ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޙަވާލުކޮށްފި!

އަރަބިއްޔާ ސްކޫލު/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ސްކޫލް ހިންގުމުގެ ޒިންމާތަކުން ދުރުކޮށް، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޒިންމާތައް ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިއީ ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްކަމަށެވެ. އެގޮތުން 7 ނޮވެންބަރު 2022 އިން ފެށިގެން ޢަރަބިއްޔާ ސްކޫލުގެ ހިންގުން ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަ ހުސެއިން ސައީދާއި ޙަވާލުކޮށްފައިވާކަމަށެވެ.

އިދާރީ ބަދަލެއް ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމުން އެ ސްކޫލުގެ ބެލެނިވެރިން ރޭ ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އިހުތިޖާޖުގައި ބެލެނިވެރިން ދިޔައި މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.

ނަމަވެސް އަރައްބިޔާ ސުކޫލުގެ ދަރިވަރުން ތައުލީމު ހާސިލްކުރުމަށް އެކަށީގެންވާ އިމާރާތެއް ދައުލަތުގެ ފަރާތުން ފޯރުކޮށްދީފައިނުވާކަމަށާއި، އަދި ކިޔެވުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ދަރިވަރުންނަށް ފޯރުކޮށްދީފައިނުވާކަމުގެ ޝަކުވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި، ޓީޗަރުންވެސް އަންނަނީ ކުރަމުންނެވެ.

ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަތިހާލެވެ.

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ދަރިވަރުންގެ ހައްގުގައި، ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތަށް ފާޑުކިޔުން އަމާޒުކުރާ މީހުންގެ ކިބައިން ބެލެނިވެރިން އެދެނީ ސުކޫލަށް ގޮސް ސުކޫލުގެ ހާލަތު ދެނެގަތުމަށްފަހު ވާހަކަދެއްކުމަށެވެ. ސުކޫލުގެ ގިނަ ސަރަހައްދުތަކުގައި ފެންފައިބާތީ ބާލިދީ ބަހައްޓާފައި އެބަހުރި ކަމަށް ބެލެނިވެރިން ފާހަގަކުރިއެވެ. ސަރުކާރުގެ ސްޓޭންޑް ކަމަށް ވިދާޅުވެ އިސް ބޭފުޅުން ދެއްވާ މައުލޫމާތާއި، އަމަލުކުރާ ގޮތް ދިމާނުވާ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. އެގޮތުން 1500 އަށްވުރެ ގިނަ ކުދިން ތިބޭ ސުކޫލުތަކަށް 2500 އަކަފޫޓަށްވުރެ ކުޑަވަނީނަމަ އެއީ ސަރުކާރުގެ ޕޮލިސީ ނޫން ކަމަށް ސަރުކާރު ހިންގުމާއި ހަވާލުވެތިއްބެވި ބޭފުޅުން ވިދާޅުވާ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. ޔަގީންކަން ދެއްވި އެއްވެސް ކަމެއް 2 އަހަރު ވެގެންދިޔައިރުވެސް ވެފައިނެތް ކަމަށް ބެލެނިވެރިން ބުނެއެވެ.

ސުކޫލުގައި ކިޔެވުމަށް ބޭނުންވާ ވަސީލަތްތައްވެސް ފުރިހަމައަށް ނެތްކަމަށް ފާހަގަކޮށް، ހިޔާލު ފާޅުކުރި ބެލެނިވެރިޔާ ސުވާލުއުފެއްދީ އަރައްބިއްޔާ ސުކޫލުގެ ދަރިވަރުންނަށް ހައްގު މިންވަރަކީ އެއީތޯއެވެ. ރާއްޖޭގެ އެހެން ސުކޫލުތަކާއި ހިލާފަށް އަރަބި މީޑީއަމަށް ކިޔަވައިދިނުމަކީ ހައްގުވާ މިންވަރަށް ތަފާތުވުމެއް އަންނަން ޖެހޭނެ ސަބަބެއް ކަމަކަށް ބެލެނިވެރިންނެއް ގަބޫލެއް ނުކުރެއެވެ.

އަރަބިއްޔާ ސުކޫލު ބެލެނިވެރިންނާއި، ޓީޗަރުން އަދި ދަރިވަރުންގެވެސް އެންމެ ބޮޑު ސުވާލަކީ އަބަދު އަރަބިއްޔާއަށް މިހާލު ޖެހޭ ސަބަބެވެ. އަބަދު ބިކަވެ، ހާލުގައިޖެހި، އަރަބިއްޔާ މަގުމަތިވުން އެއީ ބެލެނިވެރިން ބަލައިގަންނަ ކަމެއް ނޫނެވެ. އިމާރާތްތައް ހަލާކުވެ ބޮލަށް ވެއްޓޭ ހާލަތަށް ދާން ޖެހެނީ ހަމައެކަނި އަރަބިއްޔާ އެކަނިތޯ ބެލެނިވެރިން ސުވާލުއުފައްދައެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަރަބިއްޔާ ސުކޫލަށް ސަރުކާރުތަކުން އިހުމާލުވަނީ ދިވެހިރާއްޖެއިން އަރަބި އިސްލާމީ ތައުލީމު ފޮހެލުމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ވިޔަ ނުދޭނެކަމަށެވެ.

މީގެ އިތުރުން އަރަބިއްޔާ ސުކޫލުގެ އާ އިމާރާތެއް ބާ ޖަމާލުއްދީނު ހުރި ބިމުގައި 168 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވީ ނަމަވެސް، މި މަޝްރޫއު 2023 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ނެތްކަން ފާހަގަކުރެވެއެވެ. މިނިސްޓްރީ އާއި ސަރުކާރުން މިކަމުގެ ރައްދުގައި ބުނީ މިއީ އިދާރީ އޮޅުމެއްކަމަށެވެ. ނަމަވެސް ބަޖެޓުގައި އެންމެ ކަމެއް މަދުވުން އެއީ އިއްތިފާގެއްކަމަށް ގަބޫލުކުރަން ދަތިކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނައިރު، ސަރުކާރުން ބުނީ ބަޖެޓުގައި ނެތް ނަމަވެސް މަޝްރޫއު ކުރިއަށްދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: