ވަޒީފާ ދޭ މީހާ ސަރުކާރަށް ތާއީދުކުރުމަކުން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ވަޒީފާތަކުގައި ތިބި މުވައްޒަފުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމަށް އަންގާ ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ހިއްސާވާ އެއްވެސް ކުންފުންޏެއްގެ ވެރިއަކު އެ ކުންފުނީގެ މުވައްޒަފުންނަށް ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް އަމުރު ނުކުރައްވާނެކަމަށެވެ. އެގޮތުން ޖަލްސާތަކަށާއި، ރައީސް ސާލިހުގެ ކެމްޕެއިންތަކުގައި ހަރަކާތްތެރިވުމަށް އަމުރުނުކުރައްވާނެކަމުގައި ފާހަގަކުރެއްވިއެވެ.
ނަމަވެސް ކެމްޕެއިން ތެރޭގައި މަސައްކަތްކުރައްވާ ނުވަތަ ޕާޓީގެ ލައިންގައި އެ އޮންނަ ގުޅުމުގެ ތެރެއިން އަދި ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ދައުވަތުއަރުވާފާނެކަމަށް މިއުވާން ވިދާޅުވިއެވެ. އެފަދަ ބޭފުޅުންނާއިއެކު އެފަދަ މަޝްވަރާއެއްވެސް ކުރައްވާފާނެކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އެހެން ނަމަވެސް އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނޯންނާނެކަމަށެވެ.
ދެން ކައުންސިލްތަކަށް ސިޓީތަކެއް ދިންކަމެއް، އަޅުގަނޑަށް އަދި ތިކަހަލަ މައުލޫމާތެއް ލިބިފައެއް ނެތް
ރައީސް ސާލިހު ކުރައްވަމުން ގެންދަވަނީ ކެމްޕެއިން ދަތުރުފުޅެއްކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެއީ ރައީސުލްޖުމްހުރިއްޔާއަށް ވީތީ ކައުންސިލް އިދާރާތަކުގެ ބޭފުޅުން މަޝްވަރާއެއް ކުރެއްވުމަށް ބޭނުންނާވަނަމަ އެ ފުރުސަތުވެސް އޮންނާނެކަމަށެވެ. ވާދަވެރި ޕާޓީތަކުގެ ކައުންސިލަރުން ނަމަވެސް ރައީސް ސާލިހު، ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ވަޑައިގެންނެވުމުން ރިސީވް ކުރައްވަން ނިކުމެވަޑައިގަންނަވާކަމަށްވެސް މިއުވާން ފާހަގަކުރެއްވިއެވެ. ނަމަވެސް ކެމްޕެއިން ދަތުރުތަކުގައި ވަޑައިގަތުމުން ނުނިކުންނަވާކަމަށް ވިދާޅުވިއެވެ.
ރައީސްގެ އަރިހުގައި ގިނަ ރަށްތަކަކަށްދެވިއްޖެކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ނަމަވެސް ސިޓީ އަކުން އެންގުމުން ކައުންސިލަރުން ނިކުތް މަންޒަރު ނުފެންނަކަމަށެވެ.
އެ މަސައްކަތްކުރާ ތަނަކަށް ނިސްބަތްވާ ޔުނީފޯމުގައި ރައީސްގެ އަރިހަށް ވަޑައިގަންނަވަނީީ، މަޖުބޫރުކުރާތީ ނޫންކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ މަސައްކަތުގައި ލިބޭ ހުސް ވަގުތުތަކުގައި އަންނާތީ ޔުނީފޯމުގައި ހުންނަނީކަމަށެވެ.
މި ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަރަށް ބައިވަރު މަޝްރޫއުތައް ހިންގަމުންގެންދާކަމަށާއި، އެހެންކަމުން ބައިވަރު ވަޒީފާތައްވެސް އުފެދިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. އެ ވަޒީފާތައް ލިބުނު ފަރާތްތަކުން ސަރުކާރަށް ތާއީދުކުރެއްވުމަކުން ސަރުކާރުން ކުރާނެ މާ ބޮޑުކަމެއް ނޯންނާނެކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، ހިޔާލްފާޅުކުރުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މިނިވަންކަން ހުރިހާ ބޭފުޅުންނަށްވެސް އޮންނާނެކަމަށެވެ.
މީގެ އިތުރުން މިއުވާން ފާހަގަކުރެއްވީ ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދެއްކަމަށްވަނީނަމަ ފުއްދާނެކަމަށެވެ.

