ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު، ރައީސް ޔާމީނާއަކީ ވިޝަނަރީ ލީޑަރެކޭ ބުނުމުން ހިތައް އުނދަގޫވޭ: މާރިޔާ

ރޭ އާޓިފިޝަން ބީޗުގައި ބޭއްވި "އިބޫ 2023" ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑަށް ބިރުހީވަނީ ވެރިކަން ހޯއްދެވުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލަގައްޔޫމާއި ގުޅިވަޑައިގެންފާނެތީކަމަށައި، ރައީސް ޔާމީންއަކީ ވިޝަނަރީ ލީޑަރެއްކަމަށް ނަޝީދު ވިދާޅުވުމުން ހިތަށް އުނދަގޫވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން އާޓިފިޝަން ބީޗް ހުންނަ ސަރަހައްދުގައި ކުރިއަށް ގެންދިޔަ “އިބޫ 2023” ޖަލްސަގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި މަހުގެ 28 ވާ ހޮނިހިރު ދުވަހަކީ މި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއްކަމަށެވެ. ބިޔަ ބޮޑު އެ ޕާޓީ އެދުވަހު އެ ނިކުންނަނީ ޕާޓީއިން 2023 ގެ ރިޔާސީ އިންތިހާބަށް ކަނޑައަޅާ ކެޑިޑޭޓު އިހުތިޔާރުކުރުމަށްކަމަށް ފާހަގަކުރައްވާ މާރިޔާ އިލްތިމާޒްކުރެއްވީ އެބޭފުޅުންގެ “ޗޮއިސް” ރައީސް ސާލިހަށް ވޯޓުދެއްވުމަށެވެ.

އޭނާ އެފަދައިން އިލްތިމާޒް އެކުރަނީ ސަބަބުތަކެއް ނެތި ނޫންކަމަށް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ޒަމާނުންސުރެ ރާއްޖޭގައި އޮތް އާއިލީ ވެރިކަމުގެ ނިޒާމު ކަމުނުދާތީކަމަށެވެ. ސިޔާސީ މައިދާނުގައި ކޮންމެ ރައްޔިތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށްކަމަށާއި، ތަރުތީބުވެގެން އިންތިޒާމުވެގެން ޑިމޮކްރެޓިކް އުސޫލުން ހިންގޭ ވެރިކަމެއް ގާއިމްކުރުމަކީ އެމްޑީޕީގެ އަމާޒްކަމަށް މާރިޔާ ވިދާާޅުވިއެވެ. އަދި އެއްވެ އުޅުމާއި ހިޔާލް ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސަފުގެ ނިޒާމުން ސިޔާސީ ނުފޫޒު އެއްކިބާކުރުމަކީވެސް އެމްޑީޕީގެ އަމާޒެއްކަމަށެވެ.

2008 ވަނަ އަހަރު އެމްޑީޕީއަށް ލިބުނު ވެރިކަން 2012 ވަނަ އަހަރު ވެއްޓުމަށްފަހު 2018 ގައި ރައީސް ސާލިހު ހުވާކުރެއްވުމާއި ހަމައަށް އެމްޑީޕީއަށް ކުރިއަށް ގެންދެވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތަކީ ރައީސް ނަޝީދު ދޫކޮށްލާ، ގޮވާ ގޮވެލި ފަތި ގޮވާލަ ގޮވާލާ ތިބުންކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއަދު ރައީސް ނަޝީދު އެމަނިކުފާނާއި، ރައީސް ޔާމީން އާއި އެއްގޮތޭ ވިދާޅުވާކަމަށް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، އެގޮތުން “އިންޑިއާ އައުޓް” ފިޔަވައި ރައީސް ޔާމީންގެ ހުރިހާ ސިޔާސަތެއް އެމަނިކުފާނަށް ވަރަށް ކަމުދާކަމަށް ވިދާޅުުވިކަމަށެވެ.

