ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްކޮންސްއިން މިހާރު ބުނަނީ އެކަކު ގެއްލިގެން ހޯދަމުންދާކަމަށް!

އެފްކޮންސްގެ އެކޮމޮޑޭޝަންގައި ރޯވެފައިހުރި މަންޒަރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާގެ ތެރެއިން އެއްވެސް ފަރާތެއް މަރުވެފައިނުވާކަމަށް ބުނުމަށް ފަހު، މަސައްކަތްތެރިއެއް ގެއްލިފައިވާކަމަށް އެފްކޮންސް ކުންފުނިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ ލޭބާރ ކުއާޓާރގައި ރޯވެ، ހިނގާފައިވާ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެފްކޮންސްއިން ފުރަތަމަ ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން، އެ ކުންފުނީގެ 60 މުއައްޒިފަކަށް ކުދި އަނިޔާތައް ލިބިފައިވާނަމަވެސް އެއްވެސް ފަރާތައެއް ނިޔާވެ ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

“ސަންގު” އިންވަނީ މި މައްސަލައިގައި މީހަކު ގެއްލިފައިވާކަމަށް ބުނާ ވާހަކަތައް ކަށަވަރުކުރުމަށް ފުލުހުން އަދި އެމްއެންޑީއެފްއާއިވެސް ސުވާލުކޮއްފައެވެ. އެހެން ނަމަވެސް އެވަގުތު ފުލުހުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވެއެވެ.

އެފްކޮންސްއިން ނެރުނު ބަޔާނާއި ގުޅުވައި ފުލުހުންގެ މުއައްސަސާއިންވެސް ވަނީ މި މައްސަލައިގައި މީޑިއާތަކާއި މައުލޫމާތު ހިއްސާކޮއްފައެވެ.

ފުލުހުން ބުނެފައިވާގޮތުން އަލިފާނުގެ ހާދިސާއަށްފަހު، މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތުތައްވަނީ ރިޕޯޓުކޮއްފައެވެ. އެހެންކަމުން ހާދިސާ ހިނގި ސަރަހައްދު އަދި އިމާރާތްވެސް އިތުރަށް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

އެފްކޮންސްއިން ފަހުން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން އެ ކުންފުނިން ގުޅީ ފަޅުގައި ގާއިމުކޮއްފައިވާ ލޭބާރ ކުއާޓާރގައި ދިރިއުޅެމުންދިޔައީ 457 މުއައްޒިފެކެވެ. އަދި އެއް މުއައްޒިފަކު ގެއްލިފައިވާކަން ކަށަވަރުކުރާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެފްކޮންސްއިން ބުނެފައިވާގޮތުން އެ ކުންފުނިންވަނީ މި މައުލޫމާތުތައް ފުލުހުން އަދި އެމްއެންޑީއެފްއާއިވެސް ހިއްސާކޮއްފައެވެ. އަދި އެނާ ހޯދުމަށް މަސައްކަތްތައް ކުރަމުންދާކަމަށާއި އެހެންނަމަވެސް ރޯވި ތަނުގައި އެއްވެސް މީހެއްގެ ހަށިގަނޑެއް ނުވަތަ ހަށިގަނޑުން ބައެއްވެސް ފާހަގަކުރެވިފައިނުވާކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ބުނެފައިވާކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

60 މީހަކަށް އަނިޔާ ލިބިފައިވާކަމަށް ކުރިން ބުނި ނަމަވެސް އެފްކޮންސްއިން ފަހުން ނެރުނު ބަޔާނުގައިވާގޮތުން، އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވިފައިވަނީ ޖުމުލަ 78 މީހެކެވެ. އަދި މީގެ ތެރެއިން 32 މީހެއް އެޑްމިޓު ކުރެވިފައިވާކަމަށާއި 24 މީހަކަށް ކުދި އަނިޔާތަކަށް ފަރުވާ ދެވިފައިވާއިރު 4 މީހަކުގެ އޮޕަރޭޝަންތަކެއް ހަދަންޖެހުނު ކަމަށާއި ބާކީ މީހުން ފަރުވާ ދިނުމަށްފަހު ދޫކޮއްލާފައިވާކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

އެފްކޮންސްއިން ބުނެފައިވާގޮތުން، މިކަމުގެ އަސަރުކުރި ހުރިހާ އެންމެނަށްވަނީ ލާނެ އެއްޗެއްސާއި، އަންނައުނު އަޅާނެ ފޮށި އަދި މޯބައިލް ފޯނާއި ފައިސާގެ އެހީވެސް ފޯރުކޮއްފައެވެ. އަދި އާ ލޭބާރ ކުއާޓާރ އަކަށް ބަދަލުކޮއްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދޭކަމަށް ބުނެ، ބަޔަކު މީހުން ގުޅީ ފަޅުގައި މުޒާހަރާކުރާކަމަށް ބުނެ ރިޕޯޓުކޮއްފައިވާ ދަނޑިވަޅެއްގައި އެފްކޮންސްއިންވަނީ އެކަމަށްވެސް އަލިއަޅުވާފައެވެ. އެގޮތުން އެއްވެސް ވަރަކަށް މުސާރަ ދިނުމުގެ މައްސަލައެއް ނެތްކަމަށާއި ގަޑިޔަށް ދެމުންދާކަމަށްވެސް ބުނެފައިވެއެވެ.

އެފްކޮންސްއިން ބުނެފައިވާގޮތުން ރައްކައުތެރި މަސައްކަތްތުގެ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން އަހައްމިއްޔަތު ދެއެވެ. އަދި އެއްވެސް މުއައްޒިފަކަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމެއް ރަނގަޅަށް ބަލައި ތަހުގީގު ކުރާކަަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: