ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރެއް އެކުލަވާލައި ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނުކުޅުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރަން ރ. އަލިފުށީގައި ރޭ ބޭއްވި ޖަލްސާގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިޖަލްސާގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެ ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުންކަމަށެވެ. އަދި މިދަފްތަރުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ގާނޫނެއްގެ ދަށުން އެފަދަ ކުދިންނަށް ލިބިދޭންޖެހޭ މާލީ އެހީތެރިކަމާއި އަދި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތަށް ފޯރުކޮށްދިނުމަށްވެސް މި ދަފްތަރުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ވަގުތު ގެންނަށް ޖެހިފައި އޮތް ބަދަލު ގެނައުމަށް މި ދަފްތަރުން މަގުފަހިވެގެން ދާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ގެނެވޭ ބަދަލު ލަސްތަކެއް ނުވެ ހާމަކުރެވިގެންދާނެއެވެ. ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ، އެފަދަ މީހުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ.
ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ވަގުތު ގެންނަށް ޖެހިފައި އޮތް ބަދަލު ގެނައުމަށް މި ދަފްތަރުން މަގުފަހިވެގެން ދާނެކަމަށް އަޅުގަނޑު ޔަގީންކުރަން. މި ގެނެވޭ ބަދަލު ލަސްތަކެއް ނުވެ އަޅުގަނޑުމެން ހާމަކުރާނަން.
މީގެ އިތުރުން، ޤާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަމާއި މަސައްކަތްތެރި ބައެއްކަމުގައި ފާހަގަކުރައްވާ، ރައީސް ސާލިހު ވިދާޅުވީ ރިވެލި މަޢުރަޒަކީ، އެފަދަފަރާތްތަކުގެ ހުނަރުވެރިކަން ފެނިގެންދާ މަޢުރަޒެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ނުކުޅުންތެރިކަން ހުންނަ މީހުންނަށް ވަކިން ހާއްސަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ޤައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމާއި، އެ ޙައްޤުތައް ލިބިދިނުންކަމަށެވެ.
މި ޖަލްސާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ރިވެލި މަޢުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ ޚާއްޞަ އެވޯޑްވެސް ވަނީ އަރުވާފައެވެ. މިއެވޯޑު މިއަހަރު، ފަސް ދާއިރާއަކުން 8 ފަރާތަކަށް ވަނީ ދެއްވާފައެވެ.