މިއަދު އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެންގެ ޕާޓީއިން ނުހަނު ލޯބިވާ، އަޅުގަނޑުމެންގެ ރައީސް ނަޝީދު ނުކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ޕީޕީއެމްގެ މެންބަރުން ހަރަކާތްތެރިވަކަމަށާއި، ރަށްރަށަށް ވަޑައިގަތީމައި އެމަނިކުފާނަށް އިސްތިއުބާލުކުރުމަށްޓަކައިވެސް ޕީޕީއެމް މެންބަރުން ނިކުންނަކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

ކޯލިޝަނެއްގެ ވާހަކަވެސް ރައީސް ނަޝީދު ދައްކަވާކަމަށާއި، އެހެންކަމުން އޭނާއަށް އެންމެ ބިރުހީވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީންއާއިއެކު ކޯލިޝަނެއް ހައްދަވައިފާނެތީކަމަށް މާރިޔާ ވިދާޅުވިއެވެ.

އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގަ ކޯލިޝަނެއް ހައްދަވަފާނެތީ. މިއަދު އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެންގެ ޕާޓީ، އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނުކުމެވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެން ހިތަށް އުނދަގުވޭ

ރައީސް ޔާމީންގެ ވިޝަން އަށް ނަޒަރު ހިންގާލުމަށްކަމަށް ވިދާޅުވެ، މާރިޔާ ފާހަގަކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ހިގައި ދިޔަ ކަންތައްތަކެވެ.

އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ގޮތަށް “ހަވާސް ފަޓާސް ބަރިއެއް ހެން” ރައީސް ނަޝީދަށްހުކުމް ކުރެއްވިކަމަށާއި، ކޯލިޝަނެއްގައި ވަޑަިއގެން ރައްޔިތުން މަޖިލީހުގެ އިންތިހާބު ނިމުމާއި އެކީގައި ކޯލިޝަންގެ ހުރިހާ މެންބަރުން އެބޭފުޅާގެ މުށުތެރެއަށް ކަހާލިކަމަށް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިންނާއި، އެކުގައި ކޯލިޝަން ހެއްދެވި ހުރިހާ ބޭފުޅުންވެސް ހައްޔަރުކުރެއްވިކަމަށެވެ.

އެގޮތުން އެންމެ ބުރަކޮށް ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި މަސައްކަތްކުރެއްވި ރައީސް މައުމޫނު 80 އަހަރށްވުރެ މައްޗަށް ގޮސްފައި ހުއްޓާ ޖަލަށްލެއްވި، އަދި ވާދަވެރިން ތެރޭގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި އެހީތެރިވި ގާސިމް އިބްރާހީމްގ ދަރިކަލުން ސިޔާދް ގާސިމާއި، ފާރިސް މައުމޫނާއި އަދ މި ނޫނަސް އެތައް ބޭފުޅުންނެއް ޖަލަށްލެއްވި

އަބުލަބިއްޔަތު ގެއްލުމާއިއެކީގައި މެންބަރުންގެ ގޮނޑި ގެއްލުވާލައްވައި، އެތައް ހާސް ދިވެހި ރައްޔިތެއްގެ އަޑު ރައޔްިތުންގެ މަޖިލީހުން ކަނޑުއްވާލެއްކަމަށާއި، ބޮޑެތި އަދަދުން މީޑިއާތަށް ޖޫރިމަނާކުރެއްވިކަމަށްވެސް މާރިޔާ ފާހަގަކުރެއްވިއެވެ. ނޫސްވެރިން ޖަލަށްލައްވާ، ރައްޔިތުންގެ މަޖިލީވެސް ހިސޯރުކުރެއްވިކަމަށާއި، އަދި ފަނޑިޔާރު ގެތަކަށް ނުފުޒުފޯރުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ސާލިހު 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުން، ރައްޔިތުން އެ އިއްވި ބަސް ބޭކާރުކޮށްލުމަށްޓަކައި ސްޕްރީމް ކޯޓަށްވެސް ވަޑައިގެންކަމަށެވެ. ކަން މިހެން އޮތްއިރު އެމްޑީޕީ މެންބަރުން ލޯބިވާ ރައީސް ނަޝީދު ރައީސް ޔާމީން އަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވުން ހިތައް އުދަގޫވާކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ރައީސް ނަޝީދު ރައީސް ޔާމީން އާއި ގުޅުންފަދަ މޮޔަކަމެއް ކުރިއަ ދީގެން ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: