ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދީފައިވާނީ ދިވެހި ދަރީންނަށް ކިޔަވައިދީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ކުރެއްވަމުން ގެންދަވާ ދަތުރުގައި ފޭދޫ ސުކޫލަށް ފަންސާސް އަހަރު ފުރުން ފާހަގަރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފޭދޫގެ ކުރިމަގަށް އެ ރަށުގެ ރައްޔިތުން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓުމެންޓަކީ ސުކޫލެއް ގާއިމު ކުރުންކަމަށް ގަބޫލު ކުރައްވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މި ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ އިސްކަންދިނީ ކުދިންނަށް ތައުލީމު ދީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެއްވީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ރަށެއްގެ ތަރައްގީ އަދި ކުރިއެރުމަށް މަސައްކަތްކުރާނެ ތައުލީމީ މީހުން ބިނާ ކުރުމަށް ކަމަށެވެ.
ކުރިއަށް އޮތް ތާނގައިވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ތައުލީމީ ދާއިރާކަމަށް ފާހަގަކުރައްވާ ވަހާކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މީހުން ބިނާ ކުރުމުގައި ސަރުކާރުން ގެންގުޅެމުންދާ ވިސްނުންތަކެއް އެބަ ހުރި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ހުލްގު ހެޔޮ، ދީނީ އަގީދާ ވަރުގަދަ ދަރިވަރަކަށް ހެދުމަކީ އެމަނިކުފާނާއި ސަރުކާރުން ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ހަމަ އެއާ އެކު މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ލިބިފައިވާ ދަރިންތަކެއް އުފެއްދުމަކީވެސް އަމާޒެއްކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކަމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުންވަނީ ތައުލީމީ ސިޔާސަތެއް އެކުލަވާލާފައިކަމަށެވެ. އެގޮތުން ތައުލީމީ ހުރިހާ މަރުހަލާއެއްގެ ތެރެއިން އިސްލާމީ އަގީދާއަށް ދަރިން ހޭލުންތެރި ކުރުމާއި އިސްލާމީ އަދަބު އަހުލާގުމަތީ ދަރިން ތަރުބިއްޔަތު ކުރުމުގެ އިތުރުން އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން ތަރައްގީ ކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން އެހީތެރިވެދިނުމަކީ އެ ސިޔާސަތުކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޒިންމާދާރުކަމާއި އެކު އަމިއްލައަށް ދިރިއުޅުން ބިނާ ކުރާ ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ޒަމާނީ ތަމްރީނާއި ތައުލީމު ޒުވާނުންނަށް ދީގެންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްގީކޮށްގެން އަމިއްލަ ހަޔާތުގެ މިސްރާބު ސީދާ ކުރެވޭނެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދީގެންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އާއިލާ އަދި މުޖުތަމައުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ވެގެންދާނީ އެގޮތުގެ މަތިން މަސައްކަތްކޮށްގެންކަމަށެވެ. ރައީސް ވިދާޅުވީ، އެ ލަނޑުދަނޑި ހާސިލު ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ރާވައި ތަންފީޒު ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެއްޓެވީ އެ ބޭނުމުގައިކަމަށެވެ. އަދި ސްޓޫޑެންޓު ލޯނުގެ އިދާރީ ފީވެސް 5 އިންސައްތައިން 1 އިންސައްތައަށް މިދިޔަ މާޗު މަހުގެ ތެރޭގައި ކުޑަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ލޯނު ދައްކަންޖޭހޭ މުދަތަށް ދުވަސް އިތުރުކޮށްދެވީވެސް ތައުލީމީ ޒުވާނުން އުފެއްދުން ގައުމަށް މުހިންމުވުމުންކަމަށެވެ.

