ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާތަނަށް ބައިވެރިވެވަޑައިގަތް އިންތިހާބުތައް ކާމިޔާބު ކުރެއްވީ، ފައިސާގެ ނުފޫޒު މެދުވެރިކޮށްކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންވެސް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ރައީސް ސާލިހުވަނީ ޕާޓީގެ މެމްބަރުން މަގުމަތި ނުވުމަށް އޮތް ހަމަ އެކަނި ޗޮއިސް އަކީ އެމަނިކުފާނު ކަމަަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާގޮތުން، ދިވެހި ރާއްޖޭގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ހިނގަމުންދިޔަނަމަވެސް، ރައްޔިތުން އުޅެމުންދަނީ ނިކަމެތި ހާލަތެއްގައެވެ. އަދި އެކަން އެގޮތަށް ދިމާވެގެންދަނީ އާމްދަނީ އިތުރު ކުރުމަށްޓަކައި ބައްޓަންކޮށްފައިވާ އެމްޑީޕީގެ ސިޔާސަތުތަކުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާތީކަމަށް ވިދާޅުވެފައިވެއެވެ.
މީޑިއާ އަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހަށް ފާޑުކިޔުން އަމާޒުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު އެއްވެސް އިންތިހާބެއް ކާމިޔާބު ކުރެއްވުމަށް ރައްޔިތުންގެ ގާތަށް ގޮސް ތާއީދު ނުހޯއްދަވާކަމަށެވެ. އަދި އަބަދުވެސް އިންތިހާބުތައް ކާމިޔާބު ކުރެއްވީ ފައިސާ ބޭނުންކޮށްގެންކަމަށާއި އިންތިހާއަށް ފައިސާގެ ނުފޫޒު ފޯރުއްވުމުގެ އިތުރުން ރައީސް ސާލިހަކީ ކަންކަން ”މެނުޕިލޭޓު“ ކުރައްވާ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް ބޭނުންކުރުން ފަދަ ހުރިހާކަމެއް ރައީސް ސާލިހު ކުރައްވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވަނީ އަމަލީ ގޮތުން އެ މަސައްކަތްތައް ކޮށްގެންކަމަށާއި މި އިންތިހާބު އިންސާފުވެރި ނުވީނަމަވެސް އެމަނިކުފާނަށް އޮތް ތާއީދު ބޮޑުކަމުން އިންތިހާބު އޮޅުވާލަން ރައީސް ސާލިހަށް ދަތިކަމަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

