ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ކޮމިޓީއަށް ރައީސް ނަޝީދުގެ ސިޓީއެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރުމަށްފަހު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން އެކުލަވާލާފައިވާ ރިޕޯޓުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު، ނާޝިޒްއަށް ފޮނުއްވެވި ސިޓީގައި ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު އެ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން ދިވެހިރާއްޖޭގެ ފިސްކަލް ހާލަތު، ހިލޭ އެހީ،  ދައުލަތުގެ ދަރަނި އަދި ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުންވެސް ރައީސް ނަޝީދުގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެކަމަށް ބަޖެޓު ދިރާސާ ރިޕޯޓުގައި ބުނެފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދާނެކަމަށް ފާހަގަކޮށްކަމަށެވެ. އެހެން ނަމަވެސް މިހާރު ދިވެހިރާއްޖެގެ އޮކިއުޕަންސީ ރޭޓު ހުރީ 60 އިންސައްތައިގައިކަމަށާއި، އެނދު އިތުރު ކުރި ނަމަވެސް ފަތުރުވެރިން އިތުރުވާނެކަމަށް ނުބެލެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ އިތުރުވުމެއް އަންނާނެ ސަބަބު ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފިސްކަލް ހާލަތާއިމެދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފިސްކަލް ހާލަތު ދެމެހެއްޓުމަށްޓަކައި ފިސްކަލް ސްޓްރެޓަޖީ 2023-2025 ވަނީ ފިސްކަލް ”އެންކަރު“ ތަކެއް ހުށައަޅާފައިކަމަށެވެ. އަދި އެ އަމާޒުތައް ހާސިލު ކުރުމަށް އާމްދަނީއާއި ހަރަދުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެހެންނަމަވެސް 2023ގެ ބަޖެޓުގައި ސްޓްރެޓަޖީގައި އެ ބުނާ އެންކަރު ކަމަށް ބުނާ ސިޔާސަތުތައް ހިފެހެއްޓިފައި ހުރިންތަން ފެންނަން ނެތްކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސިޓީގައި ބަޖެޓުގައި ހިމަނާފައިވާ ހިލޭ އެހީގެ ކޮމްޕޯނެންޓަށްވެސް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހިލޭ އެހީގެ ގޮތުގައި ބަޔާންކުރާ އަދަދުތައް ނުލިބޭކަން އެމްއެމްއޭއިންވެސް ވަނީ ފާހަގަކޮށްފައިކަމަށެވެ. އަދި އޭގެ އިތުރުން 2.5 ބިލިއަން ލިބޭނެ ކަމަށް ބުނެފައިވާއިރު އެ އަދަދުން 1.5 ބިލިއަން ލިބޭނެ ގޮތުގެ ތަފްސީލެއް ހިމަނާފައިނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

2023ގެ ބަޖެޓުން ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައެޅިފައިވަނީ ދަރަނި އަދާ ކުރުމަށް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ”ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ“ ރިޕޯޓުގައި ވާނީ ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ނަގާފައިވާ ދަރަނި ފިޔަވައި އިތުރު ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް އެމްއެމްއޭ އަދި ސަރުކާރަށް ދަންނަވާފައިކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށްވެސް އަލި އަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، 2022 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ސަރުކާރުންވަނީ ހަރަދުކޮށްފައިކަން ބަޖެޓު ރިޕޯޓުގެ 6.2 ނަމްބަރުން ސާފުވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: