ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ފެއާގައި ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މަޢުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެކަމަށް ކުންފުނިން ބުނެފައިވެއެވެ. މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަރ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރތައް ހިމެނޭނޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ފަރާތުން ބާއްވާ ސްމާޓްކޮމް ފެއާ 2022 ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ފާހަގަކޮށް އެޗްޑީސީ ބުނެފައިވަނީ، މިގޮތުން އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް،އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނޭނެކަމަށެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާރ ގައި ބައިވެރިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިންގ، ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންކަމަށެވެ. ހަމަ މިއާއެކު، ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯތައް ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް މުހިއްމު ކަމެއްގެ ގޮތުގައި އެޗްޑީސީ ވަނީ ފާހަގަކޮށްފައެވެ.

