ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންނަށް މިއީ ދަރަނި ބޮޑު ބަޖެޓެއް

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށައެޅުމާއެކު ބަޖެޓަށް އެންމެ ބޮޑަށް ފާޑު ކިޔާފައިވަނީ އެމްޑީޕީ އަށް ނިސްބަތް ވާ މަޖިލިސް މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 42.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބަޖެޓް ބަހުސް ހުސްވި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި ބައެއް އެމްޑީޕީ މެމްބަރުން ވަނީ ވަރަށް ބޮޑަށް ބަޖެޓަށް ފާޑު ކިޔާފައެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ފަދަ ބޭފުޅުން ވަނީ ސަރުކާރަށާއި ބަޖެޓަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ވައްކަން ހުއްޓުވައި ކޮރަޕްޝަނަށް ޒީރޯ ޓޮރަލެންސް އާއި އެކުގައި ކަމަށެވެ. ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ވީ އިރު ނަތީޖާ އަކީ ޒީރޯކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ފޮނި އުއްމީދު ތަކާއި އެކު ފާސްކުރި ނަމަވެސް އަހަރު ނިމޭއިރު ބަޖެޓް ވެގެންދަނީ ހަގީގަތާއި ދުރު އެއްޗެއް ކަމަށެވެ. އަދި އަހަރުން އަހަރަށް ބަޖެޓް ބޮޑުވި ނަމަވެސް ރައްޔިތުންނަށް އެކަމުން ވާ ފައިދާއެއް ނެތި ނިކަމެތި ވާ ކަމަށާއި ބަޖެޓުން ހޭދަ ކުރަނީ ގާތް ތިމާގެ މީހުންނަަށްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމަބަރު އިލްޔާސް ލަބީބް ވިދާޅުވީ ބަޖެޓަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރާ އެއްޗެއް ކަމަށާއި  އެއީ އެމީހުން ދިރިއުޅުމަށް ބަޖެޓްގެ ސަބަބުން އަންނަނީ ކޮން ހެޔޮ  ބަދަލެއްތޯ ބަލަން ބޭނުން ވާތީ ކަމަށެވެ.  އެހެން ނަމަވެސް އެފަދަ ބަދަލެއް މި ބަޖެޓުން އަންނާނެ ކަމަށް އޭނާ ވާހަކަ ދެއްކެވި ރައްޔިތުން އުއްމީދުނުކުރާ ކަަމަށް އިލްޔާސް ވިދާޅުވިއެވެ.

ބޭރުން ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް ބަޖެޓްގައި ބޮޑު އަދަދެއް ޖަހާފައި ވިޔަސް، އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލިޔާސް ވިދާޅުވިއެވެ. އެއީ މިދިޔަ ފަސް އަހަރު ދުވަހު ވެސް ބޭރުން ހޯދަން ބަޖެޓްގައި ޖެހި ފައިސާގެ ތެރެއިން ހޯދިފައި ވަނީ އެންމެ 50 ޕަސެންޓް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ރާއްޖޭގެ ބޮޑެތި ސިޓީތައް މިވަގުތުވަނީ އެމްޑީޕީ އާ ފެއަށް ޖެހިފައިކަމަށެވެ. ޝިޔާން ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ކަމަށް ރިޔާސީ އިންތިހާބުގެ ދުވަސް ވަރު އެމްޑީޕީ އިން ރައްޔިތުން ކައިރި ވައުދުވީ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ކުރާނެ އެއްވެސް މަސައްކަތެއް ނުފެންނަ ކަމަށާއި އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާގެ ތެރެއިން ހޯދާނެ އަދަދެއް ބަޖެޓްގައި ޖަހާފައިނެތް ކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ދައުލަތަށް ނުލިބި ހުރި ޓެކްސް ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ގޮތެއް ބަޖެޓްގައި ނެތް ކަމަށާއި ޓެކްސް ބޮޑުކުރިއަށް ކުރިން ނުދައްކާ ހުރި މީހުން ދެންވެސް ނުދައްކާނެ ކަމަށެވެ.

ޝިޔާން ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރުމާއެކު އިންފްލޭޝަން މައްޗަށް ގޮސް ބޮޑުކުރި މުސާރައިން ދެކޮޅު ނުޖެހޭނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.

މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތަޖުރިބާގެ އަލީގައި ސަރުކާރުން މަޖިލީހަށް ބަޖެޓެއް ހުށައެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އާޒިމް ވިދާޅުވީ ގާނޫނު އަސާސީގައި ބަޖެޓް ހުށައަޅައި މަޖިލީހުން ފާސްކުރުމަށް ބުނެފައިވާއިރު ބަޖެޓްގައިވާ ހުށައަޅާ ކަންކަން އެގޮތަށް ކުރުމަށްވެސް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ 2023 ގެ ބަޖެޓްގައި މާލޭގެ ރައްޔިތުންނަށް އުފާވެރި ކަންތައްތަކެއް ހިމެނިފައިނެތް ކަމަށެވެ. އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ ތޮއްޖެހުމުން ސަލާމަތް ވުމަށް ކަމަށެވެ. އަދި އެކަމަށް ސިޔާސަތުތަކެއް ރާވާ އެކަމަށް ހަރަދު ކުރުމަށް މާލޭގެ ރައްޔިތުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުން ހަގީގަތުގައި ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ދަރިން މަގުމައްޗަށް ނިކުމެ އަމާން މާހައުލެއްގައި ހިނގާލުމަށް ބޭނުންވާ ކަމަށާއި އެކަން އަންނަ އަހަރުގެ ބަޖެޓުން ފެންނަން ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި ހިނގާބިގާވެ އުޅުމަށް ރަނގަޅު މަގެއް، ރަނގަޅު ޕޭވްމަންޓެއް މާލޭގައި ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ހައްލުކުރާނެ ކަމަށް ބުނި ބިދޭސީންގެ މައްސަލަ އަދިވެސް ހައްލުނުވެ ކުރިއަށް ދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބަޖެޓާއި ދެކޮޅަށް ބަހުސްކުރެއްވި މެމްބަރުންނަށް ރައްދު ދެއްވީ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އެވެ. ނާޝިޒް ވިދާޅުވީ  އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހުށައެޅުނު ބަޖެޓެއް ކަމަށެވެ.

ނާޝިޒް ވިދާޅުވީ ބަޖެޓްގައި ކުރަން ރޭވިފައި ހުރި ކަންކަމުގެ ހަރަދު ކުޑަވެ އެވާހަކަ މެމްބަރުން ދައްކަވާއިރު އެބޭފުޅުން އެވާހަކަ ދައްކަވަނީ އެކި ސިޔާސީ ބޭނުންތަކާއި އަމިއްލަ މަސްލަހަތަށްޓަކައި ކަމަށެވެ.

ދައުލަތުގެ ދަރަނި ރީ ސްޓްރަކްޗަރ ކުރުމުގެ ވާހަކަ މިއަދު މަޖިލީހުގައި މެމްބަރުން ދައްކަވާއިރު ކުރިން ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރުގައި ދަރަނި ރީ ސްޓްރަކްޗަރ ކުރާ ވާހަކަ ވިދާޅުވެފައިނުވާ ކަމަށް ބުނެ ނާޒިޒްގެ ބަހުގެ ހަމަލާ އެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރެއްވިއެވެ. ނާޝިޒް ވިދާޅުވީ އޭރުގައި ވެސް ރާއްޖޭގެ ދަރަނި އޮތް ކަމަށާއި އެދުވަސްވަރު ވިޔަފާރިތަކަށް އަލަށް ޓެކްސް ތައާރަފް ކުރެވި އާމްދަނީ އިތުރު ކުރުމަށް އެދުވަސްވަރު ޓެކްސްގެ ފައިސާ ނެގޭތޯ ބެލި ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނާޝިޒް ވިދާޅުވީ އޭރުގައި ޕްރޮޖެކްޓްތައް ހިނގާފައި ނެތް ކަމަށާއި އޭރުގައި އެކަންކަން ކުރެވިފައި ހުރި ނަމަ މިއަދު ރަށްރަށުގައި ޕްރޮޖެކްޓް ހިންގަން ނުޖެހުނީސް ކަމަށެވެ.

ނާޝިޒް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިސް މިއަދާ ހަމައަށް 12 ސަތޭކައެއްހާ ޕްރޮޖެކްޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ކަމަށެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ސްކޫލްތަކާއި ހޮސްޕިޓަލް ތައް ހިމެނޭ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް އަޕްގްރޭޑް ކޮށް އިންފްރާސްޓްރަކްޗަރ ޑިވޮލޮޕް ކުރުމަށް އެތަކެއް ހޭދައެއް މިއަދުގެ ސަރުކާރުން ކުރަންޖެހިފައިވާ ކަން ފާހަގަކޮށް ނާޝިޒް ވިދާޅުވީ ވޭތުވެދިޔަ 30 ނުވަތަ 40 އަހަރުތެރޭގައި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްފައި ހުރިނަމަ އެވާހަކަ ދައްކަން ނުޖެހުނީސް ކަމަށެވެ.

ނާޝިޒް އެހެން ވިދާޅުވިއިރު މިސަރުކާރުން ވެރިކަމާއި ހަވާލްވެ މިވީ ހަތަރު އަހަރުގެ ތެރޭގައި ކުރަން ބުނި ގިނަ ކަންކަން ހާސިލްވެފައި ނެތުމުގެ ވާހަކަ އިދިކޮޅުންވެސް ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން މިސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖްގެ މަޝްރޫއު އަދި މިހާތަނަށް ފުރިހަމަވެފައި ނުވާތީ އެކަމުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާ އިން ނާއި ސިއްހީ ދައީރާއިން އެދެވޭ ބަދަލުތަކެއް މިހާތަނަށް ރައްޔިތުންނަށް ފެނިފައިނުވާ ކަމުގެ ޝަކުވާ އަތޮޅުތެރޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުން ކެނޑިނޭޅި ދަނީ ކުރަމުންނެވެ. އާސަންދަ ލިބުމުގައި ދިމާވާ ދަތިތައް ހައްލު ނުކުރެވޭއިރު ބޭހުގެ އަގު ކޮންޓްރޯލް ކުރުމާއި ރާއްޖެއިން ބޭރުން އާސަންދައިގެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް އަދި މިހާތަނަށް މިސަރުކާރަށް ވަނީ ހޯދައި ނުދެވިފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: