އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަމާޒުކޮށް ”ފެލާލައިފި“ ކަމަށް ގޮވާއިރު ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ފެލާލުމަށް ފަހު ޖީބަށް ލީ ފައިސާ މާލޭގެ ހެންވޭރު ކޮޅުން 25 ފްލޯއަށް ނަގާފައި ހުރި އިމާރާތުން ފެންނަން ހުންނާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބު ގާތްވެ، ޕާޓީތަކުން ކެމްޕެއިންތައް ފެށިއިރު ރައީސް ސޯލިހު ދެވަނަ ދައުރަކަށް ގެނައުމުގެ ކެމްޕެއިންތައް އެމަނިކުފާނަށް ތައީދު ކުރާ ޓީމުން ވަނީ ފަށާފަ އެވެ. މިރޭ ބޭއްވި ޖަލްސާއަކީ، އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ސޯލިހުގެ ޖަގަހަ ޖަލްސާއެކެވެ. އެމްޑީޕީން، ރައީސް ސޯލިހާއި ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް އަދި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމެއް ކުރެއްވި ރައީސް މުހައްމަދު ނަޝީދެވެ.
މިރޭގެ ޖަލްސާގައި ޝާހިދު ވަނީ، ރައީސް ސޯލިހު ދެވަނަ ދައުރަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް، ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ އެމަނިކުފާނުކަމަށް ވިދާޅުވެފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު، އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ އެމްޑީޕީ ރަމްޒު ކުރާ ރީނދޫ ކުލައަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގައި އެންމެ އިސް ރޯލެއް އަދާ ކުރި ރަމްޒަށް ވާނެ ކަމަށެވެ. ސާފު ބޯފެނާއި، ނަރުދަމާ އަދި ވެރިކަމުގެ ބާރުތައް ޖަމާކުރި ކުރުން ނިމުމަކަށް ގެނައީ ވެސް އެމްޑީޕީކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މިއީ އެތައް ޒަމާންތަކަކުން ފެށިގެން ޕާޓީން އެކި ޕޯޑިއަމްތަކުގައި ދައްކަމުން އައި ވާހަކަތައް ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ހަނދާނުން ފޮހެވިގެން ވާނެ ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ރަށު ބަންދުން ރައްޔިތުން ދޫވާން ޖެހޭކަމަށް އެންމެ ބޮޑަށް އަޑުއުފުލި އެމްޑީޕީއަކީ، ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރާއި ހަމައަށް ޓްރާންސްޕޯޓް ލިންކަކުން ގުޅާލައި ދަތުރުފަތުރުގެ ފަސޭހަ މަގެއް ހޯދި ޕާޓީކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މި ހުރިހާ ހިދުމަތަކާއި ހަމައަށް ވާސިލުވުމަށް މި ސަރުކާރުން ކުރި މަސައްކަތަށް ޝުކުރު ހައްގުވާކަމަށް ވިދާޅުވި އެވެ.
”މިހާރު ފެށިގެން އެ ކުރިޔަށް ދަނީ، 2000 ރުފިޔާއިން ފެށިގެން ކުރި ދަތުރު 50 ރުފިޔާއަށް ކުޑަކޮށްލީ.. 20 ރުފިޔާއަށް ކުރި ދަތުރު 05 ރުފިޔާއަށް ކުޑަކޮށްލީ… މުޅި ރާއްޖެ އެކީ އެކައްޗަކަށް ގަތާލެވިގެން އެދަނީ.. އާރުޓީއެލްއިން.. ރަށު ބަންދުން.. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން މި ފިއްލަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު..“ ޝާހިދު
މަސްތުވަތަކެތީގެ ވަބާގައި ޖެހި، ޖީލެއް ހަލާކުވަމުން ދާކަމަށް ބުނެ ބަޔަކު ވާހަކަ ދައްކައި އެކަމަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބައި ޖީލެއް ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހުކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ޒުވާނުންނަކީ އެއީ ފުރުސަތުތައް ބަންދުވެފައި ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، އެ ޒުވާނުންނަށް ހިލޭ މަތީ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތުތައް ހޯދައިދޭން އެމަނިކުފާނު ކުރި މަސައްކަތުން ނެރެވުނީ ފޮނި ނަތީޖާތަކެއްކަމަށް ޝާހިދު ވިދާޅުވި އެވެ.
