ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮތް ނޭނގޭ ބޮޑެތި ލޯނުތަކެއް: ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީ މީގެ ހަތަރު އަހަރު ކުރީން އިދިކޮޅުގައި އޮވެ އެންމެ އަޑު އަހަރުކޮށް ރައީސް އަބްދުﷲ ޔާމީނަށް އަމާޒު ކުރި ފާޑުކިއުމަކީ ޗައިނާއިން ލޯނު ނަގައި، އެ ގައުމުގެ ދަރަނީގެ ދަންތުރައެއްގައި ގައުމު ޖެހެމުންދާކަމުގެ ވާހަކަތަކެވެ. އަދި އެއް ގައުމަކުން ލޯނު ނެގި ނެގީނުން ގޮސް މަތިބަރު ކުރަމުންދާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދިވެހިން ދަރަނީގެ ދަންތުރައެއްގައި ޖެއްސީ ޗައިނާއިން ކަމަށްވީ ނަމަވެސް މި ވެރިކަމުގެ ދިވެހިން ދަންތުރައެއްގައި ޖެއްސީ އިންޑިއާއިންނެއް ނޫނެވެ. ހަގީގަތުގައި ގައުމާއި ރައްޔިތުން ދަރުވާލައި ދަންތުރައެއްގައި ޖެއްސިކަމުގެ ނަން ހައްގުވާ ފަރާތަކީ މި ސަރުކާރުކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ބޭންކުތަކުން އަބަަދުވެސް ތިބޭނީ ލޯނު ދޭން ތައްޔާރަށެވެ. މަގުމައްޗަށް ނިކުމެ އަތުގައި ހިފާ ގެންގޮސް ބޮލުގައި އަޅުވަނީއެއް ނޫނެވެ. ކޮންމެވެސް ބޭފުޅަކަށް ބެންކެއް ފެނި ކޮންމެވެސް ތަނަވަސް ވިސްނުމެއް ވިސްނިގެން ލޯނެއް ނެގުމަށް ނިންމައި އެތަނަކަށް ވަދެ ލޯނު ނަގަނީއެވެ.

ލޯނު ނަގައިގެން ކުރަނީ އޮއްޓަރެއް ނެތް ދެކޮޅު ނުޖެހޭ އަދި ހާލަތާއި ނުބައްދަލު ކަމެއް ނަމަ ވެގެންދާނީ ގެއްލުންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ސާފުވާނެއެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަ ފަރާތެއްވެސް ވާންޖެހޭނީ ބުއްދި ސަލާމަތުން ހުރި މީހަކަށް ކަމަށްވުމުން، މިހާރުގެ ވެރިކަން ކުރާ ފަރާތްތަކަށްވެސް މިވަރު ނުވިސްނި ނުދާނެކަން ޔަގީނެވެ. އެހެން ކަމުން ނަގާފައިވާ ބިލިއަން ޑޮލަރުގެ ލޯނުތައް ނެގި އިރު، އަނބުރާ ދެއްކޭނެ މަގެއްވެސް ނެތްކަން އިނގޭނެ ކަމާއިމެދު ޝައްކެއްވެސް ނެތެވެ.

ލޯނުތައް އަނބުރާ ދެއްކުމައްޓަކައި ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވަރެއިން ޑިވެލޮޕްމެންޓު ފަަންޑުގައި ހުރި ފައިސާތައް ވެސް ހުރީ ކޮންމެވެސް ބޭފުޅެއްގެ ތަނަވަސް ހިޔާލެއްގެ މަތިން އިންވެސްޓުކޮށްފައިކަމަށް ބުނެއެވެ. އެމްއެމްއޭއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން މި ފައިސާތައް ލިބެންޖެހޭ ދުވަހު ނުލިބިއްޖެ ހާލަތެއްގައި ދިވެހިރާއްޖެއަށް ލޯނުތައް އަނބުރާ ދެއްކުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެގެންދާނެއެވެ.

އެހެންކަމުން މަރުކަޒީ ބެންކުން އެދުނީ، އެ ފައިސާ އަނބުރާ ހޯދުމުގެ ޕްލޭނެއް އެކުލަވާލައި އެ މަސަައްކަތްތައް އަވަސް ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ. މިއީ ހައިރާންވާ ވަރުގެ ވާހަކައެކެވެ. އެސްޑީއެފްއިން އިންވެސްޓު ކުރި އިރު، ފައިދާ އާއި އެކު އެ ފައިސާތައް އަނބުރާ ހޯދުމުގެ ޕްލޭނެއް އެކުލަވާލާފައިނުވާ ކަމާއިމެދު ސުވާލު އުފެދެއެވެ.

ކޮންމެއަކަސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ގިނައިން ބާރު ރޭޓެއްގައި ކުރަމުންދާ މަސައްކަތަކީ ލޯނު ނެގުމެވެ. ލޯނު ނަގައިގެން ކުރާ މަސައްކަތްތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ދާކަމަކަށް ނުބުނެވޭނެއެވެ. އެއް ވެރިޔަކު އެޅީތީވެ ބުރިޖެއް އެޅުމަށް ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ފެންނާކަށް ނެތެވެ. ފެނިގެންދާ މަންޒަރުތަކާއި އެކު އިވިގެންދަނީވެސް ނޭދެވޭ ވާހަކަތަކެވެ.

ބުރިޖެއް އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިހަކަށް ދުވަހު ނެރު ބައްތިއެއްގެ ސިފައިގައި ހުރި ތަންބެއް ޖެހި އިރު، އަނެއް ދުވަހު ފެނުނީ އެ ތަނބު އަރިއަޅާލާފައި ހުއްޓާ މީހަކު ސޯޝަލް މީޑިއާއަށް ލާފައިވާ ފޮޓޯއެކެވެ. އޭގެ ކުރިން އިވިގެން ދިޔައީ އެއްވެސް އެއްޗެއް ބިނާ ނުކުރެވިގެން އުޅެނީސް މި މަސައްކަތްތަކުގެ ތެރެއިން ބުރިޖު ޕްލެޓުފޯރމު ފަރަށް އަރައި ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތެއް ފުނޑުފުނޑުވެގެންދިޔަ ވާހަކައެވެ.

މިކަމުގެ އެންމެ ފަހުގެ މައުލޫމާތަކީ ތަނބެއް ޖެހުމުގެ ތެރެއިން ބުރިޖު އެޅުމަށް ބޭނުން ކުރަމުންދިޔަ ކެރޭނެއްގެ ދަނޑި ބިންދައިގެން ދިޔަ ވާހަކައެވެ. ކޮންމެއަކަސް ޖަހާފައިވާ ތަނބުތައް ހުރި ގޮތުންވެސް ސިފަވަނީ ދަނޑި ޖަހައިގެން ބުރިޖެއް އެޅުމަށް މަސައްކަތް ކުރާ ފަދަ މަންޒަރެކެވެ. އަދި ފެންނަ ފެނުމަށް ކަންކަން ދާ ގޮތުން އެޅޭނެކަން އަދި އެޅުނަސް އެ ބުރިޖެއްގެ ރައްކާތެރިކަމާއި އެ ބުރިޖެއް ދެމި އޮންނާނެ ދުވަހާއިމެދު ވެސް ގިނަ ސުވާލުތައް އުފެދެއެވެ.

މިއީ މިއަދު ވެރިކަމުގައި ތިބި އެމްޑީޕީގެ ހާލަތެވެ. ސަރުކާރު ހިންގަމުން ދަނީ ރާއްޖެ 1.2 ބިލިއަން ޑޮލަރުން ދަރުވާލުމަށް ފަހުކަމަށްވާއިރު އެކަމުގެ ޒިންމާ އެއޅި ދަރާ ހުލިވަނީ ދިވެހި ގައުމާއި ރައްޔިތުންނެވެ.

އެހެންކަމުން މި ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ދަރަނީގެ މައުލޫމާތުތައް ދިނުމަށް ދެކޮޅު ހަދައި ދެމުންދާ ޖަވާބުތަކަކީ ބަލައިގަތުމަށް އުނދަގޫ އޮއްޓަރެއް ނެތް ވާހަކަތަކެކެވެ. ރައްޔިތުންގެ ނަމުގައި ނެގި ލޯނެއް އަދާ ކުރާ ގޮތާއިމެދު ސުވާލު ކުރުމުން ސަރުކާރުން ބުނަނީ އެ މައުލޫމާތު ސިއްރު ވާނެކަމަށެވެ. އަދި މައުލޫމާތެއް ދޭން ބުނުމުން ބުނަނީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެކަމަށެވެ.

މިހެން ބުނުމުން ދޭހަ ވަނީ ސަރުކާރުން، ގައުމީ ސަލާމަތައް ނުރައްކާވެދާނެ ފަދަ މާއްދާތަކެއް އެކުލެވޭ ސިއްރު އެއްބަސްވުމެއްގައި ސޮއި ކުރަމުންދާކަމެވެ. އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށް އަޅަމުންދާ ތިލަމާލެ ބުރިޖުގެ އެއްބަސްވުން ހާމަކުރުން ވެސް ވަނީ ގައުމީ ސަލާމަތައް އޮތް ނުރައްކަލަކަށެވެ. ކޮން ގޮތަކުން ކަމެއްވެސް ބަޔާނެއް ނުކުރެވެއެވެ. މިއީ އުޅެ އުޅެ ޖަވާބެއް ނުލިބުނު އަރަތެކެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރަފީ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް ވެސް ހާމަ ނުކުރެވުނީ އެކަން ކުރަން ހެދި އެއްބަސްވުން ހާމަކޮއްފި ނަމަ ގައުމީ ސަލާމަތައް ނުރައްކާވެދާނެތީކަމަށް ބުނެއެވެ. ޗާގޮސް މައްސަލައިގައި ރައީސް ސާލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީގައި ވަނީ ކޮން ކޮން ވާހަކަތަކެއް ކަން އަނގަ ބަހުން ބުނުމުން ނުރައްކަލަކަށް ނުވާއިރު، އެ ސިޓީ ދެއްކުން ވެގެން ދަނީ ގައުމީ ސަލާމަތައް ހުރި ނުރައްކަލަކަށެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ދިވެހިންގެ މިލްކިއްޔާތެއް ކަމަށްވާ ދިވެހިރާއްޖޭގެ ފޮރިން ރިޒާވްގެ މައުލޫމާތުތައް ދިވެހިންނާއި ހިއްސާ ކުރުންވެސް ވެގެންދިޔައީ ހަމަ އެ ދަންނަވާ ފަދަ ނުރައްކަލަކަށެވެ. މިކަން ހާމަ ނުކުރެވޭ ހަމަ ޖޭހޭ ސަބަބެއް ބުނެނުދެވެއެވެ. ނުވެސް ބުނެދެވޭނެއެވެ.

އެހެން ނަމަވެސް ޓީބިލެއްގެ ސިފައިގައި ދިވެހިންގެ ޓެކްސް ފައިސާ ރަހުނުކޮށްގެން މި ފަހުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް، ވިއްކާފައިވާ ދިވެހިރާއްޖޭގެ ޓީބިލެއްގެ މައުލޫމާތުތައް އެ ފައިސާތަކުގެ ވެރި، ދިވެހި ރައްޔިތުންނާއި ހިއްސާ ކުރުމަށް ދެކޮޅު ހެދުން ވެގެންދިޔައީ ވަރަށްވެސް ހެއްވާ މަޖާ ކަމަކަށެވެ.

އިންޑިއާ އާއި ދެމެދު ހެދި ލޯނުގެ އެއްބަސްވުމުގެ މައުލޫމާތު ދިނުމުން ގައުމީ ސަލާމަތައް ނުރައްކާވާ ކަމަށް ބުނުމުން އެއްޗެކޭ ނުބުނެ ބަޔަކު ތިބި ނަމަވެސް، ދިވެހިރާއްޖޭގެ ޓީބިލެއްގެ މައުލޫމާތު ދިވެހިންނަށް ނުދިނުމަށް ކުރަމުންދާ މަސައްކަތްތައް ސިފަވަނީ ހިޔާނާތެއް ހެންނެވެ.

ދިވެހިރާއްޖެގެ ރައްޔިތުންގެ ޓެކްސްފައިސާ ބޭނުންކޮށްގެން ގައުމު ހިންގަން ބަޔަކާއި ހަވާލުކޮށްފައިވާ ނަމަވެސް، އެ ފައިސާތައް ބޭނުން ކުރެވޭ ގޮތުގެ މައުލޫމާތު ދިވެހިންނަށް ހައްގު ނުވާނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އެއީ ދިވެހިންގެ ފުރިހަމަ ހައްގެކެވެ.

