ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ.ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ވިލާ އާއި ހަވާލުކޮށްފި!

ކ ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކ ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ، އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބެވެ.

މިނިސްޓްރީއިން މައުލޫމާތުދީފައިވާ ގޮތުގައި މި މަޝްރޫޢަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެއްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކ.ތުލުސްދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ  ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް  ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކ ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން.

މިނިސްޓްރީއިން ބުނީ މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައިކަމަށާއި، އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިވާކަމަށެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 (ފަންސާސް) އަހަރުގެ މުއްދަތަށެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވާހަކަފުޅު ދައްކަވަމުން، ބިޑް އުސޫލުން ވާދަކޮށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއިން މި ޓެންޑަރ ކާމިޔާބު ކުރިކަމަށްޓަކައި އެފަރާތަށް ޝުކުރާއި މަރުޙަބާ ދެންނެވިއެވެ.

މީގެ އިތުރުން މިއަދުގެ މި އެއްބަސްވުމަކީ މިފަދަ ގޮތަކަށް (ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން) ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވެވޭ މިފަދަ ފުރަތަމަ އެއްބަސްވުންކަންވެސް ފާހަގަ ކުރައްވާ، މިކަމުގައި ތުލުސްދޫ ކައުންސިލުންނާއި ދާއިރާގެ މެމްބަރު ކޮށްދެއްވި މަސައްކަތައް ފާހަގަކޮށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: