މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވަނީ މީގެ ކުރީގައި އެމަނިކުފާނާއި ގާތް ގުޅުމެއް އޮތް ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ދިވެހި ރައްޔިތުންނާއި ގައުމަށްޓަކައިކަމަށް ވިދާޅުވެ، ރައީސް ނަޝީދު ހުންނެވީ ގާތް ރަހުމަތްތެރިޔާއާއި ދެކޮޅަށް ވެރިކަމަށްޓަކައި ނިކުމެވަޑައިގެންނެވެ. އަމިއްލަ ޕާޓީގެ ވެރިކަމެއްކަމަކު، އެމަނިކުފާނުގެ ނަޒަރުގައި މި ވެރިކަމުގައި ރައްޔިތުންނަށާއި ގައުމަށް ކޮށްދެއްވި ހެޔޮ އެއްކަމެއްވެސް ހަމަ ނެތެވެ. ނަންގަވަންޖެހޭ ޒިންމާއެއްވެސް ނެތް ކަހަލައެވެ.
ޕްރައިމަރީއަށް ތާއީދު ހޯއްދެއްވުމަށް ބާއްވާ ޖަލްސާތަކުގައި ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށް ބޮޑެތި ފާޑުކިޔުންތަކެއް ފާޅުގައި އަމާޒުކުރަމުންނެވެ. ބަހުގެ ހަމަލާތައް އަމާޒުކޮށް ރައީސް ސާލިހަކީ ނާގާބިލު ބޭފުޅެއްކަމުގައި ރައްޔިތުންނަށް ދައްކަވައިދެއްވުމަށްޓަކައި ރައީސް ނަޝީދު އެތައް ވާހަކަތަކެއް ދައްކަވާފައިވެއެވެ. ރައީސް ސާލިހު މީހަކަށް ހެދި މީހަކީ އެމަނިކުފާނުކަމުގައި ރައްޔިތުންނަށް އިހުސާސްކޮށްދެއްވާ، މުޅި ވެރިކަމުގެ ކްރެޑިޓް ނަންގަވަން މަސައްކަތްކުރައްވާ ހާލު ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނުކަމެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްނުވާކަމަށް ގަބޫލުކުރައްވާ ރައީސް ނަޝިދު ވިދާޅުވާ ގޮތުގައި އެމްޑީޕީއިން ރައްޔިތުންނަށް ގެނެސްދިން މެނިފެސްޓޯގައި ހުރި ކަންތައްތަކެއް މި ސަރުކާރުގައި ފާއިތުމިވީ ދުވަސްތަކުގެ ތެރޭގައި ކުރެވިފައެއް ނެތެވެ.
ރައީސް ނަޝީދުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ މި ސަރުކާރަށް އަދިވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވިފައިނުވާތީއެވެ. މި ސަރުކާރުން މާލޭ މީހުންނަށް ދޭން ބުނި ގޯތި ހުރީ ކަނޑުއަޑީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިހު އެ ވިދާޅުވާ ގޯތި އަދި އޮތީ ކަނޑު އަޑީގައި. ގާދޫކޮލުން ބޭރުން މިއޮތް ވާދޫ ކަނޑުގައި ކަޑަ ޖެއްސެވިޔަސް ރަނގަޅުވާނެ. މާ ޖާގަ ބޮޑުވާނެ. އަލިހުރަސް ކަނޑުވެސް އެބައޮތް
ރައީސް ނަޝީދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދިނުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނެތްކަމަށެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަންނާނެ ތަނެއް ހޯދުމަކީ އެންމެ މުހިއްމު އަދި އެންމެ ބޮޑު ވާޖިބަށް ވީ ނަމަވެސް އެ މައްސަލައަށް މިސަރުކާރުން އަޅާނުލާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުލިބެނީ އާމްދަނީ ނެތިގެން އެކަނި ނޫން ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ބޭނުންވާ ބިމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަލާމާތުގެ ރާގަށް ރައީސް ނަޝީދު ދެން ވިދާޅުވީ މި ސަރުކާރުގެ ޝިޔާރަކީ ”އަންނަނީ އަންނަނީ“ ކަމަށެވެ. ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑު ޕްރޮޖެކްޓެއް ނުވަތަ ކުޑަ ޕްރޮޖެކްޓަކަށް ބެލި ނަމަވެސް ފެންނަނީ ”އަންނަނީ އަންނަނީ“ ބޯޑު އަޅުވާތަން ކަމަށެވެ. މިސާލެއްގެ ގޮތުން އަމީނީމަގާއި އޮލިމްޕަސް ނަންގަވާ ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތްތަކުގައި ވެސް އެ ބޯޑު އަޅުވައިގެން އުޅޭތާ ފަސް އަހަރު ވެއްޖެ ކަމަށެވެ. އަންނަނީކަމަށް އެ ވިދާޅުވާ ފިލްމް ނުފެނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި އަންނަ ކުއާޓަރުގައި އަންނަނީ. ދެން އަންނަ ކުއާޓަރުގައި އަންނަނީ. މި ފިލްމެއް ނުފެނުނު. ހަމަ އަންނަނީ. އޮލިމްޕަސް ހުޅުވާ ވާހަކަ އަންނަތާ ފަސް އަހަރު.