އިންޑިއާއިން ބުނާގޮތުން ދިވެހިރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނީ ސަރުކާރަށް ފެންނަ ގޮތަކަށް އިގްތިސާދު އަދި އިޖްތިމާއި ކަންކަން ހަމައަކަށް އެޅުވުމަށް ބޭނުން ކުރުމަށެވެ. އެ ގައުމުން ބުނީ ލޯނު ދިން އިރު ޝަރުތެއް ނުކުރާ ކަމަށެވެ.

ނުވެސް ކުރެވޭނެ ނޫންތޯއެވެ. ލޯނު ދިނީ ހުސް އަތާ ގޮސް ހުއްޓާއެއް ނޫނެވެ. ޓީބިލެއް ވިއްކުމާއި މުދާ ގަނޑެއް ރަހުނު ކުރުމާއި ހަމަ އެއްފަދަ އެވެ. މިކަމުން ހާމަވަނީ ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތެވެ. އިންޑިއާއަށްވެސް ދިވެހިރާއްޖެއަށް ލޯނުތައް އަނބުރާ ދެއްކޭނެކަމާއިމެދު ޝައްކުވާން ފަށާފައިވާ ފަދައެވެ.  ހާލަތު ދައް ނޫން ނަމަ ބަޖެޓަރީ ސަޕޯޓަށް ގޮސް އެހެން ގައުމެއްގެ ފައިބުޑަށް ވެއްޓެން ނުޖެހޭނެކަންވެސް ޔަގީނެވެ.

މިވަރުން ދިވެހިރާއްޖޭގެ މާލީ ހާލަތު ދައްވެ ގޮސްފައިވާ މިންވަރު ސާފުނުވާނަމަ، އެންމް ފަހުން އިންޑިއާގެ ރިޒާވް ބެންކު އަދި ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު ދެމެދު ގާއިމު ކުރި 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމުން އެކަން ހާމަވެއެވެ. މިކަމުގެ މައުލޫމާތުވެސް ދިވެހި މީޑިއާތަކާއި ހިއްސާ ކުރީ އިންޑިއާއިންނެވެ. އެމްއެމްއޭއަށް އިންޑިއާއިން ދިން ވަރަށްވެސް މައުލޫމާތު ނުދެވުނެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ދައްވެ ގޮސްފައިވާ މިންވަރު ސާފުކޮއްދިން އިންޑިއާގެ ބަޔާނުގައި ބުނެފައިވާގޮތުން 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމު ކުރީ ދިވެހިރާއްޖޭގެ ފޮރިން ރިޒާވްގައި ހުރި ފައިސާއިން، ބޭރު ފައިސާގެ ބޭނުންކޮށްގެން ކުރަން ޖެހޭ މުއާމަލާތްތަކަށް ނުފުދިއްޖެ ހާލަތެއްގައި ފައިސާ ހޭދަ ކުރެވޭނެ އިތުރު މަގެއް ގާއިމު ކުރުމުގެ ގޮތުންކަމަށެވެ.

އެހެންކަމުން އިވެމުންދާ ވާހަކަތަކާއި ފެންނަމުންދާ މަންޒަރުތަކަށް އަލި އަޅުވައި ބުނެލަން އޮތް ވާހަކައަކީ، މީހެއްގެ ފައިސާ އާއި ހަވާލުވުމަށް ފަހު، އެ ފައިސާއިން ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހައްގު ވެރިންނަށް ދިނުމަށް ދެކޮޅު ހެދުމަކީ ހިޔާނާތްތެރިންގެ ސިފައެކެވެ. އެ ފައިސާއިން ނަހަމަ ބޭނުމެއް ކޮއްފައިނުވާނަމަ އަދި ރަނގަޅު ގޮތުގައި ބޭނުން ހިފާފައިވާނަމަ، މައުލޫމާތު ހާމަކުރުމަށް ފަހެއް ނުޖެހޭނެއެވެ. ކުރުމުގައި ދިމާވެދާނެ މައްސަލައެއްވެސް ނޯންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: