ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2017-2018 ވަނަ އަަހަރުގެ އެޗްޑީސީގެ އޮޑިޓުގައި ގިނަ މައްސަލަތަކެއް!

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

2017-2018 ވަނަ އަހަރުގެ ނިޔަލަށް ހަދާފައިވާ އެޗްޑީސީގެ އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެއްވޭކަމަށް އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ 2017-2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ހުޅުމާލޭގައި ތަރައްގީ ކުރުމަށް ކަނޑައެޅި ވޯޓާރ ތީމް ޕާކުގެ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ދެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ކުންފުނީގެ ގެ ޕްރޮކިއުމަންޓްު ޕޮލިސީގެ 1.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން، އެ ސަރަޙައްދުގައި ހުރި ކުނިފަދަ ތަކެތީގެ މިންވަރާއި އެ ސަރަހައްދުގައި ހުރި ތަކެތި އެޗްޑިސީ އިން ބޭނުންވާ މުއްދަތުގެ ތެރޭގައި ހުސްކުރުމަށްޓަކައި ބޭނުންކުރާނެ އުޅަނދުތަކުގެ ކެޕޭސިޓީ ކުންފުނިން ބަލާފައިނުވެއެވެ. އެހެންކަމުން މަސައްކަތުގެ ކުޑަ ބޮޑުމިން ކަނޑަނޭޅި، މަސައްކަތް ކުރަން ބޭނުންކުރާ އުޅަނދުގެ ކެޕޭސިޓީވެސް ކަނޑައެޅިފައިނުވުމުން، މަސައްކަތްތައް ދިގުލައި އިތުރަށް ހަރަދު ކުރުމުގެ ފުރުސަތުތައް ފުޅާވުމަށް މަގުފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން، ތީމް ޕާކު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިނުވެއެވެ. އަދި އެކަން ކުރެވިފައިވަނީ ވޯކް އޯޑަރުތަކެއް މެދުވެރިކޮށް ކަމަށާއި އަދި މަސައްކަތް ހަވާލުކުރެވިފައިވަނީ ބޯޑުން ހުއްދަ ދިނުމުގެ މަތިން އާންމުކޮށް އިއުލާނު ކުރާ އުސޫލާއިވެސް ހިލާފަށްކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން އެޗްޑީސީއިން ވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ތީމް ޕާކުގެ ފޭސް ދެއެއްގެ ދަށުން ސާފުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އެއްބަސްވުމެއްގެ ދަށުން ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އަދި އެއްބަސްވެވިފައިވަނީ ވަކި އަގަކަށް މަސައްކަތްކޮށް ނިންމުމަށްނަމަވެސް، އެއްބަސްވީ ތާރީހަށްވެސް ނިމިފައިނުވާތީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީ، ހަވާލުކުރެވިފައިވާ ކުންފުންޏަށް އިތުރަށް 6.87 މިލިއަން ދީފައިވާކަމަށް ބުނެފައިވެއެވެ.

