މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ، ޕީޕީއެމްއިން ޖަހާފައިވާ ދަންތުރައެއްގައި ޖެހިވަޑައިގެންކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ފޯރިއާއިއެކު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ޕާޓީގައި އުފެދިފައިވާ ދެ ފެކްޝަނުން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާއިރު، ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ޕާޓީއިން ވަކި ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ސެކްރެޓޭރިއެޓުންވަނީ އެ ވާހަކަތައް ދޮގުކޮށްފައިކަމަށްވާއިރު، ކުރިއަށްދާ ޕްރައިމަރީގެ ތެރޭގައި އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދަށް ކެމްޕެއިން ކޮށްދެމުންދާކަމަށް ރައީސް ސާލިހަށް ތާއީދު ކުރައްވާ ބޭފުޅުންދަނީ ތަކުރާރު ކުރައްވަމުންނެވެ.
އިދިކޮޅުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ވާހަކަ އަދި ރައީސް ނަޝީދަށް ކެމްޕެއިންކޮށްދެމުންދާ ވާހަކަތައް އެ ޕާޓީގެ އިސް ސަފުގައި ހުންނެވި ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދޮގުކުރައްވާފައިވާއިރު، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާވަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ޝެއަރ ކުރި ފޮޓޯއަކުން ފެނިގެންދަނީ ޕީޕީއެމްގެ މެމްބަރުންކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ނަޝީދު މަރަދޫ ފޭދޫ އަށް ވަޑައިގެން އެ ޕާޓީގެ މެމްބރުންނާއި އެކު ހުންނެވި މަންޒަރުކަމަށް ބުނެ އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ޝާއިއުކޮށްފައިވާ ފޮޓޯއެއް ފާހަގަކުރައްވާ ރޮޒައިނާ ވަނީ، އެ ފޮޓޯއިން އެމްޑީޕީގެ މަރަދޫ ފޭދޫގެ މެމްބަރުން ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
Raees Nasheed visnavaa lavvan eba jehivadainava mivaagothaa medhu. PPM in jahaa dhanthooraiga manikfaanu rangalhah jehivadainfi! MDP membarun mikamaa funkoh visnaalan jehey! pic.twitter.com/9MnVw3jxiZ
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) January 24, 2023
ގިނަ އަދަދެއްގެ މީހުން ފެނިގެންދާ އެ ފޮޓޯއަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، އެ ފޮޓޯއިން ފެނިގެންދަނީ މަރަދޫ ފޭދޫއަށް ނިސްބަތްވާ އެމްޑީޕީގެ ދެތިން މެމްބަރުންކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި މިހާރު ޕީޕީއެމްގެ މެމްބަރުންނަށް ވޯޓު ނުލެވޭނެކަމަށާއި، ރައީސް ނަޝީދުގެ ކެމްޕެއިންގެ ތެރެއިން ފެނިގެންދަނީ ”ހުސް“ ޕީޕީއެމްގެ މެމްބަރުންކަމަށް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ވަމުންދާ ގޮތާއިމެދު ރައީސް ނަޝީދު ވިސްނާވަޑައިގަތުން މުހިންމުކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންވެސް ފެންނަމުންދާ ކަންކަމާއިމެދު ފުންކޮށް ވިސްނާލައްވަންޖެހޭކަމަށާއި، ރައީސް ނަޝީދު ހުންނެވީ ރަނގަޅަށްވެސް ޕީޕީއެމްގެ ދަންތުރައެއްގައި ޖެހިވަޑައިގެންކަމަށް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު އައްޑޫ މީދޫއަށް ވަޑައިގެންނެވި މަންޒަރުވެސް ރޮޒައިނާވަނީ ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާފައެވެ.
އެނާ ވިދާޅުވީ، މީދޫ އިން ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް ނުކުމެ ތިބި މީހުންގެ ތެރެއިން އެމްޑީޕީގައި ހިމެނޭނީ 6 ވަރަކަށް މީހުންކަމަށެވެ. އަދި އެނާ މީދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނަވާތާ 8 އަހަރަށްވުރެ ގިނަ ދުވަސްވެގެންގޮސްފައިވާއިރު، 6 މީހަކު ނޫނީ ފެނިގެންދަނީ އެމްޑީޕީގެ ބައެއްގެ ގޮތުގައި ފާހަގަ ނުކުރެއްވޭ މީހުންކަމާށް އެނާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވަނީ ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދާއި އެކު ފެނިގެންދަނީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށެވެ. އަދި އެ ޕާޓީގެ ކުލައިގެ ހެދުމެއް ލައިގެން ދިޔަ ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ޕީޕީއެމްގެ މެމްބަރުންނަށް ވޯޓު ނުލެވޭނެކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ރައީސް ނަޝީދު ހުންނެވީ ޕީޕީއެމްގެ އަވައިގައި ޖެހިވަޑައިގެންކަމަށެވެ. އަދި އެ ނުފޫޒުގައި ނުޖެހި އެމްޑީޕީ އެކަތިގަނޑަކަށް ހެއްދެވުމަށް މަސައްކަތް ކޮއްދެވުމަކީ ރައީސް ނަޝީދަށްވެސް ހުރި މޮޅު ގޮތް ކަމަށާއި، ޕާޓީއާއި މެދު ވިސްނާ ވަޑައިގުމަށްވެސް ރޮޒައިނާ އިލްތިމާޒް ކުރެއްވިއެވެ.
އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދަށް ކެމްޕެއިން ކޮށްދެމުންދާކަމަށް ރޮޒައިނާ ތުހުމަތު ކުރައްވާފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން އެމްޑީޕީގެ ކުރީގެ ރައީސްއެއް ކަމަށްވާ ޑރ އިބްރާހިމް ދީދީވެސް މިފަދަ ތުހުމަތެއް ކުރެއްވުމާއިއެކު، އާދަމް ޝަރީފްވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އެނާ ވިދާޅުވީ، އިދިކޮޅުން އެމްޑީޕީގެ އެއްވެސް ކެނޑިޑޭޓަކަށް ކެމްޕެއިން ކޮށްދޭންވީ ސަބަބެއް ނޯންނާނެކަމަށެވެ. އަދި އެ ޕާޓީގެ އަމާޒަކީ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޒައާމަތުގެ ދަށުން ”ރައްޔިތުންގެ“ ވެރިކަމެއް ކުރުންކަމަށް ވިދާޅުވިއެވެ.


One Response
އިބޫ ކެމްޕެއިނުން ފެންނަނީ ޑީއާރުޕީ ފުޑާލާފައައި މީހުންނާ ތަސްމީނަށް %5 ވޯޓް ހޯދާދިންމީހުން