ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބުނު ފައިސާއަށް ވުރެ ކުރި ހަރަދުތައް އެތައް ބިލިއަނެއް ބަތީގައި!

މާލީ ވަޒީރު އިބާރާހީމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

7 މަސް ދުވަހުގެ ތެރޭގައި ދައުލަތައް ވަތް ފައިސާއަށްވުރެ އިތުރަށް، 5 ބިލިއަން ރުފިޔާ ހަރަދުކޮށްފިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.7 ބިލިއަން ރުފިޔާއެވެ.

އެ މުއްދަތުގައި ދައުލަތުން ޚަރަދުކޮށްފައިވާ ފައިސާގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ 20.7 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީގެ އިތުރަށް 5.04 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައިވެއެވެ.

ރާއްޖެ ދަރަނީގެ ސަބަބުން މާލީ ރިޒާވް ހުސްވެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަގުރޫޓޫވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ ކަންކަމާއި ބެހޭ އިދާރާތްތަކުން ދިނުމުން ސަރުކާރުން ފުރަތަމަ ބުނަމުން އައީ މިފަދަ ކަންބޮޑުވުމެއް ރާއްޖެއަށް ނެތްކަމަށެވެ. ނަމަވެސް ދާދި ފަހުން މާލީ ވަޒީރު އިބާރާހީމް އަމީރު ސޮއިކޮށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ކުންފުނިތަކަށާއި ސަރުކާރަށް ނިސްބަތްވާ ތަންތަނަށް ފޮނުވި އެއްގުމެއްގައި ވަނީ އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް ހަރަދުތައް އިތުރުވެފައިވާތީ ކޮންމެ ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ބޭނުންވެއްޖެ ނަމަވެސް 5000 ރުފިޔާއިން މަތިވާ ހަރަދެއްނަމަ ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ. އަދި ސަރުކާރުން ބަޖެޓު ކޯށްފައިޥާ ކަންތައްތައްވެސް މަޑު ޖައްސާލުމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ ޕްރޮމޯޝަންސްތައް ހިމެނެއެވެ.

ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއިއެކު އޭގެ އަސަރު ރާއްޖޭއަށް އިޤުތިޞާދީ ގޮތުން ކުރިމަތިވެފައިވާތީ، އެ ގޮންޖެހުންތަކުގެ ސަލާމަތްވެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ސަރުކާރުން އިތުރަށް ދަރަނި ނުނަގާނެކަމަށާއި، މިހާރު ފަށާފައިވާ މަޝްރޫޢުތައް ނޫން އައު މަޝްރޫޢެއް ނުފަށާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް އެއަށްފަހުވެސް ސަރުކާރުގެ ފަރާތުން ވަނީ ރައީސް ސާލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި 5000 ގޯތީގެ ތެރެއިން 3،000 ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާ، ގޯތި ދޫކުރުމަށް ވައުދުވީ ފަޅު ނުހިކި އޮތުމުން ފަޅު ހިއްކުމަށްޓަަކައި ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަންގަވާފައެވެ. އަދި ސިއްހީ ނިޒާމު ހަރަދަނާކުރުމަށްޓަކައިކަމަށް ބުނެ ވަނީ 299 މިލިއަން ރުފިޔާގެ ލޯނެއްވެސް ނަގާފައެވެ.

މީގެ އިތުރުން 3 ބިލިއަން ރުފިޔާގެ ލޯނެއް ނެގުމަށްވެސް އިންޑިއާއާއެކު ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލުން ބުނީ 6 ބިލިޔަން ރުފިޔާ ހަރަދު ކޮއްފައިވަނީ ގދ.ހަވަރު ތިނަދޫގެ ލޭންޑްޔޫސް ޕްލޭން ހެދުމަށާއި ގދ.ހަވަރު ތިނަދަުގައި ގޯތިދޭނެ ބިންނެތިގެން ގޯތިދޫކުރުމަށްކަމަށެވެ. ޝުކުރިއްޔާ ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް ޕްރިފެސަރު ޑޮކްޓަރު އަލްއުސްތާޒު މޭޔަރު ރޯނުއެދުރު ސައުދު އަލީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: