު ކޮށްދޭނަމޭއެވެ. ނަމަވެސް ހައްލު ހޯދިއްޖެތޯ ނުވަތަ ހައްލު ހައްލުކުރެވިއްޖެތޯއެވެ؟

ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަތިހާލެވެ.

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ދަރިވަރުންގެ ހައްގުގައި، ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތަށް ފާޑުކިޔުން އަމާޒުކުރާ މީހުންގެ ކިބައިން ބެލެނިވެރިން އެދެނީ ސުކޫލަށް ގޮސް ސުކޫލުގެ ހާލަތު ދެނެގަތުމަށްފަހު ވާހަކަދެއްކުމަށެވެ. ސުކޫލުގެ ގިނަ ސަރަހައްދުތަކުގައި ފެންފައިބާތީ ބާލިދީ ބަހައްޓާފައި އެބަހުރި ކަމަށް ބެލެނިވެރިން ފާހަގަކުރިއެވެ.

ސަރުކާރުގެ ސްޓޭންޑް ކަމަށް ވިދާޅުވެ އިސް ބޭފުޅުން ދެއްވާ މައުލޫމާތާއި، އަމަލުކުރާ ގޮތް ދިމާނުވާ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. އެގޮތުން 1500 އަށްވުރެ ގިނަ ކުދިން ތިބޭ ސުކޫލުތަކަށް 2500 އަކަފޫޓަށްވުރެ ކުޑަވަނީނަމަ އެއީ ސަރުކާރުގެ ޕޮލިސީ ނޫން ކަމަށް ސަރުކާރު ހިންގުމާއި ހަވާލުވެތިއްބެވި ބޭފުޅުން ވިދާޅުވާ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. ޔަގީންކަން ދެއްވި އެއްވެސް ކަމެއް 2 އަހަރު ވެގެންދިޔައިރުވެސް ވެފައިނެތް ކަމަށް ބެލެނިވެރިން ބުނެއެވެ.

ސުކޫލުގައި ކިޔެވުމަށް ބޭނުންވާ ވަސީލަތްތައްވެސް ފުރިހަމައަށް ނެތްކަމަށް ފާހަގަކޮށް، ހިޔާލު ފާޅުކުރި ބެލެނިވެރިޔާ ސުވާލުއުފެއްދީ އަރައްބިއްޔާ ސުކޫލުގެ ދަރިވަރުންނަށް ހައްގު މިންވަރަކީ އެއީތޯއެވެ. ރާއްޖޭގެ އެހެން ސުކޫލުތަކާއި ހިލާފަށް އަރަބި މީޑީއަމަށް ކިޔަވައިދިނުމަކީ ހައްގުވާ މިންވަރަށް ތަފާތުވުމެއް އަންނަން ޖެހޭނެ ސަބަބެއް ކަމަކަށް ބެލެނިވެރިންނެއް ގަބޫލެއް ނުކުރެއެވެ.

އަރަބިއްޔާ ސުކޫލު ބެލެނިވެރިންނާއި، ޓީޗަރުން އަދި ދަރިވަރުންގެވެސް އެންމެ ބޮޑު ސުވާލަކީ އަބަދު އަރަބިއްޔާއަށް މިހާލު ޖެހޭ ސަބަބެވެ. އަބަދު ބިކަވެ، ހާލުގައިޖެހި، އަރަބިއްޔާ މަގުމަތިވުން އެއީ ބެލެނިވެރިން ބަލައިގަންނަ ކަމެއް ނޫނެވެ. އިމާރާތްތައް ހަލާކުވެ ބޮލަށް ވެއްޓޭ ހާލަތަށް ދާން ޖެހެނީ ހަމައެކަނި އަރަބިއްޔާ އެކަނިތޯ ބެލެނިވެރިން ސުވާލުއުފައްދައެވެ.

