ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭ މައުލޫމާތު ދިނުމަކީ ސަރުކާރުން ދެކޭ ގޮތުގައި ޓެކްނިކަލް ކަމެއް!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ޓީބިލެއްގެ ގޮތުގައި ރަހުނުކުރުމަށް ފަހު އިންޑިއާގެ އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނާއި ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް އެދުމުން އެއީ ޓެކްނިކަލް މައުލޫމާތުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސަރުކާރުގެ އަތުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ރަހުނުކޮށްފައިވާ ޓީބިލުގެ އިންޓްރަސްޓު ރޭޓު އަދި އެ ލޯނު އަނބުރާ ދައްކަންޖެހޭ މުައްދަތާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން މިއުވާންވަނީ އެ މައުލޫމާތުތަކަކީ “ޓެކްނިކަލް” މައުލޫމާތުތަކެއް ގޮތުގައި ސިފަކުރައްވާފައެވެ.

މިއުވާން ވިދާޅުވީ، އެފަދަ މައުލޫމާތު ހާމަކުރާނީ ފިނޭންސް މިނިސްޓްރީއިންކަމަށެވެ. އަދި ބެންކަކާއި އެކު ވޭވޭ އެއްބަސްވުމަކަށް އިންޑިއާއިން އިހުތިރާމް ކުރަންޖޭހެނެކަމަށާއި އެސްބީއައި އިން އެ ލޯނު ދިފައިވަނީ އެކަށީގެންވާ ރޭޓެއްގައި ދިގު މުއްދަތަށްކަމަށްވެސް މިއުވާންވަނީ ފާހަގަކުރައްވާފައެވެ.

ލޯނާއި ބެހޭ “ޓެކްނިކަލް” މައުލޫމާތުތައް ހާމަކުރާނީ ފިނޭންސް މިނިސްޓްރީއިންކަމަށް މިއުވާން ފާހަގަކުރައްވާފައިވާއިރު، ޝަރުތެއް ނުކޮށް އިންޑިއާއިން ދީފައިވާ ލޯނެއްކަމަށް ބުނާ މި 100 މިލިއަން ޑޮލަރުގެ ލޯނާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް “ސަންގު” އިން ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅައި މެސެޖުކޮށްފައެވެ.

ތަކުރާރުކޮށް މަސައްކަތްތަކެއް ކުރުމުން ފިނޭންސް މިނިސްޓްރީއިންވަނީ ލޯނު އެއްބަސްވުމުގެ “ސިއްރު” މާއްދާތަކަށް އިހުތިރާމު ކުރުމުގެ ގޮތުން އެ މައުލޫމާތުތައް ދެވެން ނެތްކަމަށް ސިފަކުރައްވާފައެވެ.

ލޯނުގެ އިންޓްރެސްޓު ރޭޓު ކަލްކިއުލޭޓު ކުރެވޭ ގޮތަކުން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާއިރު އިތުރަށް ބޮޑެތި އަދަދުތަކެއް ދައްކަން ޖެހިދާނެކަމުގެ ބިރު އޮތުމުން “ސަންގު” އިންވަނީ މި މައުލޫމާތާއި ގުޅޭގޮތުން މިއުވާން އާއި ތަކުރާރުކޮށް ސުވާލުކޮށްފައެވެ.

އެގޮތުން ލޯނު ނެގިފައިވަނީ ދިވެހިރައްޔިތުންގެ ޓެކްސްފައިސާ ޓީބިލެއްގެ ގޮތުގައި ރަހުނުކޮށްފައިކަމަށް ފާހަގަކޮށް، އިންޑިއާއިން ލޯނު ދިނުމުގައި ޝަރުތެއް ކޮއްފައިނުވާކަމަށް އިޝާރާތްކޮށް “ސަންގު” އިންވަނީ އެ މައުލޫމާތު “ޓެކްނިކަލް” މައުލޫމާތަށް ވެފައިވާ ސަބަބު އަދި މައުލޫމާތު ހާމަ ނުކުރެވޭ ސަބަބާއިމެދު ވެސް ސުވާލުކޮއްފައެވެ.

ޖަވާބެއްގެ ގޮތުގައި މިއުވާން ވިދާޅުވީ، ފިނޭންސްއިން އެ މައުލޫމާތުތައް ހާމަކުރެވެން އޮތް ވަރަކަށް ހާމަކުރާނެކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަކަށް ރައީސް ސާލިހުގެ ސަރުކާރުން ހިޔާނާތްތެރިއެއް ނުވާނެކަމަށް މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.

އެނާ ވިދާޅުވީ، ސަރުކާރުން ލޯނުގެ ގޮތުގައި ހޯދާ ފައިސާތައް ބޭނުންކުރާނީ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތަކަށް ކަމަށެވެ. އަދި ފައިސާއާއި ގުޅޭގޮތުން ބެންކުތަކާއި ދެމެދު ވެވޭ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނެކަމަށާއި ދެވެން ހުރި މައުލޫމާތެއް ނަމަ ފިނޭންސް މިނިސްޓްރީއިން ހާމަކުރާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ބެންކެއް ނުވަތަ ބޭރު ގައުމަކާއި ދެމެދު ގާއިމު ކުރެވޭ އެއްބަސްވުމެއްގައި ހުންނަ މާއްދާތަކަށް އިހުތިރާމް ކުރަންޖެހޭނެކަމަށެވެ.

ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ދެމެދު 100 ގާއިމު ކުރެވުނު ލޯނު އެއްބަސްވުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ކުރެވިގެންދިޔަ މަޝްވަރާތަކެއްގެ ނަތީޖާކަމަށް ސަރުކާރުން ބުނެއެވެ.

މި ލޯނު އެއްބަސްވުން ގާއިމު ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރާއްޖެއަށް އެ ލޯނު ލިބުނީ، ދިވެހި ޓީބިލެއް އެ ގައުމުގެ ސްޓޭޓް ބެންކް އޮފް އިންޑިއާށް ވިއްކައިގެންނެވެ. އަދި ލޯނު ދިނުމުގައި ދިވެހި ސަރުކާރަށް އެއްވެސް ޝަރުތެއް ކޮށްފައިނުވާނެކަމަށާއި، އެ ފައިސާ ދީފައިވަނީ ދިވެހި ސަރުކާރަށް ފެންނަގޮތަަކަށް ހަރަދުކޮށް އިގްތިސާދާއި އިޖްތިމާއީ ހާލަތު ހިފެހެއްޓުމައްކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: