ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”ވިނަރެސް“ ފްލެޓުތަކުން އެޕާޓުމެންޓު ގަތުމަށް ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއިން އާންމުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޕާޓުމެންޓު ދޫކުރުމަށް ނިންމާފައިވާ ”ވިނަރެސް“ ފްލެޓުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ކަނޑައަޅާފައިވަނީ ހައުސިންގް މިނިސްޓްރީއިން އެކުލަވާލާފައިވާ ޕޮއިންޓު ސިސްޓަމެއްގެ މައްޗަށް ބިނާކޮށެވެ
އެޗްޑީސީއިންވަނީ އާންމުކޮށްފައިވާ ލިސްޓާއިމެދު ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާތައް ހުށައެޅުމަށް ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައެވެ. އެޗްޑީސީއިންވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކާއި މައުލޫމާތު ހިއްސާކުރާނެކަމަށް ބުނެފައެވެ.
އެޗްޑީސީއިން ބުނެފައިވާ ގޮތުން ”މައި އެޕްލިކަންޓު“ އަދި ”ކޯ އެޕްލިކަންޓު“ ގޮތުގައި ދެ ފޯމު ހުށައަޅާފައިވާ ފަރާތަކަށް ކުރިއަށް ދެވޭނީ އެއް ފޯމާއި އެކު ކަމަށެވެ. އަދި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓު ބަލާލުމަށް އޯޕަން ޑޭއެއް ބޭވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީއިންވަނީ ހާމަކޮށްފައެވެ.