އޭރު އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ކިޔެވި އިމާރާތުގެ ހާލަތު.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަރަބިއްޔާ ސުކޫލަށް ސަރުކާރުތަކުން އިހުމާލުވަނީ ދިވެހިރާއްޖެއިން އަރަބި އިސްލާމީ ތައުލީމު ފޮހެލުމަށެވެ. ނަމަވެސް އަދިވެސް ބެލެނިވެރިން ތިބީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހައްލުގެ އިންތިޒާރުގައި އެމަނިކުފާނުގެ އެ ބަސްފުޅަށް އިހުތިރާމްކޮށްގެންނެވެ.

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއިއެކު 3 އަހަރު ފަހުން 2013 ވަނަ އަހަރު ސަރުކާރުން އާ އިމާރާތެއް ބިނާކޮށް އަރަބިއްޔާ ސުކޫލު ކުދިންނަށް އެ އިމާރާތް ޚާއްސަ ކުރި ނަމަވެސް، ބޭނުންކުރަން ފެށިތާ އެންމެ 08 އަހަރުގެ ތެރޭގައި ތަނބުތަކުގައި ބޮޑެތި ރެނދުތަކެއްލައި ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން އެޑިއުކޭޝަނުން ނިންމީ، މިއަހަރުގެ ޖެނުއަރީ މަހުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުން ޣާޒީ ސްކޫލަށް ބަދަލު ކުރުމަށެވެ. އެއާއިއެކު އަނެއްކާވެސް ބެލެނިވެރިންގެ ކަންބޮޑުވުންވީ އިތުރެވެ. އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގެ ދަރިވަރުންތަކަކާއި އަރަބި މީޑިއަމަށް ކިޔަވަމުންދާ ދަރިވަރުންތަކެއް އެއްކޮށްލުން އެއީ ހައްލެއް ކަމަށް ބެލެނިވެރިން ގަބޫލެއް ނުކުރެއެވެ.

ސުކޫލުގެ މެނޭޖުމެންޓަށް މި މައްސަލަތަކަށް އެޑްރެސްނުކުރެވޭ ސަބަބެއްކަމަށް ފާހަގަކުރަނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކެވެ. ހައްލު ހޯދުމަށް މަގުމައްޗަށް ނިކުންނަށް ޖެހޭ ސަބަބެއް ކަމުގައި ބެލެނިވެރިން ފާހަގަކުރީ މިނިސްޓްރީއަށް މިކަމަށް ހައްލެއް ހޯދައި ނުދެވުމެވެ. “ސޭވް އަރަބިއްޔާ” ގެ ނަމުގައި އިހުތިޖާޖްތައް ކުރިއަށް ގެންދިޔުމުން އެޑިއުކޭޝަން މިނިސްޓަރު ކަންބޮޑުވާ ކަމަށް ވިދާޅުވި ނަމަވެސް، ބާކީ ނުކުރާނެ ކަމަށް، ދެރަ ގޮތެއް ނަހަދާނެ ކަމަށް ވިދާޅުވި ނަމަވެސް، އަދި މިހާތަނަށް އަރަބިއްޔާއަށް ރަނގަޅަށް ކަމެއްވީ ކަމަށް ގަބޫލުކުރަން ބެލެނިވެރިންނަށް ދައްޗެވެ.

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ކިޔަވަމުންދިޔަ އިމާރާތް ބާވުމުގެ ސަބަބުން އަމިއްލަ ސްކޫލު ނޫން އެހެން ތަނަކަށް ދަރިވަރުން ވަގުތީ ގޮތުން މީގެ ކުރީގައި ވަނީ ދެ ފަހަރެއްގެ މަތިން ބަދަލުކުރެވިފައެވެ.

މިފަދަ ތަފާތު ގިނަ މައްސަލަތަކެއް ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ހުށައެޅިގެން ދިޔުމުން ސަރުކާރުން ފުރަތަމަ ނިންމާފައިވަނި ހުޅުމާލޭގައި އަރަބިއްޔާގެ އައު ސުކޫލެއް ހުޅުވުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށެވެ. ނަމަވެސް ގިނަ މަޝްވަރާތަކަކަށް ފަހު ހަމަޖެހިގެން ދިޔައީ ބާ ޖަމާލުއްދީނު ހުރި ތާގައި ސުކޫލު ބިނާކުރުމަށެވެ. މިގޮތަށް ހަމަޖެހިގެންދިޔުމާއިއެކު ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށް ސްކޫލު އަޅަން ސަރުކާރުން ނިންމި ބާ ޖަމަލުއްދީން ބިން ޕާކިން ޒޯނަކަށް ބަދަލުކުރަން އެމްޑީޕީގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ ސަރުކާރަށް ހުށައަޅުއްވާފައެވެ.

އެބޭފުޅުން ވިދާޅުވި ގޮތުގައި ބާ ޖަމާލުއްދީނަށް ސްކޫލެއް ބަދަލު ކުރުމުން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބާރު ބޮޑުވެ އުނދަގޫތަކާއި ކުރިމަތިވާނެއެވެ. ސްކޫލު އެތަނަށް ބަދަލު ނުކުރެވޭނެ އިތުރު ސަބަބެއްގެ ގޮތުގައި އެބޭފުޅުން ދެއްކެވީ، މިނީ ބަސްތަކަށް އެތަނުން ދަތުރު ކުރަން އުނދަގޫވުމެވެ. އެހެންކަމުން ބަސް ރޫޓުތަކަށް ފަސޭހަ ގޮތްތައް ހޯދުން އެއީ ކައުންސިލާއި ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އެތައް ދަރިވަރުންނެއްގެ ތައުލީމީ ހަޔާތް ފަސޭހަކުރުމަށްވުރެ، ޕާކް ކުރާނެ ޖާގަ ހަމަ މުހިންމީ ހެއްޔެވެ؟

ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ.

ޖަމާލުއްދީނު ސުކޫލު ތަޅާލުމުގެ މަސައްކަތް ފެށި ނަމަވެސް އޭރު ސަރުކާރުން ސުކޫލު އިމާރާތް ކުރަން ފެށޭނެ ވަކި މުއްދަތެއް ދީފައި ނުވަނީ، މާލެ ސިޓީ ކައުންސިލުގެ ފަރާތުން ބޭނުންވާ ބައެއް ހުއްދަތައް ނުލިބި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު 168 މިލިއަން ރުފިޔާގެ މި މަޝްރޫއު ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. ނަމަވެސް މައްސަލައަކަށްވީ މި ފައިސާ 2023 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ނެތުމެވެ. ސަރުކާރުން ތަކުރާރުކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ ބަސްފުޅެވެ. ދެން ވިދާޅުވީ ބަޖެޓުގައި ނެތަސް މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި އިމާރާތުގެ މަސައްކަތް ނިމި މާލެ އޭރިއާގެ އިތުރު 2 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރެވި 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނިގެންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މީގެ ތެރެއިން ދެން ފެންމަތިވީ އަނެއް މައްސަލައަކީ އަރަބިއްޔާ ސުކޫލަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ ހާއްސަކުރެވުނު، ބާ ޖަމާލުއްދީނު ސުކޫލު ބިމުން ބައެއް ޖަމާލުއްދީނު ސުކޫލަށް ހާއްސަކުރުމެވެ. ސަރުކާރުން ބުނި ގޮތުގައި ދެ ސުކޫލެއްގެ ކްލާސްރޫމްތަކެއް މި ބިމުގައި އެޅި ނަމަވެސް، އެކަން ކުރެވޭނީ ވަކި ދެ ސުކޫލެއްގެ ގޮތުގައެވެ. ސަރުކާރުގެ ޖަވާބުން ދޭހަވީ ކިޔަވައިދޭ މީޑީއަމާ ގުޅިގެން ވާންޖެހޭ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: