ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ފޯރަމްގައި ބައިވެރި ނުވަން، ހާރިޖީ ބައްދަލުވުންތަކުގެ ސިޔާސަތު ނިންމާނީ ރައީސް: ސަރުކާރު

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ނުހިމަނައި، އިންޑިއާ ކަނޑުގެ 19 ގައުމަކާ އެކު ޗައިނާއިން ބޭއްވި ބައްދަލުވުމުގައި ދިވެހި ރާއްޖެ ބައިވެރިވެފައި ނުވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ 19 ގައުމަކާއެކު ބޭއްވި މި ބައްދަލުވުގައި ޗައިނާއިން އިންޑިއާ ބައިވެރިކޮށްފައި ނުވެ އެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ފޯރަމްގައި ބައިވެރިވުމަށް އެގައުމަށް ދައުވަތު ވެސް ދީފައި ނުވެ އެވެ. އަދި މީޑިއާތަކުން ވަނީ ކޮވިޑު-19 ގެ ވެކްސިނަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މިދިޔަ އަހަރު ޗައިނާއިން އޭޝިއާގެ ގައުމުތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް އިންޑިއާ ބައިވެރި ނުކުރާކަން ފާހަގަކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެ ބަޔާނެއް އާއްމު ކުރީ ސީދާ ކޮން ސަބަބަކާއި ހުރެކަން ފާހަގަކޮށްފައި ނެތެވެ. ވަކި ފަރުދެއްގެ ހިއްސާ އަކީ ދިވެހި ސަރުކާރުގެ ބައިވެރިވުމެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ބުނެ ފޮރިން މިނިސްޓްރީން ބަޔާން އާއްމުކުރީ މި ފޯރަމަށ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވީޑިއޯ މެސެޖެއް ފޮނުވާފައި ވަނިކޮށެވެ.

އެ މެސެޖަކީ ރާއްޖޭގެ ބައިވެރިވުންކަމަށް ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެކަން ދޮގުކޮށް ސަރުކާރުން އާއްމު ކުރި ބަޔާނުގައި ބުނީ ހާރިޖީ ސިޔާސަތުތަކުގެ ދަށުން ފޯރަމްތަކާއި، ބައްދަލުވުންތައް އަދި މަޝްވަރާތައް ކުރިޔަށް ގެންދާނެ ގޮތް އަދި ބައިވެރިވާނެ ތޯ ނުވަތަ ނޫން ތޯ ނިންމުމުގެ ބާރު ގާނޫނުގެ ދަށުން ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އެހެންކަމުން އެ ނޫން ގޮތަކަށް ވަކި ފަރުދަކަށް، ނުވަތަ ބަޔަކަށް ރާއްޖެ ތަމްސީލު ނުކުރެވޭނެކަމަށް ބަޔާނުގައި ވެއެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ”ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ރާއްޖެ ބައިވެރިވެފައިވާކަމަށް ބުނެ ޗައިނާ އިންޓަނޭޝަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އިން ބަޔާނެއް އާއްމުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފޯރަމަކީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ހިއްސާއެއް ނެތް ބައްދަލުވުމެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، ވަކި ފަރުދަކު އަދި ޖަމިއްޔާއަކުން އެކަމުގައި ޝާމިލުވުން އެއީ ރާއްޖޭގެ ވެސް ބަސްކަމަށް ނުބެލެވޭނެ ކަމަށެވެ.

މި ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރި ނުވާނެކަން، ނޮވެމްބަރު 15 ގައި އެމްބަސީއަށް އަންގާފައިވާނެކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް އޭގެ ސަބަބު ހާމަކޮށްފައި ނެތެވެ.

ބަޔާނުގައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅައި ހިނގުމާއި ބެލެހެއްޓުން އަދި ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ސިޔާސީ ގުޅުން ހިންގޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ގާނޫނު ބުނާކަމަށެވެ. އެހެންކަމުން ރާއްޖެ ތަމްސީލު ކުރުމަށް ބާއްވާ ބައްދަލުވުންތަކާއި، ފޯރަމް އަދި ކޮނަފްރެންސްތައް ރަސްމީކޮށް ބަލައިގަންނަ ރުހުން ލިބޭގޮތަކަށް ކުރިޔަށް ދާނީ ހަމައެކަނި ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން ޑިޕްލޮމެޓިކް ޗެނަލްތަކުންކަމަށް ބަޔާނުގައި ވެއެވެ.

މަންދޫބުންގެ ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވީ ސްރީލަންކާ، ބަންގްލަދޭޝް، އިންޑޮނީޝިއާ، އަފްގާނިސްތާން، އިރާން، މިޔަންމާ، އޮމާން، ސީޝެލްސް، މޮރިޝަސް، ޖިބޫޓީ، މަޑަގަސްކާ، ދެކުނު އެފްރިކާގެ އިތުރުން ކެންޔާ މޮޒަމްބީކް އާއި ޓެންޒޭނިއާގެ އަދި އޮސްޓްރޭލިއާ އެވެ. އަދި ބައިނަލްއަގުވާމީ ތިން ޖަމިއްޔާއެއްގެ މަންދޫބުން ވަނީ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: