ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނުތަކުގެ މައުލޫމާތު އެމްއެމްއޭ ގަވަނަރަށްވެސް ނޭނގޭ: އަބްދުލްރަހީމް އަބްދުﷲ

އިދިކޮޅުން އެމްއެމްއޭގެ ގަވަނަރާ ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާއި ދެމެދު ހިންގަމުންދާ މާލީ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު އަލީ ހާޝިމްއަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުންވަނީ އެމްއެމްއޭގެ ގަވަނަރާ ބައްދަލުކުރައްވާފައެވެ. ބައްދަލުވުން ނިންމަވާލައްވާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވިގޮތުން ބައްދަލުވުމުން ނިކުންނެވީ ހުރި ވަރަށްވުރެ އިތުރު ކަންބޮޑުވުންތަކާއި އެކުކަމަށެވެ.

އެނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އިވެމުންދާ އަޑުތައްވަނީ ކަށަވަރު ކުރެވިފަައިކަމަށެވެ. އަދި އިދިކޮޅުގެ ކަންބޮޑުންތަކަށް ހައްލެއް ލިބިގެންދާ ވަރުގެ ވާހަކައެއް އެމްއެމްއޭގެ ގަވަނަރަށް ވިދާޅުނުވެވޭކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ އިންޑިއާއިން ނަގަމުންދާ ލޯނުތަކާއި ގުޅޭ މައުލޫމާތުތައް ގަވަނަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މަރުކަޒީ ބެންކަށް ސަރުކާރުން ހިންގަމުންދާ މާލީ މުއާމަލާތްތަކުގެ މައުލޫމާތު ނުލިބުމަކީ ރައްޔިތުން ކަންބޮޑުވާންޖެހޭކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި މާލިއްޔާތުގައި ހުރީ ކުރިއަށް އޮތް ވިއްސަކަށް ދުވަހު ބޭނުންކުރެވޭ ވަރަށް ފައިސާކަމަށް އަލީ ހާޝިމް ވިދާޅުވެފައިވާކަމަށް ފާޙަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އަލީ ހާޝިމްވަނީ ފާސްކޮއްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ކަންބޮޑުވުންތައް ހުރިކަމަށްވެސް ވިދާޅުވެފައިކަމަށެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ، އިންޑިއާ އަދި ރާއްޖެ ދެމެދު ގާއިމު ކުރެވިފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައިސްދާނެ ހީނަރުކަން އަންދާޒާވެސް ނުކުރެއްވޭކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުންދާ މާލީ މުއާމަލާތްތަކުގެ މައުލޫމާތު ގާނޫނީ ގޮތުން ގަވަނަރަށް އެނގިވަޑައިގަންނަވަން ޖެހޭ ނަމަވެސް އެންމެ ފަހުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތުތައް އެނގިވަޑައިނުގަންނަވާކަން ގަވަނަރު ފާހަގަކުރެއްވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ކަންބޮޑުވުންތައް އިތުރުވެފައިވަނީ ލޯނުގެ އިންޓްރެސްޓު ރޭޓު ފަދަ މައުލޫމާތުތައްވެސް ގަވަނަރު ހާޝިމްއަށް އެނގިވަޑައިނުގަންނަވާތީކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނުރައްކަލެއްގެ ތެރޭގައިކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ހިތާމަތަކަކާއި ކުރިމަތިލާންޖެހިދާނެކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: