އެމް.ޑަބްލިޔު.އެސް.ސީއިން ރ.ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން އެކަމަށް އަޚުލުވެރި ކުރުމަށް، ”ނަލަ ދުވާފަރު“ ގެ ނަމުގައި ކެމްޕޭނެއް އިފްތިތާޙް ކޮށްފިއެވެ.
މިކެމްޕޭން އިފްތިތާޚް ކޮށްދެއްވީ ރ ދުވާފަރުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގޑިރެކްޓަރު އަލްފާޟިލް ޙަސަން ޝާޙުއެވެ. މިރަސްމިއްޔާތުގައި ދުވާފަރު ކައުންސިލް އާއި, މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މިކުންފުނީގެ އެގްޒެކެޓިވް މެނޭޖުމަންޓް ޓީމް އާއި ,މުވައްޒަފުން އަދި ރަށުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
”ނަލަ ދުވާފަރު“ ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ރ.ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެމް.ޑަބްލިޔު.އެސް.ސީ ބުނީ މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވިގެން ދާނެކަމަށެވެ. އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިންވެސް ވަނީ ކުރިޔަށް ގެންގޮސްފައިކަމަށް ބުނެފައިވެއެވެ.
”ނަލަ ދުވާފަރު“ ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްއަކުންނެވެ. މި ޕްރޮގްރާމްގައި އެމް.ޑަބް.ލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް އާއި، މިކުނުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ ކައުންސިލް އާއި، މުއައްސަސާތަކާއި އަދިދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ. މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެކުޑަކުދިންނަށް އަމާޒުކޮށްގެން 07 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު (މިއަދު)،”ކުޑަކުދިންނާއިއެކު އެމް.ޑަބްލިޔު.އެސް.ސީ“ ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއްބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައިރ.ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާޙައުލެ ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުމެވެ. މިކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ.ދުވާފަރުގައި ފޯރުކޮށްދެމުންކަމަށް ކުންފުނިން މައުލޫމާތުދެއްވައެވެ.

