ރައްޔިތުން ބޭނުންވާ ބަދަލާއި، ތަރައްގީ ކުރިއެރުން ގެނެސްދޭނީ މި ސަރުކާރު ދެމި އޮވެގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ހދ ކުމުންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި މީގެ ފަސް އަހަރުކުރިން ހދ ކުމުންދޫއަށް ވަޑައިގަނިންކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެ ދުވަހު ހުށައެޅި ކަންތައްތައް މިހާރު މި ދަނީ ފުރިހަމަވަމުންކަމަށެވެ. އޭރު 2018 ގެ އިންތިހާބުގައި ވާދަކުރެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުމުންދޫއަށް ވަޑައިނުގަންނަވާކަމަށާއި، ޖެހިގެން އޮތް ރަށަށްވެސް ނުދާކަމަށެވެ. މަކުނުދޫއަށް އެރިކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެކަމުން އެގެނީ ވެރިކަމުގައި ހުންނެވި ބޭފުޅަކާއި ރައްޔިތުންނާއި އޮތް ގުޅުމުގެ ދުރުކަންކަމަށެވެ.
އެމަނިކުފާނު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ މުޅި ތަފާތުކޮށް އެހެންގޮތަކަށްކަމާށާއި، ރައްޔިތުންނާއި ހިސާބަށް އައިސް ރައްޔިތުންގެ އަޑުއަހާގެނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދާއިރާގެ ކަންކަން ރާވާ، ތަރުތީބުކޮށް، ހިންގަމުން އެ ދަނީ ރައްޔިތުން އިންތިހާބުކުރި މަޖިލީހުގެ މެންބަރުންނާއި މަޝްވަރާކޮށްގެންކަމަށް ފާހަގަކުރެއްވިއެވެ.
އެބޭފުޅުން ވެރިކަމަށް އައިރުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ސާފު ބޯފެން ނުލިބޭކަމަށާއި، ނަރުދަމާގެ ނިޒާމުވެސް ނެތްކަމަށާއި، ސިއްހީ ހިދުމަތްވެސް ރަށްރަށުން ހޯދުން އޭރު އޮތީ ދަތި އުނދަގޫ ބޮޑު ވޭނެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. ސުކޫލުތަކުގެ ހާލު ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހާއްސަކޮށް ކުދި ރަށްރަށުގައި ހާލަތު އޮތް ގޮތް ވަރަށް ސާފުކަމަށެވެ. އެ ރަށްރަށުގައި ދިރިއުޅެނީ ދިވެހި ރައްޔިތުންކަމެއް، އިންސަނުންކަމެއް ދޭހަ ނުވާފަދަ ގޮތަކަށް ބައެއް ފަަހަރު ކަންކަން ގޮސްފައި އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެން ނަމަވެސް އެމަނިކުފާނު ގަބޫލުކުރީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިއިއުޅަސް، ކޮންމެ ރައްޔިތަކީ ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް ކަށަވަރުވެފައި ހުންނަންޖެހޭ ރައްޔިތެއްކަމަށްކަމަށެވެ. އެގޮތުން ރަށްތަކުގެ ރައޔްިތުންނަށް އެ ހިދުމަތް ފޯރުކޯށްދިނުމަށް މަސައްކަތްކުރަމުން އެދަނީ އެގޮތުންކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ މި ސަރުކާރުގެ ކުޑަ އަދި ބޮޑ ރަށެއް ނުބަލައި ތަރައްގީ ގެނައުމުގެ ސިޔާސަތެވެ.
މިހާރު އެއްވެސް ރަށަކުން ކަރަންޓުގެ ޝަކުވާ ނާންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެހެންކަމުން އެކަމުން ދޭހަކޮށްދެނީ ކޮންމެސްކަމެއް ”ނިމިއްޖެ“ ކަންކަމަށެވެ. އަދި ވިދާޅުވީ ”އަންނަނީ“ ކުޑަކޮށް ފުރިހަމަކޮށްލަން ހުރި ކަންތައްތައްކަމަށެވެ.
ބަނދަރުވެސް ހަމަ އެހެން، ގިނަ ރަށުގައި މަދު ރަށެއް ފިޔަވައި ފައި ކަށި، ނެރު ފައި ކަށި ކޮންމެސް އަރިއަކަށް ޖައްސާލަންވީ. ނޫނިއްޔާ ބޭރު ތޮއްޓަށް ކުދި ލޯންޗް ފަހަރު ކައިރި ކުރެވޭ ގޮތަށް ބަނދަރު ބަދަލުކޮށްލަންވީ.
ރައީސް ސާލިހު ވިދާޅުވީ ކުމުންދޫއަށް ބޭނުންވާ ބަނދަރު ހެދުމުގައި ދަތިތަކަށް ހުރި ނަމަވެސް އެ މަސައްކަތް ސަރުކާރުން ފަށާ ނިންމާނެކަމަށެވެ. އެ ދާއިރާގެ މަކުނުދޫ ރައްޔިތުން ބޭނުންވަނީ ވައިގެ މަގުން ރަށަށް ދަތުރުކުރެވޭނެ ގޮތެއްކަމަށާއި، 2018 ގެ އިންތިހާބުގެ ކެމްޕެއިންގައިވެސް އެ ހުށައެޅުން އައިކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަނިމާދޫގައި އެކަމަށް ސާފު ޖަވާބެއްދެއްވާނެކަމަށެވެ.
ކުދި ރަށްތަކުގެ ތަރައްގީއަށްތަކައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށްޓަކައި، ކުމުންދޫ، މަކުނުދޫ އަދި ނޭކުރެދުންދޫއަށް ކޮވިޑްގެ ދަތިކަމާއިއެކުވެސް 112 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ތަންކޮޅެއް އަވަހަށް ވެރިކަމާއި ދުރުވެވަޑައިގެން ބޭފުޅުންވެސް، އަދި ވަރަށް ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅުންވެސް އެބަތިބިކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދާއިރާއަށް މި ވެރިކަމުގައި ގެނައި ތަރައްގީ އާއި އެއް ފެންވަރެއްގެ ތަރައްގީއެއް އެހެން ސަރުކާރަކަށް ގެނެސްދެވިފައި ނެތްކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލާއި ތަރައްގީ ކުރިއެރުން ގެނެސްދޭނީ މި ސަރުކާރު ދެމި އޮވެގެންކަމަށެވެ. އެމަނިކުފާނު އެ ހުންނެވީ ރައްޔިތުން ބޭނުންވާ ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރެއް އެކުލަވާލަން ތައްޔާރަށްކަމަށެވެ،

