މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ގެންދަވާ ގާޒީ އަކީ މައްސަލައިގައި ހެކި ބަސް ދޭ އަހުމަދު އަދީބުގެ ގާނޫނީ ވަކީލުން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ދިފާއުން އެކަން އިއުތިރާޒުކޮށްފި އެވެ.
ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.
ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ގާތްގަނޑަކަށް އަހަރެއް ހާ ދުވަސް ފަހުން މިއަދު ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް ފެށިއިރު، މައްސަލައާއި މިހާރު ހަވާލުވެ ހުންނެވީ ގާޒީ އަލީ ނަދީމެވެ. އެއީ ވ. އާރަށުގެ މައްސަލަ ވެސް ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް ތަނާޒުލްވެ ވަޑައިގަތުމުންނެވެ.
ގާޒީ ނަދީމް މައްސަލައިން ތަނާޒުލް ވާން ޖެހޭ ހާލަތެއް އެބައޮތްކަން ފާހަގަކޮށް، ކްރިކް ރިޒާގެ ވަކީލުން ވިދާޅުވީ ގާޒީ ނަދީމަކީ ޝަރީއަތަށް ދައުލަތުގެ ގޮތުގައި ހެކި ބަސް ދިނުމަށް ދައުލަތުން ހުށަހަޅާފައިވާ އަދީބުގެ ގާނޫނީ ވަކީލުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.
އެ ނުކުތާތަކާއި ގުޅިގެން ދިފާއުގައި ގާޒީ ނަދީމް ވިދާޅުވީ އަދީބަށް ގާނޫނީ އެހީތެރިކަން ދިނީ މީގެ ހަތް އަހަރު ކުރީން އޭނާ ބަންދުގައި ހުއްޓައިކަމަށެވެ. ހިޔަނާތުގެ ދައުވާތަކުގެ މައްސަލައިގައި އެއްވެސް މިންވަރަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ނުވާނެކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
ދިފާއުގެ އިއުތިރާޒުތަކަށް ގާޒީ ނަދީމް އިތުރަށް ވިދާޅުވީ ޝަރީއަތުން އެކަމާއި މެދު ވިސްނާނެ ކަމަށެވެ.
ގާޒީ ނަދީމް އަދީބަށް ގާނޫނީ އެހީ ފޯރުކޮށް ދިނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި ތުހުމަތުތަކެއްކޮށް އަދީބު ހައްޔަރު ކުރުމުންނެވެ. އެއަށް ފަހު އަދީބުގެ ގާނޫނީ ވަކީލުންގެ އެކި ޕްރެސްތަކުގައި މިހާރުގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި އެކު ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފައި ވެއެވެ.
އަދީބުގެ ވަކީލުންގެ ޓީމުން ނަދީމް ވަކިވިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ 2015، ނޮވެމްބަރު 14 ގަ އެވެ. އޭގެ ކުރިން ވަކީލުން އަދީބާއި ބައްދަލު ކުރިއިރު ވަކީލުންތަކެއް އަދީބާއި ގުޅުން ނެތް ލިޔެކިއުންތަކެއް އެނާއާއި ހަވާލު ކުރަން އުޅުނުކަމަށް ބުނެ ފުލުހުން ބަޔާނެއް އާއްމު ކުރިކަން ފާހަގަކުރެވެ އެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ގިނަ ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. ހިޔާނާތުގެ މައްސަލައިގައި މިހާރު ވެސް ހުކުމް އިއްވާފައިވާ އަދީބާއި ޒިޔަތު މީގެ ކުރިން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދީފައި ވެއެވެ.
ދައުލަތުން ވަނީ، ސިޔާމާއި ގާތް ގުޅުމެއް އޮންނަ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރި އަލީ މައުރޫފްގެ ނަން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ވެސް ހުށަހަޅާފައި ވެއެވެ.