”ހިލޭ… ގޮސް ވަންނަން ވީ ޔުނިވާސިޓީއަށް.. ގޮސް ކަރުދާސްކޮޅު ދައްކާލީމަ.. ދައުލަތުގެ ބަޖެޓުން އެ ފައިސާ އެދަނީ.. ކުރިން އެ ފައިސާ ހަރަދު ކުރީ ކޮންތާކަށް ތޯ… ހެންވޭރުކޮޅުގައި އެހެރީ އެކަމުން ނަގާފައި ހުރި ގެ“ ޝާހިދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ޒުވާނުން ބިނާ ކުރުމުގެ ވިސްނުން ހުރި ލީޑަރެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ޝާހިދު ވިދާޅުވީ ޒުވާނުންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދޭން މިއަދު ބަޖެޓުގައި ހިމަނާފައިވާއިރު އެކަމަށް ބަޖެޓުން ހޭދަ ކުރެވެން ހުރި ފައިސާ އިން ރައީސް ޔާމީން ކުރި ހަރަދުތައް ހެންވޭރުން ފެންނަން ހުންނާނެ ކަމަށެވެ. ޝާހިދު އެ އިޝާރާތް ކުރެއްވީ، ރާޅުގަނޑު ސަރަހައްދުގައި 25 ބުރިއަށް އިމާރާތް ކުރަމުން ދާ ރައީސް ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެއަށެވެ.
އިދިކޮޅުން ”ފެލާލައިފި“ ގެ ނަމުގައި ހަރަކާތްތައް ހިންގާއިރު، ޝާހިދު ވިދާޅުވީ އެއީ ބަޔަކަށް އަރާފައި އޮތް ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. ހެންވޭރުގައި އަމިއްލަ ގެކޮޅު ހެއްދެވުމަށް ފައިސާތައް ހަރަދު ކުރިކަން އެންމެނަށް އެނގެން އެބައޮތްކަމަށް ޝާހިދު ވިދާޅުވި އެވެ.
”ފެލާލައިފި އޭ… ނޮޅާލައިފި އޭ.. ބުނެ ކޮންމެހެން ޖަލްސާތައް ބާއްވަން ހަދާނެކަމެއް ނެތް.. ދިވެހިރައްޔިތުންނަށް އެނގޭ ފެލާލީ ކޮންބައެއްކަން.. ފެލާލީ 2013 އިން ފެށިގެން.. މިއީ އޭރުން ފެށިގެން ފެލަމުން ގެންދިޔަ މީހުން..“ ޝާހިދު
ޝާހިދު ވިދާޅުވީ މިއަދު ވެސް ފައިސާއަށް ވީނުވީއެއް ނޭނގިގެން، އެ ހޯދުމަށް މުވައްސަސާތަކަށް ގޮސް ސުވާލު ކުރުން ވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއަށާއި، މަރުކަޒީ ބޭންކަށް ގޮސް ފައިސާއަށް ވީ ގޮތެއް ސާފު ކުރުމަށް އިދިކޮޅު ލީޑަރުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފައިސާއަށް ނަގައި، އެ ޖީބަށް ލައި މަންފާ ނެގި ބޭފުޅުންނަކީ އެއަށް ވީނުވީއެއް ނޭނގިގެން ރައީސް ޔާމީންގެ ފަރާތުން އިދާރާތަކަށް ދާބޭފުޅުން ކަމަށެވެ.
ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތަކީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ބޮޑު ކުރަހުމެއް ދައްކައި، އަސްލު މަޝްރޫއު ނިމުނު އިރު ޖީބަށް އެއް ޓަވަރުގެ ފައިސާ ލުންކަމަށް ޝާހިދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މިއަދު ހުރިހާ ރައްޔިތުން ނިކުމެ ތިބީ ރައީސް ސޯލިހަށް އިތުރު ދައުރެއް ހޯދައިދޭންކަމަށް ޝާހިދު ވިދާޅުވި އެވެ. ދިވެހިން ބޭނުންވަނީ ހަމަޖެހޭ ދިރިއުޅުމެއްކަމަށާއި، އެ ވެރިކަމެއްގައި ގާނޫނަށް އިހުތިރާމުކޮށް ހިޔާލު ތަފާތުވާ މީހުންނަށް ވެސް ޖާގަ އޮންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
އަންނަ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ، މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވާނެ އެވެ. އަދި މި އިންތިހާބަކީ، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ ސަމާލުކަން ހުއްޓޭނެ އިންތިހާބަކަށް ވެގެންދާނެ އެވެ.


2 Responses
ކަލޭ ފެލާލި ފައިސާ މަދީތަ؟އެހެރީ ސޯސަންމަގުގަ ފެންނަން.ވަގަށްނެގި ކާޕެޓް މަދީތަ؟ބޭރުގަ ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަނަގަމުން ދިޔައީ.އެއިރު ހިތަކަށް ނާރާދޯ ތިމާމީހާއަށް ހަލާލެއްނުވާނެކަން.
ހަންކަޅޭ ކަލޭގެ ލަދުކޮބާ؟