އެއާއި ވިދިގެން އައްޑޫ މީދޫގައި ރައީސް ސާލިހު ބޭއްވި ޖަލްސާގައި ނަޝީދުގެ އެ ވާހަކަތަކަށް ރިއެކްޓްކުރައްވާ މަޝްރޫއުތަކުގެ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ”ނިމިއްޖެ“ ކަމަށެވެ. ރައީސް ނަޝީދު އަންނަނީކަމަށް ވިދާޅުވި، ނުފެނުން ފިލްމް ނިމުނު ގޮތް ރައީސް ސާލިހު ވަރަސް ތަފްސީލީ ގޮތެއްގައި ސާފު ކޮށްދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީކަމަށް ބުނެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ޖެހީ ސަކަރާތް ގަނޑެކެވެ. ދެމެހެއްޓެނިވި މަސައްކަތެއް ކުރެވިފައެއް ނެތެވެ. ނަމަވެސް އައްޑޫ ސިޓީއަށް މި ސަރުކާރުން ތަރައްގީ ގެނެސްދެއްވާ ނިމިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުދޫ ސިއްހީ މަރުކަޒު ނިމިއްޖެކަމަށާއި، މީދޫގެވެސް ސިއްހީ މަރުކަޒު ނިމިއްޖެކަމަށާއި، ޓޫރިޒަމް ޒޯނު ނިމިއްޖެވެސް ކަމަށާއި، ހުޅުމީދޫ ބޮޑުމަގާއި، ބަނަދަރުވެސް ނިމިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑު އަޕްގްރޭޑުކޮށް ނިމިއްޖެކަމަށާއި، ގޮނޑުދޮށް ހިމާޔަތްކޮށްވެސް ނިމިއްޖެކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ ”ނިމިއްޖެ“ ކިޔަންވެއްޖެ ނަމަ އެހެން ގޮސް ދިގު ލިސްޓެއް ކިއިދާނެކަމަށެވެ.
ބިން ހިއްކުން ކޮންޓްރެކްޓް ކުރެވިފައި. އިޖުތިމާއީ މަރުކަޒު ޓެންޑާ ކުރެވިފައި. ފުޓުބޯޅަ ދަނޑު އަޕްގްރޭޑުކޮށް ނިމިއްޖެ. ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ. ދެން ނިމިއްޖެ، ނިމިއްޖެ ކިޔަންވެއްޖެ ނަމަ މިހެން ގޮސް ދިގު ލިސްޓެއް ކީ ދާނެ.
އެހެންވީމައި އޮޅިވަޑައިގަތީ ކޮން ބޭފުޅަކަށްކަން ނިންމަވާނީ ރައްޔިތުންނެވެ. އަންނަނީކަމަށް ރައީސް ނަޝިދު ވިދާޅުވި ފިލްމްގައި، ރައީސް ސާލިހުގެ ޗެކް ލިސްޓުގައި ވަނީ ހެޔޮ ފާހަގަޖަހާފައެވެ. ވެރިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން، ފިލްމް އައިސް ނިމުނު އިރުވެސް އެމަނިކުފާނަކަށް ނޭގުނެވެ. ސިޔާސީ ގޮތުން އެހެން މީހަކު ކުރިއަރާ ޕާޓީގެ ބާރުތައް ގެއްލިދާނެކަމުގައި ހީވީމާ، ދެކޮޅަށް ނިކުމެވަޑައިގެން ހިސާބުން ދެން ހަމަ ރައީސް ސާލިހުގެ ހެޔޮ އެންމެ ސިފައެއްވެސް ނުފެނުނީއެވެ. ކުޑައިރުސުރެ އެކީގައި އުޅުއްވި ބެސްޓްފްރެންޑް ގެ މޫނު މަތީގައި ކޮޅު ފައިން ޖަހާ، އަމިއްލަފުޅަށް ދެއްކެވި ވާހަކައާއިވެސް ހިލާފުވެވަޑައިގެން މިއަދު ރައީސް ނަޝީދު އެހުންނެވީ އެމަނިކުފާނުގެ އަމިއްލަ ފިކުރު ދިރުވުމަށެވެ.
އެ ފިކުރު ދިރުވަން ހުރިހާ ބާރުތަކެއް އަތްޕުޅަސް ލިބިވަޑައިގެން ދުވަހު، ބާރުތައް ދޫކޮށްލައްވާ ކުރިމަތިވެދާނެކަމަކަށް ބިރުން ފަސްޖެހުނު ދުވަސް ރައީސް ސާލިހު ގެންދަވަނީ މި ޕްރައިމެރީގެ ކެމްޕެއިން ޖަލްސާތަކުގައި ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. އެދުވަހު ރައްޔިތުންނާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިވެސް ގިނިކަންޏާ ދޫކޮށްލުމުން ރައްޔިތުންނަށް ހާލު ރައީސް އަދިވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

