ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހެއް ކަނޑައަޅާ މަސްވެރިންގެ ދުވަހޭ ބުނެ ފާހަގަކޮށްލުމަކުން އަދި ނުނިމޭނެއެވެ. މިފަދަ ދުވަހެއް ފާހަގަކުރާއިރު ދިވެހިންގެ ލޭނާރުކަމުގައި ސިފަކުރާ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ތިބި މަސްވެރިންގެ ހައްގުތަށް ކަށަވަރުވޭތޯ ސުވާލުކޮށް ބަލަން އެބަޖެހެއެވެ. ހަމައެކަނި ބޮޑު ޖަލްސާއެއް ބާއްވާ ފަށުވި އިބާރާތުން މަސްވެރިންނާއި ގުޅުވައި ވާހަކަތަކެއް ދެއްކެވުމުގެ ބަދަލުގައި ސިނާއަތް ކުރިއަރާތޯ އަދި މިކަމުން ލިބެންޖެހޭ މަންފާ ލިބޭތޯ ބަލަންޖެހެއެވެ. އަދި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ މިކަންކަމުގެ ހައްލަކީ ކޮބައިތޯ ބެލުން މުހިންމެވެ.
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ އަދި ރާއްޖޭގެ އިގްތިސާދަށް ވެސް ނުހަނު މަންފާކުރާ ކަމަކަށް ވާއިރު، ހަމައެކަނި ގައުމަށް މަސްވެރިންގެ ހިއްސާވުން މުހިންމުކަމަށް ފާހަގަކުރައްވާ ނިންމާނުލައްވާށެވެ.
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ލިބޭނެކަމުގެ ވާހަކައާއި، މަހުގެ އަގު 20 ރުފިޔާއިން ދަށަށް ނުގޮސް ހިފަހައްޓާނެކަމުގެ ވާހަކައާއި އަދި އެވަރުން ނުވެގެން މަހަށް ހަމައަގު ހޯދައިދޭ ވާހަކަވެސް ދެކެވުނެވެ. ގޭދޮށު މަސް ފެކްޓްރީ އަޅަން ވައުދުވެވަޑައިގެންނެވި އިރު، އެ ބުނާ މަސްފެކްޓްރީ އެޅުނީ ކޮން ގެއެއްގެ ގޭ ސޮށުގައިތޯއެވެ. މަސްވެރިންގެ ލޮލުގައި އަނދުން އެޅުވުމަށް ވައުދުވީ ވަކި ސަރުކާރަކުންނޭ ބުނެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. މަސްވެރިންގެ ހައްގުގައި ވަކާލާތުކޮށް، އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްނުކުރީ ވަކި ވަޒީރެކޭވެސް ބުނެވޭކަން ނެތެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު މަސްވެރިންނަށް ދޭން ބުނި ހަމައަގަކީ ކޮބައިކަން އަދިވެސް ނޭގެއެވެ. ނަމަވެސް ވަރަށް ފުރިހަމަ އަދި ހަމަހަމަ ހަތަރު އަހަރުކަމުގައި ފާހަގަކުރައްވައެވެ.
ދަންނަވަންތޯއެވެ. މަނިކުފާނާއި، އަދި އެކުގައި ތިބި ބޭފުޅުންކޮޅަކަށް މިއީ ހަމަހަމަ ހަތަރު އަހަރޭ ހީވިކަމުގައިވީ ނަމަވެސް ބުރަ މަސައްކަތުން ބާނާ މަސްކޮޅު ސަރުކާރުގެ ނާގާބިލުކަމުން ކެޕޭސިޓީ އިތުރުކުރެވިފައިނުވާތީ ކަނޑަށް އުކާލަން ޖެހުނު މަސްވެރިންނަށް މިއީ ”ހަމަހަމަ ހަތަރެއް“ ނޫނެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދާ، މަސްވެރިން މަސް ކަނޑުތަކަށް ނިކުންނަން ބޭނުންވާ ޑީސަލް އާއި އައިސް ލިބޭނެ އެންމެ ފަސޭހަ ގޮތް ވީ ވައުދާއި އެއްގޮތަށް ފުއްދަވައިދެއްވާށެވެ. ރިޔާސީ އިންތިހާބަށް މެނިފެސްޓޯއެއް ތައްޔާރުކުރަން ޖެހުމުން ނޫނީ ނުފެންނަ ބައެއްގެ ގޮތުގައި މަސްވެރިން ނުހައްދަވާށެވެ.