ވޯޓާ ތީމް ޕާކުގެ އިތުރުންވެސް ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުޅުމާލޭގެ މަގުތައް އަލިކުރުމަށް ބޭނުންވާ ބައްތިތައް ހޯދުމަށް ބޭރުގެ ކުންފުންނަކާއިއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާކަމަށާއި މަސައްކަތްތަކުގެ އަގު 26.1 މިލިއަނާއި ގާތް ކުރާ ކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، އެ ބައްތިތައް ހަރުކުރުމަށްވެސް ހަވާލު ކުރީ އެއް ކުންފުންޏާއެވެ. އަދި އެ މަސައްކަތުގެ އަގުވެސް 27 މިލިއަނާއި ގާތް ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެޗްޑީސީގެ ޕްރޮކިއަމެންޓު ޕޮލިސީގެ ދަށުން 3 މިލިއަނަށްވުރެ އިތުރަށް ހަރަދުކޮށް މުދާ ހޯދާ ނަމަ ގަންނަންވާނީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެންކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ބޭރުގެ ކުންފުންޏަކާއި އެ މަސައްކަތް 26 މިލިއަނަށް ހަވާލުކޮށްފައިވަނީ އެފަދަ ބީލަމަކަށް ހުޅުވާލުމެއް ނެތި ސިންގަލް ސޯސް އުސޫލުންނެވެ. އަދި އެކަން ކުރެވިފައިވަނީ އެޗްޑީސީގެ 171 ވަނަ އެކްސެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބޯޑަށް ދީފައިވާ ލަފާގެ މަތިންކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، ބީލަމު އުސޫލުން ހުޅުވާނުލާ މިފަދަ ބޮޑެތި މަޝްރޫޢުތައް ހަވާލުކުރުމުން މަސައްކަތްތައް ކޮށްދިނުމުގެ ގާބިލުކަންހުރި އާންމު ފަރާތްތަކަށް ލިބެންޖެހޭ ހަމަ ހަމަ ފުރުސަތު ގެއްލިގެންދެއެވެ. އަދި އެޗްޑީސީއަށްވެސް އެންމެ ފައިދާ ހުރި ހުށައެޅުން ހޯދުމުގެ ފުރުސަތުވެސް ގެއްލިގެންދެއެވެ.

މީގެ އިތުރުން، މަގުބައްތިތަށް ހޯދަން އިއުލާނު ކުރުމުގެ ކުރިން، ހުޅުމާލޭގެ މަގުތައް އަލިކުރުމަށް ބޭނުންވާ ބައްތިތަކުގެ އަދަދު ކަށަވަރުކޮށްފައިވާކަން އެނގެން އޮތް ލިޔެކިއުމެއް ފޯރުކޮށްދީފައިނުވާކަމަށް ބުނެފައިވެއެވެ.

އޮޑިޓުން މި ނޫންވެސް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެޗްޑީސީ އާއި ގުޅުން ނެތް ހަރަކާތްތަކުގައި އެ ކުންފުނީގެ މަސައްކަތްތަކަށް ހޯދާފައިވާ މުދާ ބޭނުންކޮށްފައިވާކަމާއި މުއައްޒިފުންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި 2018 ވަނަ އަހަރު ހިންގާފައިވާކަމަށް ބުނާ ”ހުޅުމާލެ ކޮމިއުނިޓީ ސާވޭ“ ހިންގާފައިވާކަމަށް ކަށަވަރުކުރެވޭ ލިއެކިއުމެއްވެސް ފެންނަން ނެތްކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. މި ސާވޭއަށްވެސް 1.5 މިލިއަން ހަރަދުކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ”ހިޔާވަހި“ ނަމުގައި ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ސަބަބުން އެޗްޑީސީގެ ކޭޝް ފްލޯއަށް އަސަރުކޮށްފައިވެއެވެ. އެގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ކަނޑައެޅިގެންދިޔައީ އެންޑް- ޔޫޒާރ ފައިނޭންސް އުސޫލުން ނަމަވެސް ހަރަދުކޮށްފައިވަނީ ކުންފުނީގެ ކޭޝް ފްލޯއިންކަމަށްވުމުން ކުންފުނި ހިންގުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ފާހަގަކޮށްފައިވެއެވެ.

މުއައްޒިފުން ނެގުމުގެ ތެރެއިންވެސް މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި ދެމެދު ވަޒިފާ ދީފައިވާ 131 މުއައްޒިފަކަށް ވަޒީފާ ދީފައިވަނީ ހަގީގަތުގައިވެސް ކުންފުންޏަށް މުއައްޒިފުން ބޭނުންވެގެންކަން ކަށަވަރު ނުކުރެވޭކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، ކުންފުންނަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް މުއައްޒިފުން ނެގުމުން، ކުރަންޖެހޭ ހަރަދަށްވުރެ އިތުރަށް ހަރަދުކުރުމުގެ ފުރުސަތު އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: