ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެދޭ އެންމެ ގޯހަކުންވެސް މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެ: ރައީސް ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް / ފޮޓޯ : ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުންވެސް މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިރޭ އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގައި ފުލުހުންގެ އިނިޝަލް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުުގައި ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތާމެދު ކުރާ އިތުބާރާއި ޔަގީންކަމަށް ބުރު އަރާފާނެފަދަ ހާލަތަކާއި މެދު ފުލުހުން އަބަދުވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި ތަމްރީނު ފުރިހަމަކުރައްވައިގެން ފުލުހުންގެ ހިދުމަތަށް ނިކުންނަވާ ހުރިހާ ފުލުހުން ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއްކަމަކީ މިދެންނެވި އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލް ކަމާއި ގާބިލް ކަމާއި ޔަގީންކަން ބައިނަލްއަގްވާމީ މުޖުތަމައުގައި މިއަދު އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުން ގާއިމްކުރުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށް އެހެން ގައުމުތަކަށް މިސާލުދައްކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ފުލުހުންގެ ހިދުމަތްދެވޭނީ ކޮންމެ މުޖުތަމައެއްގައި ވެސް ހުރި އެބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ހައްލުކުރުމަށް އަމާޒު ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަވަށްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީ ވެސް އެއީ. އެއީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްދީގެން ކުށްމަދު އަމާން މުޖްތަމައުއެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒުކުރުމަށް ވެސް ފަސޭހަ ނިޒާމެއް.

ފުލުހުންގެ މަސައްކަތަކީ ކޮންމެދުވަސްވަރެއްގައިވެސް އޭރެއްގެ ހާލަތަށް ބަލާއިރު ގޮންޖެހުން ގިނަ ބުރަމަސައްކަތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އެތައް އަހަރެއްކުރިން ފެށިގެން މިއަދާ ހަމައަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ

ގޮންޖެހުންތައް ކިތަންމެގިނަ ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިއާއި އެތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންހެނުންނާއި ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވުމަކީވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ވަރަށް މުހިއްމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ މައްސަލަތަކާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުން ދާ ވަރަކަށް އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުން. އެކަމުގެ ސަބަބުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވާކުދިންނަށްވެސް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގުފަހިވެގެންދޭ.

މިއަދު ދިވެހި މުޖުތަމައުގައި އޮތް އެންމެ ނުރައްކާތެރި އަނެއްކަމަކީ ހަރުކަށި ފިކުރުގެ މައްސަލަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގައިޖެހުމުން، އެމީހާގެ ވިސްނުންގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށް. އެވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަގީންކަން.

މުޖުތަމައުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލްކަންވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުން. ނަމަވެސް ދިވެހި ފުލުހުންނަށް ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަ. އޭގެތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވަންވީ ރައްޔިތުންނަށް ހިދުމަތްދިނުމުގައި ފުލުހުންގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ  ޕްރޮފެޝަނަލިޒަމް ދަމަހައްޓަން.

ކޮންމެ ފުލުހެއްގެ ހަނދާނުގައި ބަހައްޓަންވި ކަމަކީ ފުލުހުންގެ އިދާރާއަކީވެސް ބޮޑު އެއް އާއިލާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިހާލުގައި ތިން އަހަރު ވޭތުވެގޮސްފައިވާ ކަމަށެވެ.

ކޮވިޑް19ގެ ތެރޭގައި ފުލުހުންވަނީ ވަރަށް އަގުހުރި ވަރަށްބުރަ މަސައްކަތްތަކެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފައިކަމަށް ރައީސް ސާޅިހު ވިދާޅުވިއެވެ.

ކޮވިޑްގެ ދަތިކަމަށްފަހު މިއަދު މުޅިރާއްޖެ މިސްރާބުޖަހާފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ މުޅިން އާ މަންޒިލަކަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއަކީ މުޖުތަމަައުގެ ސުލްހައާއި ހަމަޖެހުމާ އެކުގައި ހާސިލްކުރެވޭ ކަމެއް.

މުޖުތަމައުގެ ސުލްހަ ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާބަޔަކީ ދިވެހި ފުލުހުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ވުމާއެކު ރާއްޖެ ތަރައްގީ ކުރުގައި ކުރެވޭ މަސައްކަތް ކާމިޔާބު ވުމުގައި ފުލުހުންގެ އެއްބާރުލުން ފުޅާ ދާއިރާއެއްގައި ގައުމަށް ބޭނުންވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: