މަސްކިރުމަށް އިތުރު ބޯޓު ފަހަރު ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ބޮލި“ ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހި މަސްވެރިން ބާނާ މަސް ކިރުމުގައި ކުރިމަތިވެފައިވާ މައްސަލަ އަދި އެހެނިހެން ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނައުމާއިމެދު ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ ދެކުނުގެ މަސްވެރިކަމަށް ބަލާ ނަމަ، އޮތީ ކޫއްޑޫ ކަމަށެވެ. އެހެން ނަމަވެސް އެތަނުގެ ކެޕޭސިޓީ މިވަގުތު ހުރީ ދުވާލަކު، ދެ ޝިފްޓަކަށް 240 ޓަނު ނޭގޭނެ މިންގަނޑުގައިކަމަށެވެ.
އިސްމާއިލް ވިދާޅުވީ، މަހުގެ ސައިޒު ބޮޑުވާ ނަމަ، ކޫއްޑޫއިން 300 ޓަނާއި ހަމައަށްވެސް ދުވާލަކު ނަގާކަމަށެވެ. އެހެން ނަމަވެސް ކޫއްޑޫގެ ސްޓޯރެޖް ކެޕޭސިޓީ ހުރީ 2000 ޓަނުގައިކަމަށެވެ. އަދި މިވަގުތު ދެކުނުގައި ރަނގަޅު ވަސީލަތެއްގެ ގޮތުގައި މިވަގުތު އޮތީވެސް އެ މަސް ފެކްޓަރީކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އޮޕަރޭޓު ކުރާކަމަށެވެ. އަދި 100 ޓަނާއި ހިސާބަށް މަސް ގަންނަ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، އެ ސަރަހައްދުގައި ބަނދަރު އޮތް ގޮތުން ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެނާ ވިދާޅުވީ މަސް ކިރުވައިފި ނަމަ ބަނދަރުން ބޭރުގައި ބޮޑު ކަނޑު އުޅަނދެއް ބާއްވައިގެން އެ ބޯޓާއި ހިސާބަށް މަސް ގެންދަންޖެހެނީ ދޯނީގައިކަމަށެވެ. އެހެންކަމުން އެމްޓީސީސީ އާއި ގުޅިގެން އެ ސަރަހައްދުގެ ބަނދަރުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި އެކަން ކުރިއަށް އޮތް ފަސް ވަރަކަށް މަސް ތެރޭގައި ނިމިގެންދާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، މަސްވެރިންނަށް މަސްކިރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެނާ ވިދާޅުވީ، މިފްކޯއިން ބޭނުންވާ ވަރަށް ކޫއްޑޫ ތަރައްގީ ކުރުމުގެ މަސައްކަތްތައް ސައުދީ ފަންޑު މެދުވެރިކޮށް ކުރެވިގެންދާނެކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ފެށުމާއި ގާތުގައި އޮތް ކަމަށާއި އަދި ކޫއްޑޫގެ ބްރައިން ފްރީޒް ކުރާ ޕްލާންޓު ތަރައްގީ ކުރާނީ އެސްޓީއޯ އާއި ގުޅިގެންކަމަށް އެނާ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ކޫއްޑޫއިން މަސް ކިރާ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށެވެ.
އިތުރު ހައްލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އިޝާރާތްކުރައްވާ އިސްމާއިލް ވިދާޅުވީ، އިތުރު ބޯޓު ފަހަރުތަކެއް ވެސް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މިހާރު އިތުރު ތިން ބޯޓެއް އައުމުގެ މަގު މަތީގައި ވާހަކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، 120 ޓަނުގެ ޖާގަ ހުރި އެންމެ ފަހުން ގެނެސްފައިވާ ޕޯލް އެންޑް ލައިން ޖަޒީރާ 102 ފަދަ ބޯޓެއް ދާދި އަވަހަށް ގެންނާނެކަމަށެވެ.
އިސްމާއިލް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލަތަކެއް ގެންނާނީ މިފްކޯއިން ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ މަސްވެރިކަމުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުންކަމަށް ފާހަގަކުރައްވާ އިސްމާިއިލް ވިދާޅުވީ، އެކަން ކުރައްވަނީ މަސްވެރިން ބޭނުންވާ ފަދަ ތަރައްގީތަކެއް ގެނައުމުގެ މަގުސަދުގައިކަމަށެވެ.

