އަމިއްލަ އެއްވެސް މަސައްކަތެއް ނެތި، ލިބުނު ރިޔާސީ ޓިކެޓަކަށް ފަހު 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރަނީ އެ ބާރުތައް ހޯދައިދިން މީހާ ނައްތާލުމަށްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބައްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމުގެ ވޯޓުލުން ޖެނުއަރީ 28 ގައި ބާއްވާ ގޮތަށް ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. މި މަހުގެ 18 ގައި ޕާޓީގެ އިދާރީ މަސައްކަތްތަކަށް ފަހު، ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ކުރިން ރައީސް ސޯލިހު ތާއީދު ފޯމުތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދެވިކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. އަދި އިންތިހާބާއި ދިމާކޮށް، ޕާޓީގެ ދަފްތަރު ސާފުކޮށް ބަދަލު ގެނައީ އެމަނިކުފާނަށް ވޯޓު ނުދޭނެހެން ހީވާ މެމްބަރުން ވަކި ކުރުމުގެ ބޭނުމުގައިކަމަށް މެމްބަރުން ތުހުމަތު ކުރެއެވެ.
މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ރައީސް ސޯލިހު އިސްވެ ހުންނަވައި މިދިޔަ އަހަރުން ފެށިގެން އައީ އެމަނިކުފާނަށް ޓިކެޓު ލިބިދާނެ ތީ އެކަމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން، އެމްޑީޕީގެ ދުވަސް ވީ އަސްލު މެމްބަރުން ޕާޓީގެ ދަފްތަރުން ވަކި ކުރުމުގެ ތުހުމަތު ކުރެއްވި އެވެ.
އިންތިހާބުގެ ވާދަވެރިކަން އުފެދި، ސަރުކާރުގެ އެތެރޭގެ ގިނަ ބަޔަކު ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. އަދި ޗެއާޕާސަން އިންތިހާބާއި ފަހަކަށް ޖެހެން ދެން ރައީސް ނަޝީދުގެ އަރިސް މެމްބަރުންގެ ގޮތުގައި ތިބި ބައެއް މެމްބަރުން ވަނީ، ސަރުކާރަށް ތާއީދު ކުރާކަމަށް އިއުލާނުކޮށް ރައީސް ސޯލިހަށް ކެމްޕެއިން ފަށާފަ އެވެ.
ރައީސް ސޯލިހަށް 2018 ގެ ޓިކެޓު ލިބިފައި ވަނީ، ބަޔަކު އެ ތަބަކަށް ލައި ދިނުމުންކަން ފާހަގަކޮށް ވައްޑޭ ވިދާޅުވީ ވެރިކަމުގެ ހުރިހާ ބާރެއް ޖަމާކޮށްގެން މުޅި ދައުރު ހޭދަ ކުރާތަން ފެންނަނީ ވެރިކަމަށް އާދެވުނު ސަބަބު ނައްތާލަން އުޅޭ މަންޒަރު ކަމަށެވެ. އަދި ރައީސް މަސައްކަތް ކުރައްވަނީ، ސަރުކާރުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަމަށް ވެސް ވައްޑޭ ތުހުމަތު ކުރި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންތައް ކުރިޔަށް ގެންގޮސް، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ބައެއް ތަފްސީލުތައް ހާމަކޮށްފައި ވީ ނަމަވެސް ރައީސް ނަޝީދަށް 2018 ގެ އިންތިހާބުގައި ވާދަ ނުކުރެވުނީ ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެހެންވެ، އއ. އުކުޅަސްގައި ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ފަހު ނިންމީ، ޕްރައިމެރީއަކަށް ވަގުތު ނެތުމުން ރައީސް ސޯލިހަށް އިންތިހާބަކާއި ނުލައި ޓިކެޓު ދިނުމަށެވެ. އޭރު ވެސް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ހުށަހެޅުމަށް ތާއީދު ކުރި ނަމަވެސް ކޮންގެރެސްގެ ގިނަ މެމްބަރުން އެކަމަށް ދެކޮޅު ހެދިތަން ފެނުނެވެ.
ވެރިކަން ދިން މީހާކަމަށް ވައްޑޭ އެ އިޝާރާތް ކުރެއްވީ ރައީސް ނަޝިދަށެވެ. ކޮންގްރެސްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތްކަން ހާމަކުރީ އަމިއްލަފުޅަށެވެ.
ތަބަކުން ޓިކެޓެއް ހޯއްދަވައިގެން ލިބިލެއްވި ވެރިކަމުގެ މުޅި ދައުރު އެހޭދަކުރައްވަނީ، ސަރުކާރުގެ ބާރުތައް ނަހަމަގޮތުގައި ހިއްޕަވައިގެން، އެކަން ދިން މީހާ ނައްތާލުމުގެ މަސައްކަތުގައި.
— Waddey (@waddey_) December 23, 2022
ރިޔާސީ ޓިކެޓު ދޭން ނިންމި އިރު، ރައީސް ސޯލިހަކީ އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ޕާލިމަންޓު ގުރޫޕުގެ ލީޑަރެވެ.
ރައީސް ސޯލިހު ސަރުކާރު ހިންގަވަނީ، ރައީސް ނަޝީދަށް ޖެއްސުން ކުރާ އުސޫލުންކަމަށް އެމަނިކުފާނާއި އަރިސް މެމްބަރުން ވިދާޅުވެ އެވެ.
ރޖ @ibusolih އަށް MDP ގެއްލިއްޖެ.
ރިޔާސީ އިންތިހާބު ގެއްލިއްޖެ. ކުރިން ނުދެކެން ރައީސް
ނަޝީދު (އަންނި) MDP ރިޔާސީ ޕްރައިމަރީގައި
ވާދަކޮށްފާނެކަމަކަށް. ގައުމުގެ ހާލަތައްބައްލަވާ@MohamedNasheed ތިޔަނިންމެވީ ރަގަޅު
ނިންމުމެއް.
މިވަގުތު ގައުމު ބޭނުންވަނީ ކެރޭ، ހީވާގި ވެރިއެއް
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 24, 2022
މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ރައީސް ސާލިހަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އަލީ އާޒިމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިިންމެވި ހިސާބުން ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ގެއްލިފައިވާކަމަށެވެ. އަދި މީގެ ކުރިން އާޒިމް ވަނީ، އިންތިހާބަށް އިއުލާނު ކުރި ގޮތާއި މެދު ވެސް ސުވާލު އުފައްދާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ސާލިހު މިއަދު ވަނީ ފޯމް ހުށަހަޅުއްވާފައެވެ. ރައީސް ސާލިހްގެ ކުރިން ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް ނަޝީދާއި ރައީސް ސާލިހް އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމެޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެެވެ. ދެ ރައީސުންގެ ދެމެދު އޮތް ބޮޑު ވާދަވެރިކަމުގެ ތެރެއިން ބާއްވާ މި އިންތިހާބަކީ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ނަޒަރު ވެސް ހުއްޓޭނެ އިންތިހާބެކެވެ.

