ބްރޮޑްކާސްޓިންގ ކޮމިޝަން (ބްރޮޑްކޮމް) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ ބްރޮޑްކޮމް ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ ކަމަށެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 5 އަދި 6 ވަނަ ދުވަހަށެވެ.
މެމްބަރު ކަމަށް ކުރިމަތިލާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:30 އާއި 12:30 އާ ދެމެދު ރައީސް އޮފީހުންނެވެ.
ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ވެސް އިއުލާން ކުރިއެވެ. އެއީ އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްމުމާ ގުޅިގެން އެ މަގާމު ހުސްވެފައި ވާތީއެވެ.
މިވަގުތު ބްރޮޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 6 މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި މުހައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމް އެވެ.