ބާނާ މަހަށް ހަމަ އަގު ނުލިބުނުތާ، މަސް ކިރާނެ ގޮތެއް ނެތި، އައިސް ލިބޭނެގޮތް ނެތުމުގެ ޝަކުވާތަކަކީ މަސްވެރިން އިއްޔައަކު މިއަދަކު ކުރަން ފެށި ޝަކުވާއެއް ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިން އޮތް ކަންބޮޑުވުން މިއަދުވެސް އޮތީ ހަމަ އެ ގޮތުގައެވެ. ނަމުގައި މަސައްކަތްކުރަނީއެވެ. ކަމުން ކުރެވުނު އެކަށީގެންވާ މަސައްކަތެއް ނެތެވެ. ކުރީ ސަރުކާރުގައި މަސްވެރިންނަށް ޖެއްސި ހާލަށް ފާޑުކިޔަން އިދިކޮޅުގައި 5 އަހަރު ހޭދަކުރުމަށްފަހު، އެކަން ތަކުރާރުނުވާނެކަމަށް ބުނެ ވެރިކަމަށް އައިތާ 4 އަހަރުވީއިރު، ވީ ކީއްހެޔެވެ؟ ނެރެވުނު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ހައްލު ގެނެވުނު ކަމެއް ކޮބައި ހެއްޔެވެ؟ މަސްވެރިންގެ އެ ޝަކުވާތަކުގެ އަޑުއެހުމުން ހާލަތުވީ އިތުރަށް ގޯސްކަން ދޭހަވެއެވެ.
ސިނާއަތް ކުރިއަރައިގެން ދާންޖެހޭ މިންވަރަށް ކުރިއަރައިގެން ނުދާކަމަށް މަސްވެރިން ގަބޫލުކުރެއެވެ. މިއޮތް ހާލުގައި ކަންކަން ކުރިއަށްދާނަމަ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޔަތު ވަރަށް ބަނަވާނެކަމަށް މަސްވެރިން ގަބޫލުކުރެއެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސް ބޭނުމަށްފަހު ފައިސާކޮޅު ހޯދަން އެ ކަނޑައްތުކުރަންޖެހޭ ދިގު މަރުހަލާއެވެ. މަސް ފެކްޓްރީތަކުގެ ބޭރުގައި ގިނަ އިރު ކިއު ހަދައިގެން ތިބެ މަސްކިރުނު ނަމަވެސް ފައިސާކޮޅު ހޯދަން އެތައް ދުވަހަކު ކުރަންޖެހޭ އިންތިޒާރު މަސްވެރިން ސިފަކުރަނީ ބޭކާރުވާ ވަގުތުތަކެއްގެ ގޮތުގައެވެ.
ދުވަސްވެ ހާލުގައި ޖެހިފައި އޮތް މިފްކޯގެ ކުރިއެރުމަށް އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމަށް ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މައްސަލަ ހައްލު ކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނެތެވެ. ނޫންނަމަ މަސްވެރިންނަށް ފަހި ކޮށްދިނުމަށްޓަކައި އުފެދުނު ކުންފުނި މިފްކޯގެ ސަބަބުން އާމްދަނީ ހޯދެން އޮތް މަގަށް އިތުރު ހުރަސްތަކެއް އެޅިގެންދާކަމަށް މަސްވެރިންނެއް ގަބޫލެއް ނުކުރާނެއެވެ. ކުންފުނީގެ ހަރު މުދަލަށްވުރެ ދަރަނި ބޮޑުވެ. ދެން މަސްވެރިންނަށް ހޯދައިދެވޭނީ ކޮން ހައްލެއްތޯއެވެ. މި ފާހަގަ ކުރީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް ލިބުނު އާމްދަނީއާއި، ހިނގި ހަރަދަށް ބަލައި ކުންފުނީގެ މާލީހާލަތެވެ.
އެތައް އަހަރެއްވީއިރު ވެސް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައި ނެތްކަމުގެ އެންމެ ބޮޑު މިސާލެއް ފެންނާނީ ފެލިވަރު މަސްފެހްޓްރީންނެވެ. 1986 ވަނަ އަހަރު ހަދާފައިވާ އެ ކޭނަރީއަށް ބަދަލުތަކެއް ބޭނުންވާކަން ސަރުކާރުން ވެސް ގަބޫލު ކުރެއެވެ. ތަން އުފެދި މިއަދާއި ހަމައަށް އެތައް އަހަރެއް ވެގެން ދިޔައިރުވެސް ޕްރޮސެސްކުރަނީ 50 ޓަނުގެ މަހެވެ. އަދި އޭގެ 30 އަހަރު ފަހުން ވެސް ކެޕޭސިޓީއަށް ބަދަލު ގެނެވިފައި ނެތެވެ. ތަނުގައި މީގެ ކުރިން، މަސް ފިނި ކުރުމަށް ބޭނުން ކުރި ސްޓޯރޭޖް ބޭނުން ނުކުރެވި، އެންމެ ފަހުން އައިސް އުފައްދާ ތަނަށް ވަނީ ބަދަލުކޮށްފައެވެ.
މަސްވެރިކަން ރަނގަޅުވެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާ ކޮންމެ ދަނޑިވަޅެއްގައި ފެންނަނީ މަސްވެރިން ބާނާ މަސް ކިރުން ލިމިޓްކުރާ މަންޒަރެވެ. މިއީ މަސްވެރިން އެކުރާ މަސައްކަތުގައި ހިތްވަރު އެލިގެންދާނެފަދަ ކަންކަމެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަކީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ވައުދެއް ނަމަވެސް އަދިވެސް މަސްވެރިން ތިބީ އެތައް އަހަރެއް ކުރިން ކުރަން ފެށި ޝަކުވާ ހަމަ އެގޮތުގައ ކޮށްލަކޮށްލައެވެ. ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އަޑުއެހިނަމަ ހައްލުކުރައްވާނެނޫންތޯއެވެ. ނޫނީ ހައްލުކުރައްވާނީ ކިހިނެއްކަން ނޭގެނީކަމަށްވުންވެސް އެކަށީގެންވެއެވެ.
ސަރުކާރުގެ އިސްވެރިންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖެކީ މަސްވެރިންގެ ދުވަހޭ ކިޔާ، ކިތައްމެ ކުލަގަދަކޮށް ފާހަގަކުރި ނަމަވެސް ކަމުގެ ހަގީގަތް ބަދަލުނުވާނެކަމެވެ. ދައްކަވާ ވާހަކަފުޅުގައި ކިތައްމެ ފަށުވިކޮށް ބަސްތައް އަމުނާލާ މަސްވެރިން ނޫނީ ބަޔަކު ނެތްކަން ދައްކަން މަސައްކަތްކޮށް އަދި މަސްވެރިންގެ ހައްގުގައި މަސައްކަތްކުރީ ހަމައެކަނި މި ސަރުކާރުންކަން ދައްކަވަން އުޅުއްވި ނަމަވެސް މަސްވެރިން އަދިވެސް ތިބީ ހަމަ އަގު ނުލިބިފައިކަން ބަދަލެއް ނުވާނެއެވެ.

