ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނު ކުރަނީ، އެ މީހަކު ކުރަން ޖެހޭ މަސަކަތެއް ހަވާލު ކުރުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން މިއަދު ވެސް ބުނީ ރާއްޖެ ބަނގުރޫޓުވާ ހާލަތަކަށް ނުދާނެ ކަމަށެވެ. ރާއްޖެ މާލީގޮތުން އެފަދަ ކަމަކާއި ކުރިމަތިލާން ނުޖެހުނު ނަމަވެސް، ބައެއް ޕްރޮޖެކްޓުތަކަށް ފައިސާ ހަމަޖެއްސުމާއި މުސާރާތައް ދިނުމާއި އަދި ހަރަދުތައް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ދަރަނީގެ ނިސްބަތް ވެސް އިތުރުވެފައި ވާތީ، ދާދިފަހުން ފިނޭންސުން ސާކިއުލާއެއް ނެރެ ވަނީ އެތެރޭގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ވެރިން ދައުލަތުގެ ހަރަދުގައި ކޮންމެހެން ކުރަން ޖެހޭ ދަރުރުތައް ނޫނީ ނުކުރުމަށް އެންގުމުގައި ވެއެވެ.
ސަރުކާރުން ބޮޑެތި ހަރަދުތައް ކުރާ ސިޔާސީ މަގާމުތަކާއި ދެކޮޅަށް މީގެ ކުރިން އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް މި ވެރިކަމުގައި އުފެދި ސިޔާސީ މަގާމުތައް ވަނީ މިދިޔަ ދައުރާއި އަޅާ ބަލައި އިތުރުވެފަ އެވެ. އަދި އަންނަ އަހަރު ސިޔާސީ މަގާމުތައް އިތުރު ވާނެކަމަށް 2023 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައިވެ އެވެ.
ހަރަދުތަކާއި މެދު ބޮޑެތި ބަހުސްތަކެއް ކުރަނިކޮށް އަނެއްކާވެސް ސިޔާސީ މަގާމުތަކެއް އުފައްދައި ވަޒީފާތައް ދީފައިވާތީ މިއީ ކޮންމެހެން މުހިންމުކަމެއް ތޯ ”ސަންގު“ އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަސައްކަތެއް ނެތި ސިޔާސީ ވަޒީފާއެއްގައި އެއްވެސް މީހެއް ނުހުންނާނެ ކަމަށެވެ. މިއުވާން ވިދާޅުވީ، މި މަގާމުތައް އުފެއްދުމުގެ ބޭނުނަކީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. ތަކުރާރުކޮށް މިއުވާން ވިދާޅުވީ، ކޮންމެ މީހަކު ވެސް ސިޔާސީ މަގާމަކަށް އައްޔަނު ކުރަނީ މަސްއޫލިއްޔަތުތަކާއި އެކު ކަމަށެވެ.
މިއުވާން ވިދާޅުވީ ސިޔާސީ މަގާމެއް އުފައްދަނީ، ”ހަމަ މަގާމެއް“ ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އޭނާ މަގާމަށް އަންނަނީ ހަވާލު ކުރެވޭ މަސައްކަތަކާއި އެކުކަމަށް މިއުވާން ވިދާޅުވި އެވެ.

