ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތް ކުރާ ބާޖު ފަރަށް އަރާފައި ނުވޭ، ނަގިލި ކަހާލީ: އެފްކޮންސް

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރާ ބާޖެއް ވިލިމާލެ ފަރަށް އަރާފައިވާކަމަށް ބުނެ އާއްމުވި ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން އައި ބާޖު ފަރަށް އަރާފައި ނުވާކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ޕްރޮޖެކްޓު މެނޭޖަރު މުހައްމަދު ޖިނާން މީޑިއާތަކަށް ވިދާޅުވީ ވިލިމާލެ ކައިރީގައި އޮތް ބާޖެއްގެ ނަގިލި ކަހާލައި ރަށުގެ ފަރު ކައިރިއަށް އޮޔާ ދިޔަ ކަމަށެވެ. އެކަމަކު ބާޖު ފަރަށް އެރުމުގެ ކުރިން އުޅަނދު ކޮންޓްރޯލް ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

ނަގިލި ކަހާލުމުގެ ސަބަބުން ފަރަށް އެއްވެސް ގެއްލުމެއް ލިބުނު ތޯ ބަލައި ޔަގީން ކުރަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިވަގުތު ކުރިޔަށް ދަނީ ކުންފުނީގެ ޑައިވަރުންކަމަށް ޖިނާން ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާ އުޅަނދެއް ފަރަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި ދެ ހަފްތާ ފަހުން އުޅަނދު ނެގިއިރު، ބާޖުގައި ހުރި ބައެއް ތަކެތީގެ ސަބަބުން ފަރުގައި 10 ވަރަކަށް ފޫޓޫގެ ފުން ވަޅުތައް ހެދިފައި ވެއެވެ.

އެ މައްސަލައިގައި ކުންފުނި 69 މިލިއަން ރުފިޔާއިން ޖުރިމަނާ ކުރި ނަމަވެސް، އަދި މިހާތަނަށް ފައިސާ ދައްކާފައި ނުވެ އެވެ. އޭގެ ފަހުން ވެސް ޕްލެޓްފޯމްގެ ބައެއް ވެއްޓި ވެސް ގެއްލުންތަކެއް ވި އެވެ.

އެފަހުން އަނެއްކާވެސް ރޭގެ ވަގުތެއްގައި ޕްލެޓްފޯމް ފަރަށް އަރާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ބްރިޖުގެ މަޝްރޫއު ކުރިޔަށް ދާގޮތް، ނޫސްވެރިންނަށް މީގެ ދުވަސްތަކެއް ކުރިން ދައްކާލާފައި ވެއެވެ. އެ މަސައްކަތާއި ބެހޭ މައުލޫމާތުތައް ދެއްވައި ޖިނާން ވިދާޅުވެފައި ވަނީ ޕައިލިންގެ މަސައްކަތްތައް ކުރަމުން ދާކަމަށެވެ. އަދި ގުޅީފަޅުގައި ޖަހާ ޕައިލިންގެ މަސައްކަތްތައް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ މަޝްރޫއުގެ ދަށުން ވިލިމާލެ ކައިރިން ތަނބުތައް ޖެހުމުގެ މަސައްކަތަށް އެ ސަރަހައްދުގެ ދެކުނުން ބައެއް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ.

ސެގްމެންޓުތަކަށް ބަހާލައިގެން ހުޅުވުމަށް ހަމަޖެހިފައިވާ ބްރިޖުގެ ބައެއް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެފްކޮންސްއިން ވަނީ ބުނެފަ އެވެ. އެކަމަކު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މަސައްކަތުގެ އެއްވެސް ސެގްމެންޓެއް ނިންމާލެވޭނެކަމަށް ނުބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: