މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަސް އަހަރުގެ ހުކުމް ބާތިލުކަމަށް ކަނޑައަޅައިދޭން އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ ހުކުމް ކުރުން އޮތް ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވީ އަމިއްލަ ހަރަދުގައިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ހަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ކެއުމަކާއި މަހާޒް ހަވާލުވިކަމުގެ ޝަކުވާއެއް ލިބި އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފަ އެވެ. މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ނިންމިއިރު، މަހާޒަށް އެ މައުލޫމާތު އެހެން ގޮތަކުން ލިބި ފަނޑިޔާރުންތަކެއް ތިބޭ ވައިބާރ ގުރޫޕަކަށް އެ މެސެޖު ފޮނުވިކަމުގެ މައުލޫމާތު ލިބެ އެވެ.
އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމިކަމުގެ މައުލޫމާތު ލިބިފައިވާތީ، މަހާޒް ވިދާޅުވީ އޭނާގެ ފަރާތުން އެފަދަ އެއްވެސް އަމަލެއް ހިނގާފައި ނުވާނެކަމަށާއި ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ބަޔާނެއް އާއްމު ކުރައްވައި މަހާޒް ވިދާޅުވީ، ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކެއުމަކީ ހާއްސަކެއުމެއް ނޫންކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ. އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން، މައްސަލަ ކުރިޔަށް ގެންދިޔަ ދުވަސްތަކުގައި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖައްސަނީ ރިޔާސަތުން އެއް ފަނޑިޔާރު ކަމަށެވެ. އެގޮތުން ނޮވެމަބަރު 30 ގައި ރެސްޓޯރަންޓަކުން އޯޑަރުކޮށް ކެއުން ގެނައީ އެއީ ރެސަސްއަށް ދިއުމުގެ ކުރިން ފަނޑިޔާރުން އެއްތަނަކުން ދިމާވާނެ އެންމެ ފަހު ދުވަހަށް ވާތީކަމަށް މަހާޒް ވިދާޅުވި އެވެ.
އެ ދުވަހުގެ ކެއުން ހަމަޖެއްސީ އޭނާގެ ހަރަދުގައިކަން ފާހަގަކޮށް މަހާޒް ވިދާޅުވީ، އެ ދުވަހު އޯޑަރު ކުރީ ކޮން ތަނަކުންކަން ހުރިހާ ފަނޑިޔާރުންނަށް ވެސް އެނގޭނެ ކަމަށެވެ. ހާއްސަކޮށް ކެއުން ކޯޓުގައި ތިބެ ކުރިޔަށް ގެންދަން ޖެހޭ ދުވަހެއް ނަމަ އޭގެ އެއް ދުވަސް ކުރިން ހުރިހާކަމެއް ދުރާލައި ރާވާއިރު އެއީ ސިއްރެއް ނޫންކަމަށް މަހާޒް ވިދާޅުވި އެވެ.
https://t.co/bFZNR2ASkr pic.twitter.com/pvSnTgWqwH
— Mahaz Ali (@mahazalii) December 1, 2022
ކެއުމަށް ހަރަދުކޮށް، ފައިސާ ދެއްކީ ވެސް އޭނާކަމަށާއި އެކަމުގެ ސްލިޕް ވެސް އޮންނާނެކަމަށް މަހާޒް ވިދާޅުވި އެވެ. އެއީ ނުއަގުގައި ނުވަތަ ހިލޭ ގެނައި ކެއުމެއްކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް ވެސް މަހާޒް ވިދާޅުވި އެވެ. މަހާޒް ވިދާޅުވީ އޭނާ ކެއުމަށް އޯޑަރު ކުރުމަށް ފަހު، އިދާރީ ކުއްޖަކާއި ތަނުގެ ނަމްބަރު ހަވާލު ކުރިކަމަށާއި ކަން ހިނގައިދިޔަ ގޮތަކީ އެއީ ކަމަށެވެ.
މި މައްސަލައިގައި މަހާޒް އެދެނީ އޭނާގެ ސުލޫކީ މައްސަަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ.
ރައީސް ޔާމީނަށް އިއްވި ހުކުމް ބާތިލު ކުރުމާއި އެކު އޭރު ވެސް މަހާޒްގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް މަހާޒް ނެރުއްވި ހުކުމުގައި، އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުގެ ގިނަ ގޯސްތަކެއް ފާހަގަކުރި އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ބާރުދޭ ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ނުވާކަމާއި ހިޔާނާތް ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާތީ އެކަމާއި މެދު ސުވާލު އުފެއްދި އެވެ.

