ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ހަންޏާމީދޫ ކައުންސިލުގެ 2021ގެ އޮޑިޓު: ލިބޭ ފައިސާ ރައްކައުކޮށްފައިހުރީ މުއައްޒިފެއްގެ ވަތްގަނޑުގައި

އދ ހަންޏާމީދޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ހަންޏާމީދޫ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓުގެ ތެރެއިން މާލީ މުއާމަލާތްތައް އަދި ހަރުމުދާ ބެލެހެއްޓުމުގައި މައްސަލަތަކެއް ފާހަގަކުރެއްވިފައިވާކަމަށް އޮޑިޓަރ ގެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން، އެ ކައުންސިލުންވަނީ ތިޖޫރީގައި ބެހެއްޓޭ ފައިސާ ބެލެހެއްޓުމުގައި އިހުމާލުތަކެއްވެފައެވެ. އަދި މާލިއްޔާތު ގަވައިދުގައި ވާގޮތުގެ މަތިން އަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ، ހަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލު ނުކުރެވި ހުންނަ ފައިސާ އަދި އެއްތަނުން އަނެއް ތަނަށް ގެންގޮސް ގެނެސްހަދާ ފައިސާގެ އިތުރުން ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ހުންނަންވަނީ ތިޖޫރީއެއް ނުވަތަ ފައިސާ ރައްކައުކުރެވޭ ފޮއްޓެއް ނުވަތަ ސްޓޯރިންގް ރޫމެއްގައިކަމަށާއި ފައިސާގެ ރެކޯޑު ތިޖޫރީ ބާކީ ކުރާ ފޮތެއް ނުވަތަ ޝީޓެއްގައި ހިސާބު ކުރެވެންޖެހޭކަމަށް މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުގެ އިދާރާގައި ބެހެއްޓިފައިވާ ފައިސާ އަދި ނެގޭ ފައިސާގެ ރިކޯޑެއް ފޮތެއް ނުވަތަ ޝީޓެއްގައި ބަލަހައްޓާފައިނުވެއެވެ. އަދި ކައުންސިލަށް ލިބޭ ފައިސާ ރައްކައުކުރެވިފައިވަނީ އެ ކައުންސިލުގެ މުއައްޒިފެއްގެ މޭޒުގެ ވަތްގަނޑުގައިކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، އޮޑިޓު ކުރެވުނު ތާރީހުގައިވެސް އެ ވަތްގަނޑުގައި 3،620 ރުފިޔާ ބަހައްޓާފައި ހުއްޓެވެ. އަދި ތައްޔާރު ކުރުމަށް ބަޔާންކޮށްފައިވާ ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓު ކޮންމެ ހަފްތާއަކާއި މަހަކުވެސް 2021 ވަނަ އަހަރުގެ ތެރޭގައި ތައްޔަރުކޮށްފައިނުވާކަމަށާއި އެކަމުގެ ސަބަބުން ފައިސާގެ ހިސާބު ދިމާނުވުމުގެ އިތުރުން ނަހަމަ ބޭނުންކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާކަމަށް ބުނެފައިވެއެވެ.

ކައުންސިލުގެ ބެންކު އެކައުންޓުގެ ރިކޮންސިލިއޭޝަން ހަދާފައިނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުގެ އެއްވެސް އެކައުންޓެއްގެ ބާކީ ބަލަހައްޓާފައިނުވާކަމަށާއި ރިކޮންސިލިއޭޝަން ސްޓޭޓްމެންޓުވެސް ތައްޔާރުކޮށްފައިނުވުމުގެ ސަބަބުން، އަހަރު ނިމިގެންދިޔަ އިރު ކައުންސިލުގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު ކަށަވަރު ކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ.

ކައުންސިލަށް ލިބޭ ފައިސާގެ ދަފްތަރެއް ބަލަހައްޓާފައިނުވާކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ކައުންސިލަން އެކުލަވާލާފައިވާ ފައިސާ ލިބޭ ކަންކަމުގެ ދަފްތަރުގައި ހިމަނާފައިވާ 42 ކަމެއްގެ ތެރެއިން ބައެއް ކަންކަމުގެ ރޭޓާއި ރިފަރެންސް ނަމްބަރު ސާފުނުވެއެވެ. އަދި ރޭޓު ހިމަނާފައިވަނީ 41 ކަމެއްގައިކަމަށްވާއިރު 1 ކަމެއްގައި ހިމަނާފައިވަނީ ރިފަރެންސް ނަމްބަރު އެކަނިކަމަށް ފާހަގަކޮށްފައިވެއެވެ.

ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައިނުވާ މައްސަލަވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މާލީ ގަވައިދުގެ ދަށުން ތައްޔާރުކޮށް ހުށައަޅަންޖެހޭ މާލީ ބަޔާނުގައި ކައުންސިލަށް އާމްދަނީ އަދި އެހެނިހެން ގޮތް ގޮތުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފްސީލު ހިމަނަންޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން ކައުންސިލުން 2021 ވަނަ އަހަރުގެ ތެރޭގައި މި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކޮށްފައިނުވެއެވެ.

ހަރަދުކުރުމުގެ ތެރޭގައި އެންމެ އެކަށީގެންވާ ބަޖެޓުކޯޑަށް ބަލާފައިނުވާކަމަށްވެސް ބުނެފައިވެއެވެ. ހަރަދުކުރަންވާނީ އެކަމަކަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރު ނުވާހެން އެންމެ އެކަށީގެންވާ ބަޖެޓު ކޯޑެއްގެ ދަށުންކަމަށް މާލިއްޔާތު ގަވައިދުގައިވެއެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުންވަނީ 8،790 ރުފިޔާގެ އެއާކޯނެއް ގަނެފައިކަމަށާއި އެކަންކޮށްފައިވަނީ އެންމެ އެކަށީގެންވާ ބަޖެޓު ކޯޑުގެ ދަށުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

ހަރުމުދަލާއި އެ މުދަލުގެ ލިއެކިއުންތައް މާލިއްޔާތު ގަވައިދާއި އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓާފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި ރިޕޯޓުގައިވާގޮތުން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތީގެ ރެޖިސްޓްރީ ބަލަހައްޓާފައިވަނީވެސް އެކަށީގެންވާ ގޮތެއްގެމަތިން ނޫނެވެ. އޮޑިޓުން ބުނެފައިވާގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ލޭންޑް ޔޫޒް ޕްލޭންވެސް އެކުލަވާލާފައިނުވާކަމަށެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: