ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒްގެ ފަރާތުން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށައަޅައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.
ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީސްއަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް މުހިންމު ތަނެއް ކަމަށާއި މިހާތަނަށް އައިއިރުވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދައިދީފައިނުވާ ކަމަށެވެ.
މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތައްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓްގައި ބައިވެރިވި 43 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ.
މާންދޫގައި ގާއިމްކޮށްފައިވާ މަސްފެކްޓްރީގެ މައްސަލައިގައި މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ތ އަދި ލ ގެ މަސްވެރިން އިހްތިޖާޖު ކޮށްފައިވާއިރު އެ އިހްތިޖާޖުގައި މަސްވެރިން ވަނީ އެމީހުން ބާނާ ކިރުވި މަހަށް ދޭން ޖެހޭ ފައިސާ އަވަހަށް ދިނުމަށާއި އެމީހުންނަށް ބޭނުންވާ ތެޔޮ އަގު ހެޔޮކުރުމަށް ގޮވާލާފައެވެ.
ވިސާމް ދެއްކި ވާހަކައިގައި މާންދޫ އަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއަރުވައި މަސްވެރިންނަށް އިތުރު ލުއިފަސޭހަތަށް ފަހިކޮށްދިނުމަށް ކުއްޔަށް ދޫކުރެވިފައިވާ ރަށެއްކަމަށެވެ. ނަމަވެސް އެރަށުން ދޭ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ތ އާއި ލ އަތޮޅުގެ މަސްވެރިންނަަށް އެކަމުގެ ދަތިކަން ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.
ވިސާމް ވިދާޅުވީ މިއަދުވެސް މާންދޫ ފަޅުގައި 26 ދޯނި މަޑުކޮށްގެން އެ ދޯނިފަހަރުން ކިރި މަހުގެ ފައިސާ ނުލިބިގެން އެކަމާ އިހުތިހާޖު ކުރަމުންދާ ކަމަށެވެ. ވިސާމް އިތުރަށް ވިދާޅުވީ އެމައްސަލަ ހައްލު ކުރުމަށް ކަމާބެހޭ މުއައްސަސާ ތަކާއި ވިލާ ގްރޫޮޕް އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ވިސާމް ވިދާޅުވީ ލ އަތޮޅުގެ މަސްވެރިންނަށް މާންދޫ އިން އައިސް އާއި ތޮޔޮ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިން ބާނާ މަސް މާންދޫ އިން ކިރަމުންގެންދަނީ މިފްކޯ އާއި އެއް އަގުގައި ނޫން ކަމަށެވެ.

