ވޭތުވެދިޔަ ދިޔަ ދޮޅު އަހަރު ތެރޭގައި ސިޓީ ކައުންސިލުން 12،018 އުފަން ދުވަހުގެ ސެޓްފިކެޓް ހައްދައިދީފިއެވެ.
މާލެ ސިޓީ ކައުންސިލުން ވޭތުވެ ދިޔަ ދޮޅު އަހަރު ހިންގާފައިވާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކާއި، ޙަރަކާތް ތަކުގެ އިތުރުން ކޮށްފައިވާ މުނިސިޕަލް އަދި އިދާރީ މަސައްކަތްތަކުގެ ޚުލާސާ ހިއްސާކުރައްވާ މާލެ ސީޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ދެއްވާފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ކައުންސިލަށް އެންމެ ގިނައިން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދިނުމާއި އުފަން ދުވަހުގެ ރަޖިސްޓްރީ ހަދައިދިނުން ހިމެނެމެވެ. އެގޮތުން 12،018 އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދީފައިވާއިރު، 10،263 އުފަން ދުވަހުގެ ރަޖިސްޓްރީ ހަދައިދީފައިވެއެވެ. މިއީ ބިމާއި، އިމާރާތް އަދި ރަށްވެހިކަމުގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތަކެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ ދޮޅު އަހަރު ތެރޭގައި މަގުމަތީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 12،106 ކާނު ސާފުކޮށްފައިވެއެވެ. އަދި 945 ކާރު ޒޯނު ކުރަހާފައިވެއެވެ. 407 މަގުގައި މަރާމާތުކުރުމުގެ މަސައްކަތްކޮށްފައިވާއިރު، 7293 ސައިކަލް ޒޯނު ކުރަހާފައިވެއެވެ
މާލެ ސިޓީ ކައުންސިލް އިން ވޭތުވެެ ދިޔަ ދޮޅު އަހަރު (17 މެއި 2021 އިން 17 ނޮވެމްބަރ 2022 އަށް) ހިންގާފައިވާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމް ތަކާއި ޙަރަކާތް ތަކުގެ އިތުރުން ކޮށްފައިވާ މުނިސިޕަލް / އިދާރީ މަސައްކަތްތަކުގެ ޚުލާސާ: pic.twitter.com/Av05YLtZgN
— Dr Mohamed Muizzu (@MMuizzu) November 30, 2022
ކޮށްފައިވާ އިޖްތިމާއީ ކަންކަމަށް ބަލާއިރު މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި 22،426 ތަން ބަލާފައިވެއެވެ. އެގޮތުން 1947 ތަނަކުން މަދިރި ފެނިފައިވާއިރު، މަދިރި އުފެދޭ ގޮތަށް ހުރުމުން 2895 ތަނަކަށް މަދިރި ބޭސް އަޅާފައިވެއެވެ. އަދި މަދިރި ނައްތާލުމަށްޓަކައި 2219 ތަން ފޮގް ކޮށްފައިވެއެވެ.
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 1209 ކޮންސްޓްރަކްޝަން ސައިޓްގެ ސޭފްޓީ ބަލާފައިވެއެވެ. އަދި 145 ކޮންސްޓްރަކްޝަން ސޭފްޓީ މައްސަލަ ހައްލުކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ސިޓީ ކައުންސިލުން ގިނަ ކަންތައްތައްކެއްކޮށްފައިވާއިރު، އޭގެ ތެރޭގައި އެކި އެކި މަސައްކަތްތަކަށް ތަފާތު ހުއްދަ ދޫކުރުމާއި، ތަންތަން ރަޖިސްޓްރީކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި އަލަށް އުފަންވާ ކުދިންގެ ނަން ފާސްކުރުމުގެ މަސައްކަތްތަކެއްވެސް ކޮށްފައިވެއެވެ. އިން ވަކިކުރުމާއި މަގުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

